ސަލްމާން ރަސްގެފާނު ގޮވާލެއްވީ ކޮވިޑް ވެކްސިން ކޮންމެ އިންސާނަކަށް ފޯރުކޮށްދޭން

ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު -- ފޮޓޯ: އޭޕީ

ދުބާއީ (ނޮވެމްބަރު 21): ދުނިޔޭގެ އެންމެންނަށްވެސް ކޮވިޑް-19 ވެކްސިން ހަމަހަމަކަމާ އެކު ލިބޭނެކަން ޔަގީން ކުރަން ޖީ20 ގައުމުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އިގުތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު ހިމެނޭ ސަމިޓު މި އަހަރު ބާއްވަނީ އޮންލައިންކޮށެވެ. އަދި އެ ސަމިޓު ފައްޓަވައިދެއްވަމުން ސަލްމާން ރަސްގެފާނު ވަނީ ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން ޖީ20ގެ ލީޑަރުންނަށް ސައުދީއަށް ވަޑައިނުގެންނެވޭތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ރަސްގެފާނު އިތުރަށް ވިދާޅުވި ގޮތުގައި ކޮވިޑަށް ވެކްސިނާއި ފަރުވާ ހޯދުމުގެ މަސައްކަތް ކުރިއަށްދަނީ ރަނގަޅަށެވެ. ނަމަވެސް ވެކްސިނާއި ފަރުވާތައް އެންމެންނަށްވެސް އަތްފޯރާފަށުގައި، ހަމަހަމަކޮށް ފޯރުކޮށްދޭވެނެކަން ޖީ20 ގައުމުތަކުން ކަށަވަރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"ކޮވިޑް-19އަށް ވެކްސިނާއި ފަރުވާ އާއި ޓެސްޓު ކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ ރަނގަޅަށް، ނަމަވެސް އެ ހުރިހާ އާލާތްތަކެއް އެންމެންނަށްވެސް އަގުހެޔޮކޮށް އަދި ހަމަހަމަ ގޮތެއްގައި ލިބޭނެ ގޮތް ހެދުމަށް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ޖެހޭ،" ސަލްމާން ރަސްގެފާނު ވިދާޅުވި އެވެ.

ސައުދީ އަރަބިއާ އިސްވެ އޮވެގެން މި އަހަރު ބާއްވާ ޖީ20 ސަމިޓުގައި ކޮވިޑް ބަލިމަޑުކަމާއި އޭގެ ސަބަބުން ގައުމުތަކަށް ލިބޭ އިގުތިސާދީ ގެއްލުންތަކާ ބެހޭ މަޝްވަރާތައް ބާއްވާނެ އެވެ. އަދި ސަލްމާން ރަސްގެފާނު ވިދާޅުވި ގޮތުގައި ދެ ދުވަހަށް ދެމިގެންދާ އެ ސަމިޓު ނިމޭނީ މުސްތަގުބަލާ ބެހޭ ގޮތުން ދުނިޔޭގެ އެންމެންގެވެސް އުއްމީދުތައް އާލާވާނެ ފަދަ އިގުތިސާދީ އަދި އިޖުތިމާއި ސިޔާސަތުތަކަށް މަގުފަހިވާނެ މަޝްވަރާތަކަށް ފަހުގަ އެވެ.

comment ކޮމެންޓް