ރާއްޖެ-އީޔޫ ޕޮލިސީ ޑައިލޮގް ހޯމަ ދުވަހު

އީޔޫއާއި ފޮރިން މިނިސްޓްރީއާ ދެމެދު ބޭއްވި ބައްދަލުވުމުގެ ބައިވެރިން ---

ރާއްޖެއާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު ބާއްވާ ޕޮލިސީ ޑައިލޮގްގެ ފަސް ވަނަ ބައްދަލުވުން މިމަހުގެ 23 ވަނަ ދުވަހު އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.

މިއަހަރުގެ ޕޮލިސީ ޑައިލޮގް ބާއްވާނީ ވާޗުއަލްކޮށެވެ. މި ޑައިލޮގްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ.

މީގެ އިތުރުން މަސްވެރިކަމާ، ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި، ތަރައްޤީގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ އިތުރުން މާލީ ދާއިރާ، ޑިމޮކްރަސީ، އިންސާނީ ހައްގުތައް، ސަލާމަތީ އެއްބާރުލުން އަދި ޝެންގެން ވިސާ އާއި ބެހޭ ގޮތުން މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ޕޮލިސީ ޑައިލޮގްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ މިނިސްޓާ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދެވެ. މިނިސްޓަރުގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނާނެއެވެ.

އީޔޫގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އީޔޫ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ.

ރާއްޖެއާއި އީޔޫއާ ދެމެދު އެކި ދާއިރާތަކުން ހަރުދަނާ ގޮތެއްގައި މަޝްވަރާކޮށް، ރާއްޖެއާއި އީޔޫ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ބާއްވާ މި ޑައިލޮގަކީ އަހަރު އެއް ފަހަރު ބާއްވާ މަޝްވަރާތަކެކެވެ.

މި ޑައިލޮގްގެ އިތުރުން ރާއްޖެއާއި އީޔޫ އާ ދެމެދު ސީނިއާ އޮފިޝަލުންގެ ބައްދަލުވުމެއް އަހަރަކު އެއް ފަހަރު ބޭއްވުމަށް ނިންމައި، ފުރަތަމަ ބައްދަލުވުން މިއަހަރު ފެބްރުއަރީ މަހު މާލޭގައި ވަނީ ބާއްވާފައެވެ.

comment ކޮމެންޓް