އަޅުގަނޑު ދެކޭ ގޮތާއި ސަރުކާރު ދެކޭ ގޮތް އެއްގޮތެއް ނުވާނެ: މަޖިލިސް ރައީސް

ރައީސް ސޯލިހާއި ރައީސް ނަޝީދު ---- ސަން ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް

ކަންކަމުގައި ސަރުކާރުން ދެކޭ ގޮތާއި މަޖިލިސް ރައީސް ދެކޭ ގޮތް އެއް ގޮތް ވާކަށް ނުޖޭހޭ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ، މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޗައިނާއަކީ ހަތުރެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރެއްވި ނަމަވެސް ސަރުކާރުން އެގޮތަށް ސިފަނުކުރާ ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް މެމްބަރުން އަދި ހުދު އެމަނިކުފާނުވެސް ކަންކަމުގައި ދެކޭ ގޮތަކީ ސަަރުކާރު ދެކޭ ގޮތް ނޫން ކަމަށެވެ.

"މެމްބަރުންނަށްވެސް އަދި އަޅުގަނޑަށްވެސް ކަންކަން ފެންނަ ގޮތް، ސަރުކާރަށް ފެންނަ ގޮތާ އެއްގޮތްވުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުވެސް ދެކޭ ގޮތެއް ނޫން އަދި މަޖިލިސް ވެސް ދެކޭ ގޮތެއް ނޫން. އަދި އެއީ ގާނޫނުއަސާސީވެސް ބަޔާން ކުރާ ގޮތެއް ނޫން،"ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު: ސަރުކާރުން ދެކޭ ގޮތާއި އެމަނިކުފާނު ދެކޭ ގޮތް އެއްގޮތްވާކަށް ނުޖެހޭ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ކުރައްވާ ކަމަކީ ގާނޫނުއަަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ސަރުކާރު ޖަވާބުދާރީ ކުރުމާއި ގާނޫނު ހެދުމާއި ބަޖެޓް ފާސް ކުރުން ކަމަށެވެ. އަދި އެގޮތަށް ބަޖެޓްގެ މަސައްކަތް ކުރާއިރު، ރާއްޖޭއިން ނަގާފައިވާ ދަރީނީގެ ނިސްބަތް ފާހަގަ ވާނެ ކަމަށާއި އެކަންކަމުގެ ހަގީގަތް ބަޔާންކޮށްދޭން ޖެހޭ ކަމަށެވެ.

އެގޮތުން ރާއްޖެއިން ދަރަނީގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް އަނބުރާ ދައްކަން ޖެހިފައިވަނީ ޗައިނާގެ އެކި އެކި ބޭންކްތަކަށް ކަން ފާހަގަ ކުރައްވާ ވިދާޅުވީ އެ ވާހަކަތައް ދެއްކުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ދަރާ އޮތީ ޗައިނާއަށް ކަމާއި އެ ދަރަނި ޗައިނާއަށް އަޅުގަނޑުމެން ދަކަން ޖެހޭ ކަަމާ، މިހުރީ ހަގީގަތްތައް. އެއީ ހަތުރަކަށްވިޔަސް އަދި ރަހުމަތްތެރިއަކަށްވިޔަސް މި ހަގީގަތްތައް ހާމަ ކުރަމުން ގެންދަން ޖެހޭނެ. އަޅުގަނޑުމެން މާތް ރަސްކަލާންގެ ގަންދީ ހުވާ ކޮށްގެން މިތިބީ ހަގީގަތް ހާމަ ކުރުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޗައިނާގެ ކުންފުނިތަކުން ހިންގި އަދި ހިންގަމުންދާ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކަށް ދިވެހި ސަރުކާރުން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައިވެ އެވެ. ނަމަވެސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޗައިނާ ސަފީރު ވިދާޅުވެފައި ވަނީ ދަރަނީގެ އަދަދަކީ 1.52 ބިލިއަން ޑޮލަރު ކަމަށެެވެ.

ކޮވިޑް19ގެ ސަބަބުން އިގްތިސާދަށް ކުރި އަސަރުގެ ސަބަބުން ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވް ނުވަތަ ލޯނު ދެއްކުމަށް ލުއި ދިނުމުގެ ސިޔާސަތުގައި ދަށުން މިއަހަރުގެ މެއި-ޑިސެމްބަރު ގެ ނިޔަލަށް ރާއްޖޭގެ ބައެއް ލޯނުތައް ދެއްކުން ޗައިނާއިން މިހާރު ފަސްކޮށްދީފައިވެ އެވެ. ފަސްކޮށް ދީފައިވަނީ ސީދާ ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކުމުގެ މުއްދަތު އެކަންޏެވެ.

comment ކޮމެންޓް