ޕީޕީއެމް ސަރުކާރުގައި ޗައިނާއިން ނެގި ލޯނަކީ އޯގާތެރި ލޯނެއް: ސައީދު

މާވަށު ދާއިޜާގެ މެމްބަރު މުހައްމަދު ސައީދު — ފޮޓޯ/ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ޗައިނާގެ ސަރުކާރުން ނެގި ލޯނަކީ ވަރަށް އޯގާތެރި ލޯނެއް ކަމަށް އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު އެހެން ވިދާޅުވީ މަޖިލީހުގައި މިހާރު ކުރިއަށް ދާ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގެ ބަހުސްގެ ތެރެއިންނެވެ. ބަޖެޓު މަރުހަލާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެ ލޯނަކީ ދިވެހި ރާއްޖެއަށް އެތައް ގޮތަކުން މަންފާތަކެއްވީ ލޯނެއް ކަމަށެވެ.

"ޗައިނާ ސަރުކާރުން އަޅުގަނޑުމެން ނެގި ލޯނަކީ ވަރަށް އޯގާތެރި ލޯނެއް. ދިވެހިރާއްޖޭގެ ބުރިޖު އެޅި ލޯނު އެއީ. ދިވެހިރާއްޖޭގެ ދެވަނަ ރަންވޭ އެޅި ލޯނު އެއީ. ދިވެހިރާއްޖޭގެ މައި އެއާޕޯޓު ޖީއެމްއާރު އަތުން އަނބުރާ 300 މިލިއަން ރުފިޔާ ދީފަ ގަނެފަ ހަތް މިލިއަން ފަތުރުވެރިންނަށް ތަރައްގީ ކުރި ލޯނު އެއީ" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ބައިނަލްއަގުވާމީ މަލީ ބާޒާރުގައި ވަރަށް ބޮޑު އިތުބާރެއް ގާއިމް ކޮށްފައިވާނެ ކަމަށެވެ.

ރާއްޖެއިން ޗައިނާ ސަރުކާރުން ނަގާފައިވާ ލޯނު މި ސަރުކާރުން އެދުނު ނަމަވެސް ސަރުކާރުން ބޭނުންވާހާ ދުރަކަށް ދަމާލަދޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. އެހެންނަމަވެސް އެކަން ވާނީ ކޮންމެސް ވަރަކަށް ބަސް އަހައި ގޮތް ދޫކޮށްގެން ކަމަށް ސައީދު ވިދާޅުވި އެވެ.

މި ސަރުކާރުން ހެޔޮވެރިކަމުގެ ވާހަކަ ދައްކާއިރު އަމަލުން އެކަން ނުފެންނަ ކަމަށް ސައީދު ވިދާޅުވި އެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި 720 މިލިއަން ރުފިޔާއަށް 60 ރަށުގައި ފެނާއި ނަރުދަމާ އަޅަން ހަރަދު ކުރުމުން އެވަރު ބޮޑުވެގެން އެވާހަކަ އެމްޑީޕީއިން ދެއްކި އިރު މިއަދު އެމަސައްކަތަށް މާބޮޑު ހަރަދު ކުރަމުން ދާ ކަމަށް ސައީދު ވިދާޅުވި އެވެ.

"އެމްޑީޕީއިން އެ އަދަދު ބޮޑުވެގެން ޕްރޮޖެކްޓްތައް ހުއްޓުވާލީ. ކޮބައިތޯ މިއަދު ތަފާތަކީ. 60 ރަށުގެ ނަރުދަމާއަށް 1.3 ބިލިއަން ރުފިޔާ މިއަދު ފާސްކޮށްގެން ތި ގެންދަނީ. ދެގުނަ ބޮޑުކޮށް. މިއީތޯ ހެޔޮވެރި ކަމަކީ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ދިވެހި ރައްޔިތުން ދެން އެމްޑީޕީއަށް ވެރިކަމެއް ނުދޭނެ ކަމަށެވެ. އަދި 2023 ވަނަ އަހަރު ޕީޕީއެމް ވެރި ކަމަށް އަންނައިރު ދައްކަން ޖެހޭނެ ބޮޑު ދަރަނި މެނޭޖް ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭތީ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓުގައިވާ ގޮތުގައި ދަރަނި ދެއްކުމާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސްމާލާ އެކު ބަޖެޓުގެ ޖުމްލަ އަކީ 34.79 ބިލިއަން ރުފިޔާއަށްވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ. މިއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 23 ޕަސެންޓުގެ ޑެފިސިޓެކެވެ.

އެ ޑެފިސިޓް ފޫބެއްދުމަށް ފައިސާ ހޯދާނެ ގޮތަކީ؛

  • 300 މިލިއަން ޑޮލަރު (4.63 ބިލިއަން ރުފިޔާ): ބޭރަށް ބޮންޑާއި ސްކޫކް ވިއްކައިގެން
  • 100 މިލިއަން ޑޮލަރު (1.54 ބިލިއަން ރުފިޔާ): ގްރީން ނުވަތަ ބްލޫ ބޮންޑު ވިއްކައިގެން
  • 150 މިލިއަން ޑޮލަރު (2.31 ބިލިއަން ރުފިޔާ): ބޭރު ގައުމުތަކާއި ޖަމްއިއްޔާތަކުން ލޯނު ނެގުން
  • 3.7 ބިލިއަން ރުފިޔާ: އެތެރޭގެ މާކެޓަށް ބޮންޑު ވިއްކުން
  • 462 މިލިއަން ރުފިޔާ: ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން
comment ކޮމެންޓް