މާމަމެންގެ ފައްޓަރުބައި ވިއްކާލިޔަސް ދަރަނި އަދާ ނުކުރެވޭނެ: ނަޝީދު

ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--

މާމަމެންގެ ފައްޓަރުބައި ވިއްކާލައިގެންވެސް ރާއްޖޭގެ ދަރަނި އަދާނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ، އެ ބަޖެޓުގައި ދައުލަތަށް ލިބޭނެ އާމްދަނީގެ 53 ޕަސެންޓު ހޭދަވާނީ ދަރަނި އަދާކުރަން ކަމަށެވެ.

ނަޝީދު ވިދާޅުވީ ދަރަނީގެ 80 ޕަސެންޓަކީ ޗައިނާއިން ނަގާފައިވާ ދަރަނި ކަމަށެވެ. އަދި މާމަމެންގެ ފައްޓަރުބައި ވިއްކާލައިގެންވެސް ދަރަނި އަދާ ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އާމްދަނީގެ 53 ޕަސެންޓު ދަރަނި އަދާކުރަން ހޭދަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، ބަޖެޓުގައި ދަރަނީގެ ހިދުމަތާއި ދަރަނި އަދާކުރަން ކަނޑައަޅާފައިވަނީ ހަތަރު ބިލިއަން ރުފިޔާ އެވެ. އެއީ އާމްދަނީގެ 22 ޕަސެންޓެވެ.

އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ސަރުކާރުން ލަފާ ކޮށްފައިވާއިރު، ދައުލަތުގެ ބަޖެޓަށް ބުރަވެފައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނެގި ދަރަނީގެ ސަބަބުން ކަމަށް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

https://sun.mv/145715

comment ކޮމެންޓް