ބަޖެޓަށް ބުރަވުން ރައީސް ނަޝީދު އެޅުއްވީ ކުރީ ސަރުކާރުގެ ބޮލުގައި

ރައީސް މުހައްމަދު ނަޝީދު މިއަދު އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ދައުލަތުގެ ބަޖެޓަށް ބުރަވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނަގާފައިވާ ދަރަނިން ނޫން ކަމަށާއި، އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނެގި ދަރަނީގެ ސަބަބުން ވެފައިވާ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން މިއަދު އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ނެގި ދަރަނީގެ ތެރެއިން ފަސް ބިލިއަން ރުފިޔާ އަނބުރާ ދައްކަން ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. މި އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް 83 މިލިއަން ޑޮލަރު ޗައިނާއަށް ދައްކަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ބަޖެޓަށް ބުރަވެގެން އުޅެނީ ރައީސް ސޯލިހުގެ ސަރުކާރުން ނެންގެވި ދަރަނީގެ ސަބަބުން ނޫން ކަމަށެވެ. ބަޖެޓަށް ބުރަވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނެގި ބޮޑު ދަރަނީގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން ދައްކަން ޖެހިގެން މި އުޅެނީ ނުވަތަ ބަޖެޓަށް ބުރަވެގެން މި އުޅެނީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދަރަނީގެ އެންމެ ލާރިއެއްވެސް ދައްކަން ޖެހިގެނެއް ނޫނޭ އިނގޭތޯ. ރައީސް ޔާމީންގެ ސަރުކާރުގައި ދައްކަން ޖެހިފައިވާ ދަރަނީގެ ފައިސާ ދައްކަން ޖެހިގެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"[ރައީސް ޔާމީންގެ ސަރުކާރުގައި] ބެއްލެވުމެއް ނެތް، އޮޅުމެއް ނެތް ވިޔަފާރީގެ ދެކޮޅުޖެހުމެއް ބަލާލުމެއް ނެތް. ހަމަ ރުފިޔާ ވީމާ ނަންގަވަމުން ގެންދެވީ،"

ދިމާވެފައިވާ ދަތި އިގްތިސާދީ ހާލަތުގެ ސަބަބުން، ރައީސް ޔާމީންގެ ސަރުކާރުގައި ނެގި ދަރަނި ދައްކަން ޖެހިފައި ވަނީ އިތުރަށް ދަރަނި ނަގައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓު މިވަގުތު ފެންނަން އޮތް ގޮތް ހުތުރު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެއީ މި ސަރުކާރުގައި ގެނައި ހުތުރު ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު މި ބަޖެޓު ފެންނާން މި އޮތް ގޮތް ކިތަންމެހާވެސް ހުތުރު. އެހެން ނަމަވެސް ތަކުރާރުކޮށް ދަންނަވާނަން މި ހުތުރު ކަމަކީ އަޅުގަނޑުމެން ގެނައި ހަޑިހުތުރު ކަމެއް ނޫނޭ. އެހެން ބައެއްގެ ދަރަނި ދައްކަން ވެގެން އަޅުގަނޑުމެންގެ ފައްޓަރުބައި ވިއްކާލަން މި ޖެހެނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ދުނިޔެ ބަންދުވެފައިވާ މި ދަނޑިވަޅުގައިވެސް، ޗައިނާ ފަދަ ވަރުގަދަ ގައުމަކުން އެއްވެސް ލުޔެއް ދިނުމެއް ނެތި ރާއްޖެއިން ދައްކަން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެއީ ދުނިޔެ ދަންނަ އިންސާފެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންނަމަވެސް، މި ސަރުކާރުގައި ރައީސް ޔާމީންގެ ސަރުކާރުން ނެގި ދަރަނި ދެއްކުން ފަސް ކުރާނެ ކަމަށާއި، ނޫނީ އެ ދަރަނި ކުޑަކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"...ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ދަރަންޏަށް ހަދާނެ ގޮތް ތިބޭފުޅުން ބައްލަވަން ތިއްބަވާ. އިރާދަކުރެއްވިއްޔާ އެ ދަރަނި ފަސްވެސް ކުރެވޭނެ. އިރާދަކުރެއްވިއްޔާ އެ ދަރަނި ލަސްވެސް ކުރެވޭނެ. އިރާދަކުރެއްވިއްޔާ އެ ދަރަނި ކުޑަވެސް ކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ބަޔަކަށް ދޭން އޮތް އެއްޗެއް. އަޅުގަނޑުމެންނަށް އެ އެއްޗެއް ދެވޭނީ އަޅުގަނޑުމެންނަށް ދެވޭ ވަރު ވީމައި. ނެތް އެއްޗެއް ނުދެވޭނެ. ނެތް އެއްޗެއް ބަލާވެސް މީހަކު އަންނާނެ ކަމެއް ނެތް،"

ރައީސް ސޯލިހުގެ ސަރުކާރުގައިވެސް އިންޑިއާއިން ބޮޑެތި ލޯނުތައް ނަގާފައިވުމުން އެކަމުން ގައުމު ދަރަނިވެރިވެފައިވާ ކަމަށް އިދިކޮޅުން ބުނެ އެވެ.

ސަރުކާރުން ބުނަނީ އިގުތިސާދު މެނޭޖްކުރުމަށްޓަކައި މި ވަގުތު ކުރަން ޖެހޭ ކަންކަމުގެ ސަބަބުން ދަރަނި އިތުރަށް މައްޗަށް ދާނެ ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.

comment ކޮމެންޓް