ވެރިކަން ހަވާލުކުރަން ބައިޑެންއަށް އެއްބާރުލުން ނުދޭތީ އޮބާމާ ޓްރަމްޕަށް ފާޑުވިދާޅުވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް އޮބާމާ (ވ) އިންތިހާބްވި ރައީސް ޖޯ ބައިޑެން (ކ)އާއެކު--

އެމެރިކާގެ ރައީސްކަމަށް އިންތިހާބްވެ ވަޑައިގެންނެވި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެންއަށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަަމްޕް އެއްބާރުލުން ނުދެއްވާތީ ކުރީގެ ރައީސް ބަރަކް އޮބާމާ ޓްރަމްޕްއަށް ފާޑުވިދާޅުވެއްޖެ އެވެ.

އޮބާމާ އެންމެ ފަހުން ލިޔުއްވި "އަ ޕްރޮމިސް ލޭންޑް" ޕްރޮމޯޓްކުރުމުގެ ގޮތުން ދެއްވި އިންޓަވިއުއެއްގައި އޮބާމާ ވިދާޅުވީ ޓްރަމްޕްގެ އެ އަމަލަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަމަށް ޓްރަމްޕް ނިސްބަތްވެލައްވާ ރިޕަބްލިކަން ޕާޓީއިން އަޅާނުލާތީވެސް އޮބާމާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ ދުނިޔެވީ ބަލިމަޑުކަމެއްގެ ތެރޭގައި. އިގްތިސާދީ ކާރިސާއެއްގެ ތެރޭގައި. ގައުމުގެ ސަލާމަތީ މައްސަލަތައް އެބައުޅޭ،" އޮބާމާ ވިދާޅުވި އެވެ.

އޮބާމާ އިތުރަށް ވިދާޅުވީ މީގެ ކުރިން ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއާ އެމަނިކުފާނާ ދެމެދު ހިޔާލު ކިތަންމެ ތަފާތު ނަމަވެސް އެމަނިކުފާނާ ވެރިކަން ހަވާލުވީ ވަރަށް އޮމާންކޮށް ކަމަށެވެ.

ޓްރަމަޕް ފަދަ ބޭފުޅުންނަށް އެމެރިކާގެ މީހުން ވޯޓު ދެނީ ކީއްވެގެންކަމެއް އެއްގޮތަކަށްވެސް ނޭނގޭކަމަށް އޮބާމާ ވިދާޅުވި އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޓްރަމްޕްއަށް 232 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވި އެވެ. އަދި އިންތިހާބު ކާމިޔާބުކުރެއްވި ބައިޑެންއަށް 290 ވޯޓު ލިބިވަޑައިގެންނެވި އެވެ. ނަމަވެސް ބަލި ގަބޫލުކުރަން ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. --އަލްޖަޒީރާ--

comment ކޮމެންޓް