ބަޖެޓުގައި އާމްދަނީއަށްވުރެ ރިކަރަންޓް ހަރަދު ބޮޑުވެ ކަންބޮޑުވުމެއް

ބަޖެޓު ދިރާސާކުރާ ކޮމެޓީއިން މިއަދު ބޭއްވި ބައްދަލުވުން-- ފޮޓޯ/މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ރީކަރަންޓް ހަރަދުތައް ބޮޑުވާނެ ކަމަށް އަންދާޒާ ކޮށްފައި ވާތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބަޖެޓް ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއދު ވިދާޅުވީ އާމްދަނީއަށް ވުރެ ރިކަރަންޓް ހަރަދު ބޮޑުވުމުން ދަރަންޏަށް ބަރޯސާވުން އިތުރުވާން ޖެހޭނެ ކަމަށެވެ. އަދި މަޝްރޫއުތައް މެނޭޖުކުރަން ދަތިވާނެ ކަމަށް ވެސް އަލީ ހާޝިމް ވިދާޅުވި އެވެ.

ބަޖެޓު ދިރާސާކުރާ ކޮމެޓީގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ހިލޭ އެހީ ނުހިމެނޭ ގޮތަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއިން ރީކަރަންޓް ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށެވެ.

"ރެވެނިއު ސްޓްރީމަށްވުރެ ރިކަރަންޓް ހަރަދު ބޮޑުވެގެންދޭ އެބަ. ރިކަރަންޓް ހަރަދު އެގޮތަށް ބޮޑުވެގެންދާނަމަ އެންމެ އެފިޝަންޓް ޔޫސް އޮފް ރިސޯސްއެއް ނޫން (ވަސީލަތްތައް އެންމެ އެކަށިގެންވާ ގޮތުގައި ބޭނުން ކުރުމެއް ނޫން). އަމިއްލަ ހަރަދުތައް ރާވާއިރު، ލިބޭ އާމްދަނީއަށްވުރެ ރިކަރަންޓް ހަރަދުތައް ބޮޑުވެއްޖެނަމަ ދަރަންޏަށް ބަރޯސާވެގެން ދާންޖެހޭނީ." ގަވަރުނަރު ވިދާޅުވި އެވެ.

ދައުލަތަށް ލިބޭ ހުރިހާ އާމްދަނީއަކުން ރީކަރަންޓް ހަރަދުތައް ހަމަޖައްސާނަމަ ކެޕިޓަލް މަޝްރޫއުތަކަށް ހަރަދު ނުކުރެވޭނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

"2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކެޕިޓަލް ހަރަދުތަކުގެ ތެރެއިން ޕީއެސްއައިޕީ ހިންގަން މައިގަނޑު ގޮތެއްގައި ރޭވިފައި އެވަނީ ލޯނާއި އާންމު ބަޖެޓުން. ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީއާއި ހިލޭ އެހީއިން ރީކަރަންޓް ހަރަދު ފޫބައްދަން އަންދާޒާކުރެވިފައިވާއިރު، ކެޕިޓަލް ހަރަދު ހިންގޭނީ މިކަމަށް ބޭނުންވާ ފައިނޭންސިން ވެސް ކަށަވަރު ކުރެވިގެން." ގަވަރުނަރު ވިދާޅުވި އެވެ.

ކޮވިޑް-19އާއެކު ފަތުރުވެރިކަން ހީނަރުވެ، ޕީއެސްއައިޕީ ފަދަ ކެޕިޓަލް ހަރަދުތައް ހިންގަން ދައުލަތުގެ އާންމު ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް ފައިނޭންސިން ހޯދުމަކީ ދަތިވެދާނެ ކަމެއް ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި، 34.79 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. ބަޖެޓުގެ ތެރެއިން 62 ޕަސެންޓު، 21.66 ބިލިއަން ރުފިޔާ ހަރަދު ކުރަން ހިމަނާފައިވަނީ ރިކަރަންޓު ހަރަދުތަކަށެވެ. އަދި ބަޖެޓުގެ 24 ޕަސެންޓު ނުވަތަ 8.31 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. އެހެނިހެން ކެޕިޓަލް ހަރަދުގެ ގޮތުގައި 4.82 ބިލިއަން ރުފިޔާ ހަރަދު ކުރަން ވެސް ވަނީ ހިމަނައިފަ އެވެ.

comment ކޮމެންޓް