ދޭދޭ ބޭންކުތަކުގެ މެދުގައި ވަގުތުން ފައިސާ ފޮނުވޭ ނިޒާމު ތައާރަފުކޮށްފި

ދޭދޭ ބޭންކުތަކުގެ މެދުގައި ވަގުތުން ފައިސާ ފޮނުވޭ ނިޒާމު ނައިބު ރައީސް ތައާރަފްކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ދެ ބޭންކެއްގެ މެދުގައި ވަގުތުން ފައިސާގެ މުއާމަލާތް ކުރެވޭ، އިންސްޓެންޓް ޕޭމަންޓް ނިޒާމު "ފަވަރަ" އިފްތިތާހުކޮށްފިއެވެ.

އެމްއެމްއޭއިން އުފެއްދި އެ ނިޒާމު މިރޭ ކްރޮސްރޯޑްސްގައި އޮތް ޖަލްސާއެއްގައި ތައާރަފުކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ދިވެހިންގެ މެދުގައި އިންޓަނެޓާއި ފޯނު މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުން އިތުރު ކަމަށެވެ.

އެއީ ޑިޖިޓަލް ފައިނޭޝަލް ޚިދުމަތްތަކަށް މަގުފަހިކޮށްދޭ ކަމެއް ނަމަވެސް، މިހާތަނަށް އެކަމާ އެކަށީގެންވާ އިންފްރާސްޓްރަކްޗާ ގާއިމުވެފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ "ފަވަރަ" އާއެކު އެ ދަތިކަން ފިލައިގެން ދާނެ ކަމަށެވެ.

"މި މަޝްރޫއުގައި އަޅުގަނޑުމެންގެ މަގުސަދުތަކަކަށް ވެފައި އޮތީ ޕޭމަންޓު ނިޒާމުތަކަށް ހަމަހަމަ ފުރުސަތުތަކެއް ގާއިމުކޮށްދިނުމާއި، ފައިނޭންޝަލް ސެކްޓާގައި ވާދަވެރިކަން އިތުރުކުރުން" އޭނާ ވިދާޅުވިއެވެ.

މިއަދު އެ ނިޒާމު ތައާރަފުކޮށްފައިވަނީ ރާއްޖޭގައި ޚިދުމަތްދޭ ބޮޑު ތިން ބޭންކަކާ އެކުގައެވެ. އެއީ؛ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާއެވެ.

ހާޝިމް ވިދާޅުވީ އެހެން ބޭންކުތައް ވެސް އެ ނިޒާމާ ގުޅުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން އެ ބޭންކުތައް ގުޅޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެއާއެކު، ކޮންމެ ތަނަކު ހުރި ކަމުގައި ވިޔަސް އަދި ކޮންމެ ތަނަކު ފައިސާ ރައްކާކޮށްފައި ހުރި ނަމަވެސް، ދުވާލަކު 24 ގަޑިއިރު މެދުނުކެނޑި ވަގުތުން ފައިސާ ޓްރާންސްފާ ކުރެވޭނެ ގޮތް ހަދައިދެވޭނެ" ހާޝިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއުގެ ކުރިއަށް ހުރި ބައިތަކަކީ، ރާއްޖޭގައި އޯޕެން ބޭންކިންގެ ފެށުމަށް ވާނެ ކަމަށެވެ. އެއާއެކު، މާލީ އެހެނިހެން ބައެއް ޚިދުމަތްތައް ދިނުމުގެ ދޮރު ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގަވަރުނަރު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ވެސް ދޭދޭ ގައުމުތަކުގެ ބޭންކުތަކުގެ މެދުގައި ވަގުތުން މުއާމަލާތުކުރެވޭ ނިޒާމުތަކެއް ގާއިމުކޮށްފައިވާކަމަށެވެ. އަދި، ކުރިމަގުގައި، ރާއްޖޭގައި ވެސް އެފަދަ ނިޒާމެއް ނުހެދެންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް