އެމްއެމްއޭގެ މައިގަނޑު އެއް އަމާޒަކީ ދެމެހެއްޓެނިވި ފައިނޭންޝަލް މެއިންޓެއިން ކަމަށާ، ފައިނޭންޝަލް ސިސްޓަމަށް ކުރިމަތިވާ ރިސްކުތަކާއި އެ ރިސްކުތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޕޮލިސީތައް ކަނޑައަޅަން ޖެހޭ ކަމަށް ގަވަރުނަރު އަލީ ހާޝިމު ވިދާޅުވެއްޖެއެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހުން މާލީ ދާއިރާއާ ބެހޭ މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ގަވަރުނަރު ވިދާޅުވީ ރާއްޖެއަށް މިއަދާ ހަމައަށްވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސަރު ކުރަމުންދާ ކަމަށެވެ. އަދި އިގްތިޞާދީ ހަރަކާތްތައް ސިންދަފާތު ކުރުމުގެ މުހިއްމުކަންވެސް ގަވަރުނަރު ފާހަގަ ކުރެއްވިއެވެ.
ކޮވިޑްގެ ހާލަތުގައިވެސް ފައިނޭންޝަލް ސެކްޓާ ވިލުންވެރިކަމާ އެކު އޮތްކަން ފާހަގަ ކުރައްވަމުން ގަވަރުނަރު ވިދާޅުވީ އެހާލަތުގައިވެސް ފައިނޭންޝަލް ސެކްޓާގެ ފަރާތުން ގައުމުގެ އުފެއްދުންތެރިކަމަށް 17 ޕަސެންޓްގެ ކުރިއެރުމެއް ހޯދައިދިންކަމަށާއި، މި ހާލަތުގައި 10 ޕަސެންޓަށްވުރެ ވުރެ އިތުރަށް ލޯނު ވެސް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އަންދާޒާ ކުރެވޭ މިންވަރު 31.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
"ކޮންމެ އިގްތިޞާދެއްގައިވެސް ކުރިއަރާފައިވާ ފައިނޭންޝަލް ސެކްޓާ އިން މުހިއްމު ދައުރެއް އަދާކުރޭ،" ގަވަރުނަރު ވިދާޅުވިއެވެ.
މި އަހަރުގެ މާލީ ދާއިރާއާ ބެހޭ މަހާސިންތާގެ ތީމަށް އަލިއަޅުވާލައްވަމުން ގަވަރުނަރު ވިދާޅުވީ އެންމެން ގުޅިގެން ވިލުންވެރި ގޮތެއްގައި ފައިނޭންޝަލް ސެކްޓަރ ކުރިއެރުމަށް މި އަހަރުގެ ތީމް ވަރަށްވެސް މުހިއްމު ކަމަށެވެ. އެގޮތުން ފައިނޭންޝަލް ސްޓަރްކްޗަރ ކުރިއަރުވައި ހަރުދަނާ ކުރުމަށްޓަކައި އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތައް ވެސް ގަވަރުނަރު ފާހަގަ ކުރެއްވިއެވެ. މީގެ ތެރޭގައި ރާއްޖޭގެ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް ހަރުދަނާ ކުރުމަށްޓަކައި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރުމާއި، ސެކިއާޑް ޓްރާންސެކްޝަންސް ރަޖިސްޓްރީތަކުގެ ގާނޫނީ އޮނިގަނޑު ނިންމުމުގެ މަސައްކަތް ކުރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން، އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓްތަކަށް ޚާއްސަ ޕޮލިސީއެއް ގާއިމް ކުރުމާއި އަދި އިންޓަންޓް ޕޭމަންޓް ސިސްޓަމްގެ މަސައްކަތްތައް ކުރުން ހިމެނޭ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
"މީގެ އިތުރުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ އެކު ވަކި ވަކި ބޭންކުތަކަށް ކުރިމަތިވާނެ ރިސްކުތައް އެނގުމަކީ މުހިއްމު ކަމެއް. އެހެންކަމުން މި ފޯރަމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މާލީ ދާއިރާއަށް ދިމާވާ މައްސަލަތައް ފާހަގަކޮށް، މޮނިޓާ ކޮށް އަދި ހައްލުކުރަން ފުުރުސަތު ދޭނެ ޕްލެޓްފޯމަކަށް ވެގެންދާނެ،" ގަވަރުނަރު ވިދާޅުވިއެވެ.
ރާއްޖެ ސަރަހުއްދަގައި ފެންވަރު ރަނގަޅު ރިސާޗްތަކެއް ކުރިވިއްޖެ ނަމަ މި ސަރައްހުދުގައި ހުރި މުހިއްމު މައްސަލަތައް ފާހަގަވެ، އިޖާދީ ހައްލުތައް ހޯދައިދީ ކުރިއެރުމަށް ފަހި ފުރުސަތަކަށް ވާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.
"ކުރިއަރާ ފުރިހަމަ ވެފައިވާ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އަކުން ފައިނޭންޝަލް ސެކްޓާ ކުރިއަރައި ދިޔުމަކީ ގައުމެއްގެ އިގްތިސާދު ކުރިއެރުމަށް ބޭނުންވާ ނުހަނު މުހިއްމުކަމެއް،" ގަވަރުނަރު ވިދާޅުވިއެވެ.
ގަވަރުނަރުގެ އިތުރުން ޕެންޝަން އޮފީހުގެ ޗެއާޕާސަން ޑރ. އަހްމަދު އިނާޒް ވެސް އެ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ޑރ އިނާޒް ވިދާޅުވީ ރާއްޖޭގައި ދިމާވާ ޕެންޝަން މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރަން އެ ފޯރަމް މުހިންމު ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ފައިނޭންޝަލް އިންސްޓިއުޓްތަކުގެ މައިގަނޑު އަމާޒަކީ ހަރުދަނާ އަވަސް ގޮތެއްގައި ފައިނޭންޝަލް ޓްރާންސެކްޝަންތައް ހިންގުން،" ޑރ. އިނާޒް ވިދާޅުވިއެވެ.
ޕެންޝަން އޮފީހުން އިންތިޒާމްކުރާ މޯލްޑިވްސް ފައިނޭންސް ފޯރަމް ފެށީ 2012 ވަނަ އަހަރުއެވެ. އެގޮތުން މި ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި، އެ ދާއިރާގައި ހުރި ގޮންޖެހުންތަކުން އަރައި ގަތުމަށްޓަކައި ފައިނޭންޝަލް ދާއިރާގެ މާހިރުންގެ ޚިޔާލާއި ބައިވެރިވުމާއެކު ކުރިއަށް ގެންދާ ފޯރަމެކެވެ.
މި އަހަރުގެ ފޯރަމް ބާއްވަނީ ކުރުނބާ މޯލްޑިވްސްއެވެ.
ކޮންމެ އަހަރުވެސް ވަކި ތީމްއެއްގެ މައްޗަށް ފޯރަމް ކުރިއަށް ގެންދާއިރު މި އަހަރުގެ ފޯރަމްގެ ތީމް އަކީ "ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް އިން ދަ މޯލްޑިވްސް" ނުވަތަ "ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުން" މިއެވެ.