2021އަށް ހުރީ އިގްތިސާދާ ނުބައްދަލު މަޝްރޫއުތައް، ނުހިންގުން ގާތް: ގަވަރުނަރު

2021ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ބަޖެޓު ދިރާސާކުރާ ކޮމިޓީއިން އެމްއެމްއޭގެ ބޭފުޅުންނާ ބައްދަލުކުރުން-- ފޮޓޯ/މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ހިންގަން ރާވާފައިވަނީ ރާއްޖޭގެ މިހާރު މިއޮތް އިގްތިސާދީ ހާލަތާ ނުބައްދަލު މަޝްރޫއުތަކެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމެޓިގެ ބައްދަލުވުމުގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން އަންނަ އަހަރަށް ލަފާކުރާ މިންވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ، ކޭޝްފްލޯ މެނޭޖުކުރަން ދަތިވެ މަޝްރޫއުތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

"2021ވަނަ އަހަރުވެސް ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ދައުލަތަށް ލަފާކުރާ މިންވަރަށް އާމްދަނީ ނުލިބިއްޖެނަމަ ސަރުކާރުގެ ކޭޝްފްލޯ މެނޭޖްމަންޓް ދަތިވެ، މަޝްރޫއުތައް ނުހިނގުން އެކަށީގެންވޭ. ނަމަވެސް އަންނަ އަހަރުވެސް ދައުލަތުގެ ބަޖެޓުގައި ކަނޑައެޅިފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް." ގަވަރުނަރު ވިދާޅުވި އެވެ.

މިފަދަ ހާލަތަކާ ކުރިމަތިލައިގެން އުޅޭއިރުވެސް، އަންނަ އަހަރަށް ރާވާފައިހުރި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ދަރަންޏަށް ނަގަން ރާވާފައި ހުރުމާއެކު ގަވަރުނަރު ވަނީ ކޮންސެޝަނަލް ފައިނޭންސިންއަށް އިސްކަން ދިނުމަށް ލަފާދެއްވާފަ އެވެ.

"އައިއެމްއެފްއިން ވެސް ވޯލްޑްބޭންކުން ވެސް އެންމެ ފަހުން ބޭއްވި މީޓިންގައި ވިދާޅުވީ ކުރިއަށް އަންނަ އަހަރުގައި ގްރީން ނުވަތަ ބްލޫ ފައިނޭންސިންއާ ދިމާލަށް ދިޔުމާއި ބްލޫ ފައިނޭންސިން ފަންޑްސްތައް އެބޭފުޅުން އެވެއިލަބަލް ކުރާނެ ކަމަށް. އެ ފަންޑު ޓެޕްކުރުން ވަރަށް މުހިންމު މިވަގުތު،" ގަވަރުނަރު ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑް19 ބަލިމަޑުކަމާ އެކު ފަތުރުވެރިކަމަށް ހީނަރުކަމެއް އައިސް ރާއްޖޭގެ ބޭރު ފައިސާ ސަޕްލައި ދަށްވެފައިވުމާއެކު މަޝްރޫއުތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދަން ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

މި ސަބަބުތަކާހުރެ މަޝްރޫއުތަކަށް ހޯދަން ބޭނުންވާ ޑޮލަރު އެތެރޭގެ މާކެޓުން ނުލިބި، މަޝްރޫއުތައް ނުހިންގޭނެ ކަމަށް ބެލެވޭ ކަމަށާއި މަޝްރޫއުއަކަށް ބޭނުންވާ ބޭރު ފައިސާ ޔަގީންކުރުމަށްފަހު ނޫނީ މަޝްރޫއުތައް ނުފެށުމަށް ވެސް ގަވަރުނަރު ލަފާދެއްވި އެވެ.

ގަވަރުނަރު ވިދާޅުވީ ޑޮލަރު ލިބުން ދަތި މިފަދަ ހާލަތެއްގައި އެތެރޭގެ މާކެޓުން މަޝްރޫއުތަކަށް ޑޮލަރު ހޯދަން ވެއްޖެނަމަ، އޭގެ ނޭދެވޭ އަސަރު އެކްސްޗޭންޖް ރޭޓަށް ކުރާނެ ކަމަށެވެ.

"ރާއްޖޭގެ ބާޒާރުން ކެޕިޓަލް މަޝްރޫއުތަކަށް ޑޮލަރު ހޯދަން ޖެހިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ކުރާނެ ކަމަށް ބެލެވޭ. އެހެންކަމުން މަޝްރޫއުތަކުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓަށް ހީނަރުކަމެއް ނާންނާނެ ފަދަ ގޮތަކަށް މަޝްރޫއުތައް ކުރިއަށްގެންދަން ލަފާދެން." ގަވަރުނަރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީއަށް 8.31 ބިލިއަން ރުފިޔާ ހަރަދު ކުރަން ހިމަނާފައިވެ އެވެ. އެއީ ޖުމްލަ ބަޖެޓުގެ 24 ޕަސެންޓެވެ. އަދި އެހެނިހެން ކެޕިޓަލް ހަރަދުގެ ގޮތުގައި 4.82 ބިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ހިމަނައިފަ އެވެ.

ބަޖެޓުގައި އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17.7 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި އަންނަ އަހަރު 33.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބަޖެޓު ޑެފިސިޓަކީ 15.50 ބިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް