ޑެންގީ، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ރިޕޯޓުކުރުން މަދުވެއްޖެ

16 މާޗު 2016: އައިޖީއެމްއެޗު ސަރަހައްދުން ދެމީހަކު މާސްކު އަޅައިގެން ހިނގާފައި ދަނީ: -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ޑެންގީ، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ރިޕޯޓުކުރުން މަދުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ސެޕްޓެމްބަރު ރިޕޯޓުކޮށްފައި ވަނީ ޑެންގީގެ 12 ކޭހެކެވެ. އަދި އޮކްޓޫބަރު މަހު އެ އަދަދު ވަނީ އަށަކަށް ދަށްވެފަ އެވެ.

އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު މަދު ކަމަށާއި އަދި 2019 ވަނަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު މި އަހަރުގެ މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މިންވަރު ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

މި ދުވަސްވަރު މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް މަދު ނަމަވެސް، ޑެންގީ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލްކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި އަދަދު ވެސް ވަނީ މަދުވެފަ އެވެ. މި އަހަރުގެ ފާއިތުވި ހަ މަހަށް ބަލާއިރު، އޮކްޓޫބަރު މަހު އަރިދަފުސް ރޯގާ ރިޕޯތުކުރި މިންވަރު ވަނީ އިތުރުވެފަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 3154 މީހަކު ރިޕޯޓުކޮށްފައި ވާއިރު، އޮކްޓޫބަރު މަހު 5782 ރިޕޯޓެއް ލިބިފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހަމައެއާއެކު ބޭރަށް ހިންގުން ރިޕޯޓުކުރި އަދަދު ވެސް އޮކްޓޫބަރު މަހު ވަނީ އިތުރުވެފަ އެވެ. ސެޕްޓެމްބަރު މަހު ބޭރަށް ހިންގުމުގެ 767 ރިޕޯޓު ލިބުނު އިރު، އޮކްޓޫބަރު މަހު 1003 ރިޕޯޓެއް ލިބިފައިވެ އެވެ.

އޮކްޓޫބަރު މަހު ބޭރަށް ހިންގުން ރިޕޯޓުކުރުން އިތުރުވި ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގެ މި ދުވަސްވަރާ އަޅާބަލާއިރު، މި އަހަރު ބޭރަށް ހިންގުން ރިޕޯޓުކުރުން މަދުކަަމށް އެޗްޕީއޭ އިން ބުންޏެވެ.

އެހެން އަހަރުތަކާ އަޅާބަލާއިރު ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ރިޕޯޓުކުރުން ފާއިތުވި ހަ މަސް ދުވަހު މަދުވެފައި ވާއިރު، ކޮވިޑް19ގެ ސަބަބުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

comment ކޮމެންޓް