ސަރުކާރު ހިންގަން ވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭނގޭނެ ކަމަށް ވިދާޅުވެ. ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ދެއްކެވި ވާހަކައަކާ ގުޅިގެން، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރުޅިގަދަވެއްޖެ އެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، ބައެއް މަޖިލިސް މެމްބަރުންނަށް ހީވަނީ ސަރުކާރު ހިންގަނީ މަޖިލީހުންނެވެ. ނަމަވެސް ސަރުކާރު ހިންގާނެ ސިޔާސަތު މަޖިލީހަށް ކަނޑަނޭޅޭނެ ކަމަށާއި، އެއީ މަޖިލީހުގެ ޒިންމާ ނޫން ކަމަށް ވިދާޅުވި އެވެ.
ހަމައެއާއެކު ބަރުލަމާނީ ނިޒާމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަން އަދާކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކައާ ގުޅިގެން އެމްޑީޕީ މެމްބަރުން އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) --- ފޮޓޯ/ މަޖިލިސް
މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މަލީހު ދެއްކެވި ވާހަކަތަކަކީ "ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި މަހާނަ މައްޗަށް މަޑިއަށް ޖެހުން" ކަމަށެވެ.
ވަހީދުގެ ޓުވީޓަށް ޖަވާބުދެއްވައި، މަލާމާތުގެ ރާގެއްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ސަރުކާރު ހިންގާނެ ގޮތް ނޭނގޭނެއޭ މިނިސްޓަރަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ 'މަލީހަކަށް' ނޭގޭނެއޭ ވިދާޅުވާން އުޅުއްވަނިކޮށް "މަޖިލީހަކަށް" ނޭގޭނެއޭ ވިދާޅުވެވުނީހެން،" މެމްބަރު ވިދާޅުވި އެވެ.

މިނިސްޓަރު މަލީހަށް އަމާޒުކުރައްވައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ވަޒީރުން އެބޭފުޅުންގެ މަސްއޫލިއްތު ފުރިހަމައަށް އަދާކުރެއްވުމަށް ގޮވާލައްވައިފަ އެވެ.
"ރައްޔިތުންނައް ހިދުމަތް ފޯރުކޮށްދިނުމާ ވައުދު ތަކާއި އެއްގޮތަށް މަސައްކަތް ނުކުރެވޭނަމަ މަޖިލީހުން ޖަަވަބުދާރީ ކުރުވާނެ،" އަފީފް ވިދާޅުވި އެވެ.

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވީ ފެށުނީއްސުރެން މިއަދާ ހަމައަށް ވަޒީފާގެ ޒިންމާތައް އަދާކުރެއްވުމަށް ވުރެ މިނިސްޓަރު މަލީން އިސްކުރައްވާފައިވަނީ އޭނާ ޖަވާބުދާރީ ކުރުވަން އުޅޭ އެންމެންނަށް ރައްދުދިނުން ކަމަށެވެ.
"މަލީހު އިތުރަށް ތިޔަ ވުޒާރާ ހިންގަވަން ހުންނެވުމަށް އިތުބާރެއްނެތް!" މީކާއީލް ވިދާޅުވި އެވެ.
މަލީހަށް ފާޑުވިދާޅުވެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވަނީ ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާއި، އުސޫލުތައް ހެދިފައި ވޭތޯ ސުވާލުކުރައްވައިފަ އެވެ. އަދި ގާނޫނު ބަޔާން ކުރާ އެއްވެސް ގަވާއިދެއް ނުވަތަ އުސޫލެއް ހައްދަވާފައި ނުވާކަމަށް ވިދާޅުވާން މިނިސްޓަރު ޖެހިލުންވެވަޑައިގަންނަވަނީތޯ ވެސް މެމްބަރު ސުވާލުއުފެއްދެވި އެވެ.

"މަނިކުފާނު މާބޮޑަށްވެސް ރަނގަޅުވާނެ މިނިސްޓްރީއާއި ހަވާލުވެފައި އޮތް މެންޑޭޓުގައި މަސައްކަތް ކުރީޔާ. ބޮޑުކަމެއް ލައިގަންނަ އިރަށް ޗުއްޓީ ނަންގަވައިގެން ކަމަކު ނުދާނެ،" މެމްބަރު ވިދާޅުވި އެވެ.
މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު، ޓެލެކޮމިއުނިކޭޝަން މިނިސްޓްރީއަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ.
"އަމިއްލަ ގޭ ޓެރަހުގައި ދިހަބާރަ ވައްތަރު މިރުސް ހައްދަވަން ހުރިހާ ވަގުތެއް ތިޔަ ހޭދަކުރެއްވީ. މަޖިލިސް ހިންގަންވާ ގޮތެއް މަލީހަކަށް ނޭނގޭނެ،" މެމްބަރު ވިދާޅުވި އެވެ.

މަލީހާ މެދު ނުރުހުންވެ، ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ވަނީ މިނިސްޓަރުގެ އިސްކޮޅަށް ވެސް ޖޯކު ޖައްސަވައިފަ އެވެ.
"މަނިކުފާނު އުޑަފައިން އިންނެވީމާ ބިމުގައި ނުޖެހޭ. މަނިކުފާނަކީ ވަރަށް ކުޑަ ބޭފުޅެއް. ޚުދު މަނިކުފާނަށް މިނިސްޓަރަކަށް ރުހުން ދިނުމާ އިތިބާރު ނެތްކަން ނިންމާ މަޖިލީހުން ނެއްޓި ވަޑައިގަންނަވަން ދަތިފުޅުވެ މިހާރު ހޮޑުފުޅަށް ތައްޔާވެ އޯކާ ދެމޭ އަޑުފުޅު މި އިވެނީ،" އަނދުން ހުސައިން ވިދާޅުވި އެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ޒިންމާ އަދާނުކުރެވި ފެއިލް ވީމާ ރައްޔިތުންގެ މަންދޫބުން ސުވާލުކުރާނެ ކަމަށާއި އެއީ މެމްބަރުންނާ ހަވާލުވެފައިވާ ގާނޫނީ ޒިންމާއެއް ކަމަށެވެ.
"މަޖިލިސްގެ ގާނޫނީ ޒިންމާއާމެދު ސުވާލު އުފައްދަން މަލީހުގެ ހައިސިއްޔަތަކީ ކޮބާ؟" ނިހާދު ސުވާލުއުފެއްދެވި އެވެ.

މަލީހަށް ފާޑުވިދާޅުވެ މެމްބަރުން ކުރައްވާފައިވާ ހުރިހާ ޓުވީޓެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރީޓުވީޓު ކުރައްވައިފަ އެވެ.
މިއީ މިނިސްޓަރު މަލީހާ މެދު ހިތްހަމަނުޖެހިގެން މަޖިލިސް މެމްބަރުން ފާޑުކިޔުއްވި ފުރަތަމަ ފަހަރެއް ނޫނެވެ. މިނިސްޓަރު މަލީހަކީ މަޖިލީހުގެ ތަޅުމުގައި ވެސް މެމްބަރުންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވާ އެއް ވަޒީރެވެ.
އެގޮތުން މަލީހަށް އޮތް އެންމެ ބޮޑު ފާޑުކިޔުމަކީ އިންޓަނެޓުގެ އަގުހެޔޮނުވުމެވެ. އެހެން ނަމަވެސް މަލީހު ވިދާޅުވަނީ އިންޓަނެޓް އަގުހެޔޮ ކުރުމުގެ ކަންކަމާ ގުޅޭ ޕްލޭން ރައީސް އޮފީހަށް ފޮނުއްވި ނަމަވެސް އެޕްރޫވް ނުކުރާ ކަމަށެވެ.