ތުޅާދޫ، މުލި އަދި ބިލެތްފަހީގައި އެއާޕޯޓު އަޅަން ވިސްނަނީ

ކޮވިޑް19 ލޮކްޑައުނަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓަށް މަރުހަބާ ވިދާޅުވުމުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ (މ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ތަނުގައި ބ. ތުޅާދޫ، މ. މުލި އަދި ށ. ބިލެތްފަހީގައި އެއާޕޯޓު އެޅުމުގެ ވިސްނުން ގެންގުޅޭކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ އެއާޕޯޓުތަކުގެ މަސައްކަތް އަދި ހުރީ ޕްލޭނިން ސްޓޭޖުގައި ކަމަށާއި، ކަންކަން ފައިނަލްވެގެން އައުމުން މަސައްކަތް ފަށާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ޕްލޭންކޮށްފައި އެބަހުރި އެއާޕޯޓުތައް، މިސާލަކަށް ދަންނަވާނަމަ މުލި އެއާޕޯޓު، ބިލެތްފަހީގަ ވެސް އެއާޕޯޓެއް އެޅުމަށް ވިސްނުންތަކެއް އެބަހުރި. އެހެންވީމަ އެކަންތައްތައް ފައިނަލް ވެގެން އައީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ އެއާޕޯޓުތައްވެސް އެޅިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތިން ރަށުގައި އެއާޕޯޓު އެޅުމާއެކު، އެތެރޭގެ ވައިގެ ދަތުރުފަތުރު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

މ. މުލީގައި އެއާޕޯޓު އެޅުމުގެ ވިސްނުން ގެންގުޅޭކަމަށް 2015 ވަނަ އަހަރު ރީޖަނަލް އެއާޕޯޓްސްއިން ބުނެފައި ވެއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް 30-35 މިނެޓާ ދޭތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، ނަމަވެސް ބައެއް ސަރަހައްދުތަކަށް އުދުހުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

"ދަތިވާނީ ރާއްޖޭގެ ރަށްތައް ހުރި ގޮތުން، ހދ. މަކުނުދޫ އެއީ ތަންކޮޅެއް ވަކިން އޮންނަ ރަށެއް ވީމަ، އެ ރަށާ ތަންކޮޅެއް ދުރުވާނެ އެއާޕޯޓު. އަޅުގަނޑުމެންގެ ވިސްނުން އެބަހުރި މަކުނުދޫއަށް ވައިގެ މަގުން ދަތުރުކުރެވޭނެ ކޮންމެސް ގޮތެއް ހަމަޖެއްސުމަށް. އެކަމާ ވާހަކަވެސް ދެކެވިފަ ވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ރޭ ވިދާޅުވީ ހޯރަފުށި އެއާޕޯޓާއި މަޑިވަރު އެއާޕޯޓުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މި މަހުގެ ތެރޭގައި ހޯރަފުށި އެއާޕޯޓު ހުޅުވިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އަދި މަޑިވަރު އެއާޕޯޓު އަންނަ އަހަރު ކުރީކޮޅު ހުޅުވިގެން ދާނެ ކަމަށެވެ.

"އެހެންވީމަ ރައްޔިތުންނަށް ވައިގެ މަގުން ދަތުރުފަތުރު ކުރުމަށްޓަކައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމުގެ ސަރުކާރުން ކުރިއަށް ގެންދިޔަ އެއާޕޯޓު ސިޔާސަތަށް މި ސަރުކާރުން ތާއީދުކުރެއެވެ.

މީހުން ދިރިއުޅޭ ރަށްރަށުން 30 ނޫނީ 40 މިނެޓުން ދެވޭ ދުރުމިނުގައި އެއާޕޯޓުތައް އެޅުމަކީ އޭރުގެ ސަރުކާރުގެ ސިޔާސަތެކެވެ. އެ ސިޔާސަތުގެ ދަށުން އެ ސަރުކާރުގައި އެއާޕޯޓު މަޝްރޫއުތައް އިއުލާނުކޮށް ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވެސް ފަށައިފައިވެ އެވެ.

comment ކޮމެންޓް