ރ.ފައިނާއި މ.މުލި ވެސް އެއާޕޯޓު ޑިވެލޮޕްމެންޓް ޕްލޭނުގައި!

އެއާޕޯޓްގައި ބަޔަކު ހިނގާފައި ދަނީ -- ފައިލް ފޮޓޯ

ރ. އަތޮޅު ފައިނާއި މ. އަތޮޅު މުލީގައި އެއާޕޯޓު ތަރައްގީ ކުރުމަށް ރާވާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އޮތޯރިޓީއިން ބުނެފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން، ރީޖަނަލް އެއާޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ، އެ އޮތޯރިޓީއިން ވަނީ، ރ. ފައިނާއި މ. މުލީގައި އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްލޭނުތަކެއް ހަދާފައި ކަމަށެވެ.

ސާމީ ވިދާޅުވީ، މި ދެ ރަށުގައި އެއާޕޯޓު ތަރައްގީ ކުރާނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރާނެ ކަމަށާއި، ނަމަވެސް ކޮން އިރަކު ކަމެއް ދަންނަވަން ދަތި ކަމަށެވެ.

އަދި މި ނޫނަސް، އެހެން ބައެއް ރަށްރަށުގައި ވެސް އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްލޭނު ހަދާފައިވާ ކަމަށް ސާމީ ވިދާޅުވި އެވެ.

ރ. އަތޮޅުގައި މިހާރު ވެސް އެއާޕޯޓެއް އޮވެއެވެ. އެއީ ރ. އިފުރު އެއާޕޯޓެވެ. އެހެން ނަމަވެސް މ. އަތޮޅުގައި އަދި އެއާޕޯޓެއް ނެތެވެ.

ސާމީ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެއާޕޯޓަކުން ފުރައިގެން ބައި ގަޑިއިރު ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

ރާއްޖޭގައި މިހާރު ވެސް 11 އެއާޕޯޓު އޮތް އިރު، ދާދި ފަހުން ށ. ފުނަދޫ އެއާޕޯޓާއި ހދ. ކުޅުދުށްފުށި އެއާޕޯޓު ހެދުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ސަރުކާރުން ވަނީ އިއުލާނު ކޮށްފަ އެވެ.

comment ކޮމެންޓް