ރީތި ރާއްޖެ ގޮނޑުކުރަން ދިވެހީން

ފިނޮޅަކަށް ދަތުރު ދިޔަ ބަޔަކު ކުނިއަޅާފައި --- ފޮޓޯ:ޓްވިޓާ

ފަރުވާ ކުޑަކުރިއަސް، ކަންނެތް ވިޔަސް، ގޮތެއް ފޮތެއް ނެތަސް މިއީ ދެން ފުކެއް ބޮޑު ވަރެވެ. ބޮޑު ބަންދަކުން ކުޑަ މިނިވަންކަމެއް ލިބިގެން އައި ފޯރީގައި އާއިލާ އާއި ގޭދޮށު އެންމެން ޖަމާކޮށްގެން ފިނޮޅަށް ގޮސް، ތި އަންނަނީ ތިމާ ބޭނުންކޮށް އުކާލިހާ ކުންޏެއް އެ ރީތި ފިނޮޅަށް އުކާލާފަ އެވެ. އެއީ ކާކުގެ ތަނެއް ކަމަށް ހީކޮށް ހެއްޔެވެ؟ ކާކު އެ ކުނި ނަގާނެ ކަމަށް ހީކޮށް ހެއްޔެވެ؟

ކޮވިޑާ އެކު މާލޭގައި އުޅޭ އެންމެންހެން ދަތުރުގޮސް މަޖާކޮށްލަން ޖައްސާލަނީ ފިނޮޅުތަކަށެވެ. ވަށައިގެންވާ ބިއްލޫރިކޮޅެއްހާ ސާފު މޫދާއި، ހުދު ދޮންވެލިގަނޑު ފިޔަވާ އެތަނުގައި އެއްވެސް އެހެން އެއްޗެއް ނުހުރެ އެވެ. މަދު ކުދި ގަސްކޮޅެއް ފެނިދާނެ އެވެ. ދެން ފެންނާނެ ހަމައެކަނި ދިރުމަކީ އެކި އިރުވަރު މަތިން އެތަންތަނަށް ޖައްސާ ލޯބި ދޫނިތަކެވެ.

މީގެ ކުރިން ފިނޮޅުތަކަކީ އާންމުކޮށް ރިޒޯޓްތަކާއި ގެސްޓްހައުސްތަކުން ފަތުރުވެރިންނާއި މެހެމާނުން ގޮވައިގެން ދަތުރުގޮސްލާ ތަނަކަށްވިޔަސް، ކޮވިޑް-19ގެ ފުރަބަންދާ އެކު ފަތުރުވެރިކަން މަޑުޖެހި ފިނޮޅުތަކުގެ ހިތްގައިމު ކަން ތަޖުރިބާ ކުރުމުގެ ފުރުސަތު "އަންލިމިޓެޑް" ކޮށް މި ލިބުނީ ދިވެހިންނަށެވެ.

ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ވަރަށް ގޯސްކޮށް މިއޮތީ އެއްބަޔަކު ހިފާފަ އެވެ. ސޯޝަލް މީޑިއާގައި ފިނޮޅުތަކަށް ކުނި އަޅާފައިވާ ފޮޓޯތައް ވައިރަލްވެ އެތަށްބައެއްގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ އެވެ.

ގިނަ ބަޔަކު ބުނާގޮތުން ފިނޮޅަށްގޮސް ކުނިއަޅާ މީހުންނަށް ދަތުރު ދެވިގެންވެސް ނުވާނެ އެވެ.

ސޯޝަލް މީޑީއާގައި މިކަމާއި ބެހޭގޮތުން އެންމެ ބޮޑަށް ވާހަކަދެއްކި އެއް ފަރާތަކީ ދަފީނާ ހަސަން އިބްރާހިމް(ދަފީ) އެވެ. ފިޓްނަސް ދާއިރާގައި ހަރަކާތްތެރިވިޔަސް، ތިމާވެށީގެ ކަންކަމުގައިވެސް އޭނާއަކީ އަޑުއުފުލާ މި ދާއިރާއަށް ވަރަށް ޕެޝަނޭޓް މީހެކެވެ.

ދަފީ ބުނާގޮތުން މިއީ އެއްވެސް ވިސްނުމެއް ނެތި، ފަރުވާ ކުޑަވެ ކަންނެތްވެގެން ބަޔަކު ކުރާ އަމަލެކެވެ.

" އަމިއްލަ މީހާގެ ޒިންމާއެއްގެ ގޮތުން ކުރަންޖެހޭ ކަމެއް މިއީ (ފިނޮޅަށް ގެންދާ ކުނި ގެނައުމަކީ). ހިތަށް އަރަނީ ކަންނޭނގެ ކުނި ފިނޮޅަށް އުކާލީމަ ދެން އެ ކުނި ގެއްލުނީ އޭ. އެކަމަކު ވަޔާ އޮޔާ މި އެޅެނީ ކަނޑަށް. " ދަފީ ބުންޏެވެ.

ތިމާވެށީގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވި ގޮތުގައި ފިނޮޅަށް ކުނިއެޅުމަކީ ކިތަންމެ އާދައިގެ ކަމެކޭ ބައެއް މީހުންނަށް ހީވެ އެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ތިމާވެށީގެ ގޮތުންނާއި އިގްތިސާދީގޮތުންވެސް ކޮށްފާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.

"ފިނޮޅުތަކަށް އެންމެ ގިނައިން އުކާލާފައި ހުންނަ ކުނީގެ ތެރޭގައި މި ހިމެނެނީ މަސް ބާނަން ގެންގުޅޭ ކަންވާރުތަކާއި ދެން ޕްލާސްޓިކް. ބައެއްފަހަރު މިވާގޮތަކީ އެ ތަންތަނަށް ދާ ދޫނިތަކުގެ ފައިގައި ކަންވާރު އޮޅިފައި އެބަހުރި. ކެވިފައިވެސް އެބަހުރި. ދޫނީގެ ބަނޑުންވެސް އެބަހުރި މިގޮތަށް ޕްލާސްޓިކް ފެނިފައިވެސް،" ފިނޮޅަށް ކުނި އެޅުމުން ލިބޭ ގެއްލުންތަކާއި ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.

ހަމައެޔާއެކު، ރާއްޖޭގެ އިގްތިސާދު ބިނާވަނީ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކަން ފާހަގަކޮށް ޒާހިރު ވިދާޅުވީ މި ސިނާއަތަށްވެސް މިކަމުން ނޭދެވޭ އަސަރު ފޯރާނެ ކަމަށެވެ.

ފިނޮޅަށް، މޫދަށް، ކަނޑަށް، ބީޗަށް ކުނިއެޅުމަކީ ހަމައެކަނި މިއަދު ދިވެހިންގެ ތެރެއަށް އާންމުވެފައިވާ މުޑުދާރު އަމަލެއް ނޫނެވެ. މިއީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އެހެންނަމަވެސް މިކަން ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރެވޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟

ޑައިވް އިންސްޓްރަކްޓާ ޝާޒިޔާ ސައީދު (ސާޒު) ބުނާގޮތުގައި މިކަމަކީ އަވަސް ހައްލުތަކެއް ބޭނުންވާ ކަމެކެވެ. ފިނޮޅުތަކުގެ ބެލެނިވެރި ފަރާތުންނާއި، ދަތުރު ދާ އާންމު ފަރުދުންނާއި އަދި މީހުން ފިނޮޅުތަކަށް ގެންދާ ސްޕީޑްލޯންޗުތަކުގެ ކްރޫއިންނަށްވެސް މިކަމުގައި އަދާކުރެވޭނެ ޒިންމާތަކެއް އެބަހުއްޓެވެ.

"ފިނޮޅުތަކަށް މީހުންނަށް ނުދެވުމަކީ އަޅުގަނޑުގެ ޚިޔާލުގަ އެންމެ ރަނގަޅު ގޮތެއް ނޫން. ގިނަ ފަހަރު ރިޒޯޓްތައް ހުޅުވީމަ ފިނޮޅުތަކަށް ދިއުންވެސް މަނާ. އެހެންވީމަ އެ ފުރުސަތު މިއަދު ލިބިފައި އޮތްއިރު އެބަޖެހޭ މިކަމާއި ދޭތެރޭ ވިސްނަން." ސާޒު ބުންޏެވެ.

މި މައްސަލައިގައި އެންވަޔަރަމެންޓް މިނިސްޓްރީ އާއި އަދި ތިމާވެށީގެ ޖަމިއްޔާ އެއްކަމުގައިވާ ޕާލޭ މޯލްޑިވްސްއާ ވެސް ސާޒު ވާހަކަ ދައްކާފައިވާއިރު ދެފަރާތުންވެސް ފިނޮޅުތައް ސާފުކޮށް ބެލެއްހެއްޓުމާއި ގުޅޭގޮތުން މަސައްކަތްކުރުމަށް ތައްޔާރުގައި ތިބިކަން ސާޒު ފާހަގަކުރި އެވެ. ނަމަވެސް އެއީ އެންމެ ސަސްޓެއިނަބަލް ގޮތެއްތޯ ސާޒުވެސް ސުވާލު އުފައްދަވަ އެވެ.

ދަފީ ގެ ހިޔާލުގައި މިކަމަށް އޮތް ހައްލަކީ އެބަޔަކު ގެންދާ ކުނި އެބަޔަކު އަމިއްލަ އަށް ގެނައުމެވެ. ދަތުރު ދާއިރު ކުނި އަނބުރާ ގެންނާނެ ގޮތެއްވެސް ރާވާލުވެމެވެ.

"އަބަދު ސަރުކާރުން ނޫނީ ބަޔަކު ނުތިބޭނެ ބަލަހައްޓާކަށް. މިއީ އަމިއްލަ ފަރުދީ ޒިންމާ އެއް. އެހެންވީމަ ކުނި މަދުކުރެވޭނެ ގޮތްތައް ދަތުރު ދިއުމުގެ ކުރިން ރާވަން ޖެހޭ. ޑިސްޕޯސަަލް ތަށިތައް ގެންދިއުމުގެ ބަދަލުގައި އަމިއްލަ ތަށްޓެއް ކޮންމެ މީހަކަށްވެސް ގެންދެވިދާނެ. އެކި ސައިޒުކުގެ ކުދި ޕެކޭޖިންގެ ބަދަލުގައި ދެވަނަ ފަހަރަށްވެސް ބޭނުންކުރެވޭ ކޮންޓެއިނަރުތައް ގެންދެވިދާނެ. ސްނެކް ކުރަންވެސް މޭވާ ތަރުކަރީ ކަހަލަ އެއްޗެހި ގެންދަންވީ" ކުނި މަދުކުރެވޭނެ ބައެއް ގޮތްތައް ދަފީ ހިއްސާކުރި އެވެ.

ރާއްޖޭގެ ރީތިކަމަށް އެންމެން ވެސް ތައުރީފުކުރެ އެވެ. އެ ރީތިކަން ވިއްކައިގެން އަހަރުމެން ބޮޑު ނަފާއެއްވެސް ހޯދަ އެވެ. އަދި އެ ރީތިކަމުން އަހަރުމެން އަމިއްލައަށް ވެސް ހިތްހަމަ ޖެހުން ހޯދަ އެވެ. އެކަމަކު، އެއްބަޔަކު މި ރީތި ރާއްޖެ ގޮނޑުކުރަނީ އެވެ. އެކަން ކުރުމުގެ ކުރިން އަދި އެއްފަހަރު ވިސްނާލާށެވެ.

comment ކޮމެންޓް