އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ކުރި ސިކުނޑީގެ އޮޕަރޭޝަނަށް ފަހު ހާލު ރަނގަޅުވާން ފެށުމުން ގެއަށް ދޫކޮށްލައިފި އެވެ.
އާޖެންޓީނާގެ ޖިމްނާސިއާ އެސްގްރިމާ ލަ ޕަލްޓާއަށް ކޯޗުކަން ކޮށްދެމުން އަންނަ 60 އަހަރުގެ މަރަޑޯނާގެ ހާލު ދަށްވެ، ކުއްލިއަކަށް ހޮސްޕިޓަލުގައި އެޑްމިޓްކުރި ކަމުގެ ރިޕޯޓްތައް މީޑިއާގައި ދައުރުވާން ފެށީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި މަރަޑޯނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި އޭނާ ސަލާމަތް ކުރުމަށް ސާޖަރީ ހެދުމަށް އެހެން ހޮސްޕިޓަލަކަށް ގެންދިވެފައިވެ އެވެ.
ސިއްހަތަށް ނުރައްކާތެރި ހާލަތެއްގައި އޮތް މަރަޑޯނާގެ އޮޕަރޭޝަން ކާމިޔާބުކޮށްފައިވާކަން އޭނާ ބެލި ޑޮކްޓަރުން ހާމަކޮށްފައިވާ އިރު، ސިކުނޑިއަށް އެޅިފައިވާ ފްލުއިޑްތައް އެއްކޮށް ބޭރު ކުރުމަށް އަދި އިތުރު އެހެން ކުޑަ ސާޖަރީއެއް ވެސް ވަނީ ފަހުން ކޮށްފަ އެވެ.
ސާޖަރީއަށް ފަހު ހާލު ސްޓޭބަލްވެ، ރަނގަޅު ސްޕީޑެއްގައި ރަނގަޅުވާން ފެށުމުން އޭނާ ވަނީ މިހާރު އެނބުރި ގެއަށް ބަދަލުކޮށްފަ އެވެ. އެހެން ނަމަވެސް އެނބުރި އާއްމު ހާލަތަށް ދިއުމަށް ދުވަސް ނަގާނެ ކަމަށާއި މިވަގުތު މަރަޑޯނާއަށް އެންމެ ރަނގަޅު ގޮތަކީ އާއިލާއާ އެކު ވަގުތު ހޭދަކުރުން ކަމަށް އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ މަރެޑޯނާ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ފެށި ކޯޗިންގް ކެރިއަރުގައި މިހާތަނަށް އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެ އެވެ. އޭނާ ފުރަތަމަ ބޮޑު ޓީމަކަށް 2008 ވަނަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމާއި ހަވާލުވުމަށް ފަހު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެ ޓީމު ވެސް ވަނީ ހިތްދަތި ގޮތަކަށް މުބާރާތުން ކަޓައިފަ އެވެ.
އޭގެ ފަހުން ވެސް މެކްސިކޯއާއި އާޖެންޓީނާގެ އެކި ކުލަބުތަކަށް އޭނާ ކޯޗުކަން ކޮށްދިން އިރު މާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއްނުވެ އެވެ.
މަރަޑޯނާ، 58، މިދިޔަ އަހަރުގެ ކުރީކޮޅު ކޯޗުކަން ކޮށްދިން މެކްސިކޯގެ ޑޮރަޑޯސް ވެސް އޭނާގެ ކޯޗުކަމުގައި ވަނީ ރެލިގޭޓް ވެފަ އެވެ. މަރަޑޯނާ އެ ޓީމުގެ ކޯޗު ކަމާ ހަވާލުވެ ހުރި ނަމަވެސް ސިއްހީ ހާލަތު ގޯސްވުމުން އޭނާއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފަ އެވެ.