ކުންފުނިތައް ޕްރައިވަޓައިޒް ކުރުމުން ވާނީ ފައިދާ، އެއީ ވިއްކުމެއް ނޫން: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ކުންފުނިތަކުގެ ހިއްސާ ވިއްކުމަކީ ކުންފުނިތައް ބޭރު ބަޔަކަށް ވިއްކާލުން ނޫން ކަމަށާއި އެއީ ކުންފުނިތައް އެފިޝިއަންޓް ކޮށް ހިންގުމަށް ކުރާ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވާ ބަޖެޓާ ގުޅޭގޮތުން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ވޭސްޓްފުލްނެސް ގިނަ، އިން އެފިޝިއަންޓް ކުންފުނިތައް އެބަހުރި ކަމަށެވެ.

"އެ ކުންފުނިތައް ވެސް އެބަޖެހޭ އެފިޝިއަންޓް ކޮށް ހިންގަން. އެ ކުންފުނިތަކުންވެސް އެބަޖެހޭކަން ވޭސްޓްފުލްނެސް ކުޑަކުރަން، ސަރުކާރަށް ބޮޑު ޑިވެޑެންޑެއް ލިބެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް ސަރުކާރަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާ އެއްގޮތަށް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްގެން ހިންގާ ކުންފުނިތަކަށް ކަމަށެވެ.

އެހެންނަނަވެސް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަކީ ސަރުކާރަށް ޑިވިޑެންޑް ދޭން ހަދާފައިވާ ކުންފުނިތަކެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަދާފައިވާ ކުންފުނިތައް އެބަހުރިކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އަސްލު ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވަނީ އެފިޝިއަންސީ ގެނެވި ވޭސްޓް ކުޑަކޮށް ކޮރަޕްޝަނަށް މަގުފަހިވާ ކަންތައް ބަންދުކޮށް ސަރުކާރަށް ޑިވިޑެންޑެއް ލިބެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ހިއްސާ ވިއްކާނެ ކުންފުނިތައް ކަނޑައަޅާނީ ބޭރުގެ އެހީ އާއެކު އިންޑެޕްތް ކޮށް އޭގެ ސްޓަޑީީއެއް ހަދައިގެން ކަމަށެވެ.

"ކުންފުނިތަކުގެ ހިއްސާ ވިއްކާނީތޯ، ސްޓްރެޓެޖިކް ޕާޓްނަރެއް ހޯދާނީތޯ، ޕަބްލިކް އައިޕީއޯ އަކަށް ދާނީތޯ އަދި އެހެންނަމަ އައިޕީއޯ އަކަށް ދާނީ ރާއްޖޭގައިތޯ، ބޭރުގައިތޯ ބަލާނީ އެ މަސައްކަތަށްފަހު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަކީ އެ ކުންފުނިތަކުން އެފިޝިއަންސީ ނެރެފި މަންފާ އިތުުރުވާނެ ކަމެއްކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭން ބޭނުންވާ ކަމަށެވެ. އަދި އެއީ ކުންފުނިތައް ވިއްކާލުން ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިސާލަކަށް ބަލާ އެސްޓީއޯ، ބޭންކް އޮފް މޯލްޑިވްސް. ދިވެހި ރައްޔިތުންގެވެސް ވަރަށް ގިނަ ބަޔަކު ޝެއާ ހުރޭ ހަމަ ބީއެމްއެލްގައިވެސް، އެސްޓީއޯގައިވެސް. އެގޮތަށް ކޯޕަރޭޓް ގަވަނެންސް އުސޫލުގެ ތެރެއިން މި ކުންފުނިތައް ހިންގުމަކީ މުހިއްމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރު ކުންފުނިތައް ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާތައް ހުންނަ ކަމަށެވެ. އެ ޝަކުވާތައް ކުޑަކުރެވޭނީ ސަރުކާރުގެ އިންވޯލްމެންޓް ބޭނުންވާ ވަރަށް ބާއްވާ، ޕަބްލިކްގެ އިންވޯލްމެންޓް އިތުރުކޮށްގެން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ އެއްވެސް ފަރާތަކުން ދެކޮޅުވާންވީ ކަމެއް ނޫން ކަމަށާއި ކުންފުނިތަކުގެ ހިއްސާ ވިއްކުމުގެ މަސައްކަތް ކުރާނީ އެންމެ ރަނގަޅު ދަނޑިވަޅުތޯ ބަލާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން މުޅިން އަލަށް 462.6 މިލިއަން ރުފިޔާ އަންނަ އަހަރު އާމްދަނީގެ ގޮތުގައި ބަޖެޓަށް ހޯދޭނެ ކަމަސް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް