ގދ. ގެ ބައިނަލްއަގްވާމީ ބަނދަރަށް 3.3 މިލިއަން ރުފިޔާ

ގދ. ތިނަދޫ. -- (ފޮޓޯ/އަހުމަދު ނިހާން)

ގދ. ތިނަދޫގައި އަޅާ ބައިނަލްއަގްވާމީ ބަނދަރުގެގެ އޮޕަރޭޝަންތައް ފެށުމަށް 3.36 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކޮށް އެކުލަވާލި ބަޖެޓުގައި ހިމަނައިފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހަޅުއްވައި ދެއްވި 2021 ވަނަ އަހަރުގެ ބަޖެޓުގައި ތިނަދޫގައި ބައިނަލްއަގްވާމީ ފެންވަރުގެ ބަނދަރެއް ގާއިމްކުރުމާއި އެ ސަރަހައްދުގައި ކަސްޓަމްސް އޮޕަރޭޝަންސްތައް ފެށުމަށްޓަކައި ޖުމްލަ 3.36 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ތިނަދޫގައި ބައިނަލްއަގްވާމީ ފެންވަރުގެ ބަނދަރެއް އެޅުމުގެ އިތުރުން ހުވަދޫ އަތޮޅުގައި އެންމެ ފުރަތަަމަ ތަރައްގީ ކުރި އެއާޕޯޓުކަމުގައިވާ ކާޑެއްދޫ އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

މި މަޝްރޫއުގެ ތެރެއިން ތިނަދޫގައި ބަނދަރު އަޅަން ހަމަޖެހިފައިވާ ސަރަހައްދަކީ އެ ރަށުގެ ދެކުނު ފަރާތު (ބަރާސިލު) ސަރަހައްދުކަމަށް އެ ރަށުގެ ކައުންސިލުން ނިންމާފައިވާކަމަށް ދާއިރާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ އެއް މެންބަރު އަބްދުލް މުޢުނީ ވިދާޅުވި އެވެ.

ޖަޒީރާ ހޮޅުއަށި ތިނަދޫ ---ފޮޓޯ/ ރައީސް އޮފީސް

ތިނަދޫގައި އަޅާ ބައިނަލްއަގްވާމީ ބަނދަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޢުނީ ވިދާޅުވި ގޮތުގައި ތިނަދޫގައި އަދި މި އެޅިގެން ދަނީ ވަގުތީ ވިޔަފާރި ބަނދަރެކެވެ. އަދި އެންމެ ފުރަތަމަ ރަށުގެ އުތުރުގައި ބަނދަރު އެޅުމަށް ވިސްނި ވިސްނުން ބަދަލުކުރީ ފިޝަރީޒް މިިނިސްޓްރީއިން ރަށުގެ އެ ސަރަހައްދުގައި 1،000 ޓަނުގެ އައިސްޕްލާންޓް ސްޓޯރޭޖެއް ގާއިމުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް މުޢުނީ ވިދާޅުވި އެވެ.

"ދެކުނުގައި ބަނދަރު އެޅުމަށް ކައުންސިލުން ނިންމީ ވަރަށް ފަހުން. އެއީ އެ ސަރަހައްދުގައި ޖާގަ އޮތީމަ. ދެން މިއީ އަދި ވަގުތީ ބަނދަރެއް ހަގީގަތުގައި. ސަރުކާރުން އެދެނީ ވީހާވެސް އަވަހަށް ރައްޔިތުންނަށް މި ޙިދުމަތް ފޯރުކޮށްދޭން ފަށަން. ރަސްމީ ބަނދަރުގެ މަޝްރޫއު އަދި ފެށްޓުމަށް ރަށުގެ އިރުމަތީ ފަރާތުން ހިއްކައިގެން ތޮށިލުމުގެ ވިސްނުމެއް އޮތީ. އެކަންވެސް ވާނެ އިރާދަކުރެއްވިއްޔާ" މުޢުނީ ވިދާޅުވި އެވެ.

ތިނަދޫއަކީ މުޅި ހުވަދޫ އަތޮޅުގެވެސް މައި ހަބުގެ ގޮތުގައި އޮންނަ އެންމެ އާބާދީ ބޮޑު ރަށަކަމަށް ވުމާއިއެކު ރަށުގައި އެފަދަ ބަނދަރެއް ވަގުތީކޮށް އެޅިއްޖެނަމަވެސް އެކަމުގެ ފައިދާ މުޅި އަތޮޅަށް ކުރާނެކަމަށް މުޢުނީ ވިދާޅުވި އެވެ.

ބަޖެޓުގައި ހިމެނިފައިވާ އާ މަޝްރޫއުތަކުގެ މައުލޫމާތައި ގުޅޭ ބައިގައި ވާ ގޮތުންނަމަ 2022 ވަނަ އަހަރު އެ މަޝްރޫއަށްޓަކައި 1.5 މިލިއަން ރުފިޔާ ހިމެނޭނެކަމަށް އަދި 2023 ވަނަ އަހަރުގައިވެސް ހަމަ އެ އަދަދަށް ފައިސާ ހިމެނޭނެކަމަށް ވަނީ އަންދާޒަކޮށްފަ އެވެ.

އިތުރަށް ވާހަކަދައްކަވަމުން މުއުނީ ވިދާޅުވިގޮތުގައި ބަޖެޓް ކޮމިޓީގައި ހިމެނޭ މެންބަރެއްގެ ހައިސިއްޔަތުން ތިނަދޫއަށް 103 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއު ހިމަނައި އޭގެ ތެރެއިން ތިނަދޫގައި އިމިގްރޭޝަން ޑެސްކެއް ގާއިމުކޮށް ޕާސްޕޯޓު ހެއްދުމުގެ ޙިދުމަތްފަދަ ޙިދުމަތްތައް ދިނުމަށް ދަނީ މަސައްކަތްކުރެވެމުންނެވެ.

comment ކޮމެންޓް