އަރުނަބު ގޮސްވާމީ ކަފާލާތުގެ ދަށުން ދޫކުރަން ކޯޓުން ދެކޮޅު ހަދައިފި

ރިޕަބްލިކް ޓީވީގެ ޗީފް އެޑިޓާ އަރުނަބު ގޮސްވާމީ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (ނޮވެމްބަރު 9): އިންޑިއާގެ ރިޕަބްލިކް ޓީވީގެ ވެރިޔާ އަދި ޗީފް އެޑިޓަރު އަރުނަބު ގޮސްވާމީ ކަފާލާތުގެ ދަށުން ދޫކުރަން މުމްބާއީގެ ހައި ކޯޓުން ދެކޮޅު ހަދައިފި އެވެ.

މަހާރަޝްތުރާގެ ފުލުހުން ބުނި ގޮތުގައި މިދިޔަ ބުދަ ދުވަހު ގޮސްވާމީ ހައްޔަރު ކުރީ އޭނާގެ ސްޓޫޑިއޯ ޑިޒައިން ކުރި އާކިޓެކްޓް، އަންވޭ ނައިކް 2018 ވަނަ އަހަރު އަމިއްލައަށް މަރުވުމުގައި ގޮސްވާމީގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އަދި އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ 12 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.

ކޮންކޯޑް ޑިޒައިންސް ކިޔާ ކުންފުންޏެއްގެ ވެރިން ކަމަށްވާ ނައިކް އާއި އޭނާގެ މަންމަ މަރުވެފައި އޮއްވާ ފެނުނީ އެ ދެ މީހުން ދިރިއުޅެމުން ދިޔަ ގެއިން މެއި 2018އިގަ އެވެ. އަދި ނައިކް ލިޔެފައިވާ ނޯޓެއްގައިވާ ގޮތުން އޭނާ މަރުވީ އޭނާގެ ކުންފުންޏަށް ގޮސްވާމީއާއި އިތުރު ބަޔަކު ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

އެ މައްސަލަ މީގެ ކުރިންވެސް ތަހުގީގު ކުރުމަށް ފަހު މިދިޔަ އަހަރު ރައިގާޑްގެ ފުލުހުން ވަނީ ގޮސްވާމީއާ ދެކޮޅަށް ހެކި ލިބިފައި ނުވާ ކަމަށް ބުނެ އެ މައްސަލަ ބެލުން ހުއްޓާލާފަ އެވެ. ނަމަވެސް އެ މައްސަލަ އަލުން ތަހުގީގު ކުރަން ނައިކްގެ ދަރިފުޅު އެދިފައިވާ ކަމަށް ބުނެ މަހާރަޝްތުރާގެ ހޯމް މިނިސްޓްރީން އެ މައްސަލަ އަނެއްކާވެސް ތަހުގީގު ކުރަން މިދިޔަ މެއި މަހު އެންގި އެވެ.

ކަނާތު ފިޔައިގެ ނޫސް ޗެނަލްއެއް ކަމަށްވާ ރިޕަބްލިކް ޓީވީގައި އިސްކޮށް ހުންނަވާ ގޮސްވާމީ ވަނީ މަހާރަޝްތުރާގެ ސަރުކާރަށް ތަކުރާރުކޮށް ފާޑު ވިދާޅުވެފަ އެވެ. އެ ސަރުކާރު ހިންގާ ކޯލިޝަނުގައި އިސްކޮށް އޮންނަ ޝިވް ސޭނާ ޕާޓީއަކީ ގައުމުގެ ވެރިކަން ކުރާ ބާރަތިޔާ ނެޝަނަލް ޕާޓީއާ ގުޅިގެން މީގެ ކުރިން މަސައްކަތް ކުރި ޕާޓީއެކެވެ. ނަމަވެސް ފަހުން އެ ޕާޓީން ވަނީ ކޮންގްރެސް ޕާޓީއާ އެކު ކޯލިޝަން ހަދާފަ އެވެ.

ރިޕަބްލިކް ޓީވީން ނެރުނު ބަޔާނެއްގައިވާ ގޮތުން ގޮސްވާމީ ހައްޔަރު ކުރުމުގެ ތެރޭގައި އޭނާއަށް ވަނީ އަނިޔާކޮށްފަ އެވެ. އަދި އޭނާ ހައްޔަރު ކުރީ ނޫސްވެރިއަކަށް ވީތީ ކަމަށް ތުހުމަތުކޮށްފަ އެވެ.

މީގެ އިތުރުން އިއްޔެ ރިޕަބްލިކް ޓީވީން ދެއްކި ވީޑިއޯއެއްގައި ގޮސްވާމީ ކޮރޯނާވައިރަހަށް ޓެސްޓު ކުރުމަށް ފަހު ޖަލަށް ގެންދާ މަންޒަރު ފެނިގެންދެ އެވެ. އަދި ޕޮލިސް ވޭނުގައި ހުރެގެން އޭނާ ވަނީ ޖަލު އޮފިޝަލުން އޭނާއަށް އަނިޔާކޮށް، އޭނާގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށާއި އޭނާގެ ވަކީލާ ވާހަކަ ދައްކަން ފުރުސަތު ނުދޭ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް