ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 60އަށް

ކަޑިންމަ ރިސޯޓު

ކަނޑިންމަ ރިސޯޓުން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 60އަށް އަރައިފި އެވެ.

ކަނޑިންމަ ރިސޯޓުން އެންމެ ފުރަތަމަ ކޮވިޑަށް މީހަކު ޕޮޒިޓިވްވިކަން އެނގުނީ މިމަހު އެއް ވަނަ ދުވަހުއެވެ.

މިރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިހާތަނަށް ޖުމްލަ 60 މީހަކު އެ ރިސޯޓުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ކަރަންޓީންގައި ތިބެ ޕޮޒިޓިވްވި މީހުންވެސް ހިމެނޭ. އަދި މިވަގުތު ޖުމްލަ 44 ކޮންޓެކްޓެއް އެބަތިބި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެ ރިސޯޓު ވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި ރަށަށް އަރައި ފޭބުމުގައި ރެސްޓްރިކްޝަންތަކެއް އެއާއެކު ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެ ރިސޯޓަށް އެހެން ޓުއަރިސްޓުންނަށް ދިޔުން މަނާ ވާނެއެވެ.

އެ ރިސޯޓުން ފޭބޭނީވެސް ކޮންޓެކްޓް ޓްރޭސިން ހަދައި އެއްވެސް ކޮންޓެކްޓެއް ނެތް އަދި ނެގެޓިވްކަން ޔަގީންވާ ޓުއަރިސްޓުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެ ރިސޯޓުގައި ކޮވިޑް ކޭސްތަކެއް އުޅޭކަން ފާހަގަވީ، އެ ރަށުގައި މަސައްކަތް ކުރާ 60 އަހަރުގެ ދިވެއްސަކު ހާލުބޮޑުވެގެން ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވުމުންނެވެ. އަދި އޭނާ ޓެސްޓްކުރީއިރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 38 ވަނަ މީހާ އެވެ.

އޭނާ މަރުވީ ދެހަފްތާއެއްހާ ދުވަހު ބަލި ހާލުގައި އުޅުމަށްފަހު ކަމަށް އާއިލާއިން ބުނެފައިވެއެވެ. އާއިލާއިން ތުހުމަތު ކުރަނީ އޭނާއަށް ފަރުވާ ދިނުމުގައި ރިސޯޓުން އިހުމާލުވެފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ.

މިރޭ ޑރ. ނަޒްލާ ވިދާޅުވީ، އެޗްޕީއޭ އާއި މިނިސްޓްރީން އެ ރިސޯޓަށް ގޮސް ބެލި ބެލުމުން ރިސޯޓުން އޮޅުވާލުންތަކެއް އޮޅުވާލި ކަމަށެވެ. އެގޮތުން މަރުވި މީހާގެ ސިއްހީ މައުލޫމާތުތައް ދިނުމުގައި އެކި ގޮތަށް މައުލޫމާތު ދިން ކަމަށް ނަޒްލާ ވިދާޅުވއިެވެ.

https://sun.mv/145348

އެ މަސައްލައިގައި ރިސޯޓުގެ ހުއްދަ ބާތިލު ކުރި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޑރ. ނަޒްލާ ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

ރިސޯޓާމެދު ފިޔަވަޅު އެޅިކަން އަދި މިހާތަނަށް ޓޫރިޒަމް މިނިސްޓްރީންވެސް ކަށަވަރުކޮށް ނުދެއެވެ.

comment ކޮމެންޓް