މުވައްޒަފުގެ މަރު: އެޗްޕީއޭއިން ކުރަނީ ކަނޑިންމައިން އޮޅުވާލަން އުޅުނުކަމުގެ ތުހުމަތު

ކަޑިންމަ ރިސޯޓު: އެ ރިސޯޓުން ޕޮޒިޓިވްވީ ހުސް މުވައްޒަފުން

ކަނޑިންމަ ރިސޯޓު މިދިޔަ މަހުގެ 30ވަނަ ދުވަހު ކޮވިޑް ޖެހިގެން މަރުވި މީހާގެ މައްސަލައިގައި، އެ ރިސޯޓުން މައުލޫމާތު ދިނުމުގައި އޮޅުވާލި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އުމުރުން 60 އަހަރުގެ އާދަމް ނަސީރު މަރުވީ ދެހަފްތާއެއްހާ ދުވަހު ބަލި ހާލުގައި އުޅުމަށްފަހު ކަމަށް އާއިލާއިން ބުނެފައިވެއެވެ. އާއިލާއިން ތުހުމަތު ކުރަނީ އޭނާއަށް ފަރުވާ ދިނުމުގައި ރިސޯޓުން އިހުމާލުވެފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ.

މިރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
"ސަން"އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެޗްއީއޯސީ، އެޗްޕީއޭ އަދި މިނިސްޓްރީގެ ޓީމުން އެ ރިސޯޓަށް ގޮސް ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި މުވައްޒަފުގެ ސިއްހީ މައުލޫމާތުތައް އެކި ފަހަރު އެކި ގޮތަށް ރިސޯޓުން ދީފައިވާ ކަމަށެވެ. އަދި ޖިނާއީ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅީ، އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރެވޭތީކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ފެނުނު ކަންތައްތަކުން އިތުރަށް ތަހުގީގު ކުރަން ޖެހޭތީ ފުލުހަށް ހުށަހެޅީ. އޭގެ ތެރޭގައި މިސާލަކަށް ބަލި މީހާގެ ހިސްޓްރީ ދިނުމުގައި އެކިފަހަރު އެކި ގޮތަށް މައުލޫމާތު ދީފައި ހުރި ކަމަށް ފެންނަ އެބަހުރި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

https://sun.mv/145231

ނަޒްލާ ވިދާޅުވީ، އެކަކަން ކަށަވަރު ކުރެވި، ފުރިހަމަ ނިންމުމެއް ނިންމޭނީ ފުލުހުންގެ ތަހުގީގުން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމަށްފަހު، އޮޅުވާލުންތަކެއް އޮޅުވާލީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން ޑރ. ނަޒްލާ ވިދާޅުވީ، އެކި ފަހަރު އެގޮތަށް މައުލޫމާތު ދެއްވީ ރިސޯޓުގެ ޑޮކްޓަރު ކަމަށެވެ.

އާދަމް ނަސީރުގެ ބަލި ހާލަތު ގޯސްވިއިރު، އެކަން ރިސޯޓުންވެސް އަންގާފައި ނުވާ ކަމަށް މީގެ ކުރިން އެޗްޕިއޭ އިން ވަނީ ބުނެފައެވެ.

އެ މަސައްލައިގައި ރިސޯޓުގެ ހުއްދަ ބާތިލު ކުރި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޑރ. ނަޒްލާ ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

ރިސޯޓާމެދު ފިޔަވަޅު އެޅިކަން އަދި މިހާތަނަށް ޓޫރިޒަމް މިނިސްޓްރީންވެސް ކަށަވަރުކޮށް ނުދެއެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފަތުރުވެރިންނަށް ހިދުމަތްދޭ ބައެއް ތަންތަނުން، ކޮވިޑް19 އާ ގުޅިގެން އެކުލަވާލާފައިވާ އެސްއޯޕީ އާއި ގައިޑްލައިންތަކަށް އަމަލު ނުކުރާނަމަ، ދޫކޮށްފައިވާ ހުއްދަ ކުރިން އެންގުމަކާ ނުލާ ސަސްޕެންޑުކުރަން ޖެހިދާނެ ކަމަށެވެ.

ކޮވިޑް ޖެހިގެން މީހަކު މަރުވެގެން ރިސޯޓަށް ތުހުމަތުތަކެއް ކުރެވޭތާ މިހާރު ހަފްތާއެއްހާ ދުވަސްވީއިރު، އަދި މިހާތަނަށް އެކަމާ ގުޅޭ ގޮތުން ކަނޑިންމަ ރިސޯޓުން ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.

ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި އަދަދު މިހާރު ވަނީ 60އަށް އަރާފައެވެ. މިއީ މިފަހުން ރާއްޖެއިން ފެނުނު އެންމެ ބޮޑު ކްލާސްޓާއެވެ.

comment ކޮމެންޓް