އެކަހެރިކޮށް އޮންނަ ހދ. މަކުނުދޫ ފަޅުގައި އޮންނަ 'ދިއްޕަރުފުށީ'ގައި ސޮނެވާއިން ތަރައްގީކުރި 'ސޮނެވާ ސީކްރެޓް' ރިސޯޓު ހުޅުވައިފިއެވެ.
ސޮނެވާއަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ލަގްޒަރީ ރިސޯޓް ހިންގާ އެއް ކުންފުންޏެވެ.
ސޮނެވާ ސީކްރެޓްގައި ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ވޯޓާ ވިލާތަކެއް ތަރައްގީކޮށްފައެވެ. ބީޗް ވިލާއާއި އޯވާ ވޯޓާ ވިލާތައް ވެސް ހިމެނޭހެން ޖުމުލަ 14 ވިލާ ހިމެނޭއިރު ކޮންމެ ވިލާއެއްގައި ވެސް ފަތުރުވެރިންނަށް އެހީތެރިވާނެ އެހީތެރިއަކާއި ބަޓްލަރެއް އަދި ހާއްސަ ޝެފެއް ވެސް ހުންނާނެއެވެ.

ސޮނެވާ ސީކްރެޓް -- ފޮޓޯ/ ސޮނެވާ
އެކަހެރިކޮށް އޮންނަ އެ ރަށް ސޮނެވާއިން ތަރައްގީކޮށްފައިވަނީ ފަތުރުވެރިންނަށް ފުރިހަމަ ޕްރައިވެސީ ލިބޭނެ ތަނެއްގެ ގޮތުގައެވެ.
އެ ރިސޯޓުން ބުނާ ގޮތުގައި ސޮނެވާ ސީކްރެޓްގައި ހަ ވައްތަރެއްގެ ވިލާ ހުރެއެވެ. އެންމެ ފާހަގަކޮށްލެވެނީ ކްރޫސޯ ވިލާއާއި ކަސްޓަވޭ ވިލާއެވެ. މި ކޮންމެ ވިލާއެއް ވެސް ފަރުމާކުރެވިފައިވަނީ ހަލާކުނުވާ ގުދުރަތީ މާހައުލުގެ ތެރޭގައި ސުލްހަވެރިކަމާ އެކު އުޅެވޭނެގޮތަށް ކަމަށް އެ ރިސޯޓުން މައުލޫމާތު ދެއެވެ.

ސޮނެވާ ސީކްރެޓް -- ފޮޓޯ/ ސޮނެވާ
މީގެ އިތުރުން ވެސް މި ރިސޯޓުގައި ގޯމޭ ޑައިނިންއާއި، ތަފާތު އެކި ކަހަލަ ލަގްޒަރީ ކެއުންތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.
ފަތުރުވެރިންނަށް ހދ. ކުޅުދުއްފުށީ އެއާޕޯޓަށް އައިސް، ލޯންޗުގައި އެއް ގަޑިއިރުގެ ދަތުރަކަށް ފަހު ރިސޯޓަށް ދެވޭނެއެވެ.
ސޮނެވާ ސީކްރެޓްގެ އިތުރުން ވެސް ސޮނެވާއިން އަންނަނީ ބ. އަތޮޅުގައި ސޮނެވާފުށި އަދި ނ. އަތޮޅުގައި ސޮނެވާ ޖާނީ ހިންގަމުންނެވެ.