ފިޗުގެ ވާހަކަވެސް އަހަންވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު -- ފޮޓޯ: މަޖިލިސް

ފިޗް ފަދަ ބައިނަލްއަގުވާމީ އިންޑިކޭޓަރުންގެ ވާހަކަ އަހަންވާނެ ކަމަށް އައްޔިތުންގެ މަޖިލީހުގެ ރައީސް، ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފިޗުން ރާއްޖެއަށް ދީފައިވާ ބީ މައިނަސް ކްރެޑިޓް ރޭންކިން "ސީސީސީ" އަކަށް ދައްކުރުމުން އެކަން ގަބޫލު ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ އިއްޔެ ބުނެފަ އެވެ.

ބުރާސްފަތި ދުވަހު ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވާއިރު އެ އިދާރާ އިން ބުނީ ރާއްޖޭގެ ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު ހީވާ ހިސާބަށް އިގްތިސާދީ ހާލަތު މިހާރު ގޮސްފައިވާ ކަމަށެވެ.

ފިޗުން ލަފާކޮށްފައިވާ ގޮތުން 2021 ވަނަ އަހަރު 16 ޕަސެންޓު އަދި 2022 ވަނަ އަހަރު 20 ޕަސެންޓުގެ ކުރިއެރުމެއް ރާއްޖޭގެ ޓޫރިޒަމަށް އަންނާނެ އެވެ. ނަމަވެސް މިއީ ލަފާކުރިވަރަށްވުރެ ލަސް ކުރިއެރުމެއް ކަމަށް ފިޗުން ބުންޏެވެ.

ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 110.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 21.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޗުން ބުންޏެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށް ބުނި ވަހަކަވެސް އަހަންވާނެ ކަމަށެވެ. ބޭރުގެ ދަރަނި ރީސްޓްރަކްޗާ ކުރެވިއްޖެނަމަ ދަރަނިވެރި ނުވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ހާއްސަކޮށް ޗައިނާގެ ކޮމާޝަލް އިންސްޓިޓިއުޝަންތަކަށް ދައްކަންޖެހޭ ލޯނުތައް. ޓޫރިޒަމް ކުރިއަރަމުންދާއިރު އުއްމީދު އެބައޮތް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ފިޗުގެ ވާހަކަތަކަށް ރައްދުދީ ފިނޭންސް މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ދަރަނި ދުވަހަކުވެސް ޑީފޯލްޓުވެފައި ނުވާނެ ކަމަށާއި އެކަން އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ. ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތައް ވަގުތުން ދައްކަމުންދާ ކަމަށާއި އެކަން ޔަގީންކުރާ ކަމަށްވެސް ފިނޭންސް އިން ބުންޏެވެ.

ރާއްޖޭގެ ފަރުތުވެރިކަން ކުރިއަރަމުންދާ ކަމަށާއި ފަތުރުވެރިކަން ރަނގަޅުވެ ބޭރު ފައިސާ ލިބުމުގެ ދައްޗަށް ލުއި އަންނާނެެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ފިނޭންސް އިން ވަނީ ބުނެފަ އެވެ.

ފިނޭންސް އިން ބުނީ ކޮވިޑުގެ ހާލަތު ފުރަތަމަ ކުރިމަތިވިއިރު އިގްތިސާދީ ގޮތުން ވާނެ ގޮތަކާމެދު ސުވާލު އުފެދުނު ނަމަވެސް ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލުތައް ސަރުކާރުން އާންމު ކުރަމުންދާ ކަމަށެވެ.

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށް ނެރުނު ނޫސްބަޔާނުގައި ބުނީ ފާއިތުވި މަސްތަކުގައި ރާއްޖޭގެ އިގްތިސޯދު ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށާއި ދުނިޔޭގެ ނިސްބަތުންވެސް އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ފިޗުން ބުނެފައިވެ އެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓް ދަށަށް ދާނެ ކަމަށެވެ.

https://sun.mv/145250

comment ކޮމެންޓް