ފިޗުން ރާއްޖެއަށް ދިން ރޭޓިންއާ މެދު ފިނޭންސުން ދެކޮޅު ހަދައި ނުރުހުން ފާޅުކޮށްފި

އޮގަސްޓް 27، 2020: މާލިއްޔަތު ކޮމެޓީއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިޗުން ރާއްޖެއަށް ދީފައިވާ ބީ މައިނަސް ކްރެޑިޓް ރޭންކިން "ސީސީސީ" އަކަށް ދަށްކުރުމާ ގުޅިގެން ފިނޭންސް މިނިސްޓްރީ އިން ނުރުހުން ފާޅުކޮށް އެ ރޭޓިން އަށް ދެކޮޅު ހަދައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭންކިން ދަށްކުރި ކުރުން ބަލައި ނުގަންނަ ކަމަށެވެ. ސަރުކާރުގެ ޕޮލިސީތަކުގެ ސަބަބުން އިގްތިސާދީ ހާލަތު ރަނގަޅުވާން ފަށާފައިވާ ކަމަށް ފިނޭންސްގެެ ބަޔާނުގައި ބުންޏެވެ.

https://sun.mv/145247

ރާއްޖޭގެ ކްރެޑިޓް ރޭންކިން ދަށްކޮށް ފިޒުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު ހީވާ ހިސާބަށް އިގްތިސާދީ ހާލަތު މިހާރު ގޮސްފައިވާ ކަމަށެވެ.

ފިޗުން ލަފާކޮށްފައިވާ ގޮތުން 2021 ވަނަ އަހަރު 16 ޕަސެންޓު އަދި 2022 ވަނަ އަހަރު 20 ޕަސެންޓުގެ ކުރިއެރުމެއް ރާއްޖޭގެ ޓޫރިޒަމަށް އަންނާނެ އެވެ. ނަމަވެސް މިއީ ލަފާކުރިވަރަށްވުރެ ލަސް ކުރިއެރުމެއް ކަމަށް ފިޗުން ބުންޏެވެ.

ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 110.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 21.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޗުން ބުންޏެވެ.

އެކަމަށް ރައްދުދީ ފިނޭންސްގެ ބަޔާނުގައި ބުނީ ރާއްޖޭގެ ދަރަނި ދުވަހަކުވެސް ޑީފޯލްޓުވެފައި ނުވާނެ ކަމަށާއި އެކަން އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ. ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތައް ވަގުތުން ދައްކަމުންދާ ކަމަށާއި އެކަން ޔަގީންކުރާ ކަމަށްވެސް ފިނޭންސް އިން ބުންޏެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް މަޑުޖެހުނު ނަމަވެސް ޖުލައި 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާފައިވާ ކަމަށާއި ކޮވިޑުގެ ކުރިން ފަތުރުވެރިން އައި މިންވަރަށް އަދި ފަތުރުވެރިން ނައި ނަމަވެސް، މަހުން މަހަށް ބަލާއިރު ފަތުރުވެރިކަން ރަނގަޅުވަމުންދާ ކަމަށެވެ.

"ޖުލައިމަހު 2000 ފަތުރުވެރިން އައި އިރު އޮކްޓޯބަރު މަހު މި އަދަދު ވަނީ 21،000 އަށް އިތުރު ވެފައި. އިތުރު ފްލައިޓުތައް ރާއްޖެއަށް އަންނަން ފަށާފައިވާއިރު ސަރުކާރުގެ މަސައްކަތުން ރާއްޖެއަށް އެންމެ މުހިއްމު ފަތުރުވެރިކަމުގެ މަންޒިލުތަކުން ރާއްޖެ އައުމަށް މިހާރު ވަނީ ލުއިތަކެއް ދީފައި،" ބަޔާނުގައި ބުންޏެވެ.

ފިނޭންސް އިން ބުނީ މިހާރުވެސް 100 ރިސޯޓް އޮޕަރޭޝަނުގައި އެބައޮތް ކަމަށާއި ޕީކް ސީޒަނާ ދިމާކޮށް ފަތުތުވެރިކަން އިތުރަށް ކުރިއަރާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓުގެ ސަބަބުން ފަތުރުވެރިންނަށް ރާއްޖެ އަކީ ރައްކާތެރި ތަނެއްކަން ގަބޫލު ކުރެވޭ ކަމަށް ފިނޭންސް އިން ބުންޏެވެ.

އަންނަ އަހަރުވެސް ރާއްޖޭގެ ޓޫރިޒަމް ޕްރިމޯޝަން ބަޖެޓު ބޮޑުވާނެ ކަމަށާއި ޓޫރިޒަމް ޕްރޮމޯޓުކޮށް ރިސޯޓުތަކާއި ދާއިރާ އާއި ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ފިނޭންސް އިން ބުނީ ކޮވިޑުގެ ހާލަތު ފުރަތަމަ ކުރިމަތިވިއިރު އިގްތިސާދީ ގޮތުން ވާނެ ގޮތަކާމެދު ސުވާލު އުފެދުނު ނަމަވެސް ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލުތައް ސަރުކާރުން އާންމު ކުރަމުންދާ ކަމަށެވެ.

ފިޗުން ބުނީ ފާއިތުވި މަސްތަކުގައި ރާއްޖޭގެ އިގްތިސޯދު ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށާއި ދުނިޔޭގެ ނިސްބަތުންވެސް އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ފިޗުން ބުނެފައިވެ އެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓް ދަށަށް ދާނެ ކަމަށެވެ.

ފިނޭންސް އިން ބުނީ ފައިނޭންސިން ގެޕް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ބޭރުގެ ފައިނޭންޝަލް އިންޓިޓިއުޝަން ތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އިންޑިއާ ސަރުކާރާއި ޖަޕާނު ސަރުކާރު، އޭޑީބީ، ވޯލްޑް ބޭންކް އަދި އައިޑީބީ އާއި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް، އޭއައިޑީބީ އަދި އޯޕެކް ފަދަ އިދާރާތަކާއި އެނޫންވެސް އިދާރާ ތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ސަރުކާރުން މިމަހުގެ 10 ވަނަ ދުވަހު އިންވެސްޓާ ކޯލެއް ބާއްވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް