ރާއްޖޭގައި ކުޑަކުދިންނާ ކައިވެނި ކުރުމުގެ ސަގާފަތް ނައްތާލަން އެޗްއާރުސީއެމްއިން ގޮވާލައިފި

ކުޑަކުދިންތަކެއް--

ދިވެހިރާއްޖެއިން ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) އަށް ލަފާ އަރުވާ ކަންކަމުގެ ތެރޭގައި ކޯޓުން ބޭރުން ކުޑަކުދިންނާއި ކައިވެނި ކުރުމުގެ ސަގާފަތް ނައްތާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފި އެވެ.

އެޗްއާރުސީއެމްއިން ޔޫޕީއާރަށް ހުށަހެޅި ރިޕޯޓުގައި ޖުމްލަ 15 ކަމެއްގެ މައްޗަށް ލަފާއެރުވިއިރު މި ރިޕޯޓުގައިވާ ކަންކަން މިހާރު ކުރިޔަށްދާ ޔޫއެންއެޗްސީއާރުގެ 36 ވަނަ ސެޝަންގައި ދަނީ ރިވިއު ކުރެވެމުންނެވެ. މި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ހިމަމާފައި ވަނީ، 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމަޔަށް ރާއްޖޭގައި ފާހަގަކުރެވުނު އިންސާނީ ހައްގުތަކާއި ގުޅޭ މައްސަލަތަކަށް ހައްލު ހޯދުމަށް ދެވޭ ލަފާތަކެވެ.

އެޗްއާރުސީއެމްއިން ހުށަހެޅި ކަންކަމުގެ ތެރޭގައި ކުޑަކުދިންނާއި ކުރެވޭ ކައިވެނީގެ ސަގާފަތް ނައްތާލައި، ހެއްކާއި ބެހޭ ގާނޫނެއް އަވަހަށް ވުޖޫދަށް ގެނެސް، ކުޑަކުދިންގެ ހައްގުތަކުގެ ބިލެއް އަދި ތައުލީމާއި ގުޅޭ ބިލެއް ވުޖޫދަށް ގެނައުމަށް ވަނީ ގޮވާލައިފަ އެވެ.

ރާއްޖޭގައި 2019 ވަނަ އަހަރު ތަސްދީގުކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން 18 އަހަރުނުވާ ކުޑަކުދިންނާއި ކައިވެނިކުރުމަކީ ހުއްދަކަމެއް ނޫނެވެ. އަދި ތައުލީމާއި ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާއިބެހޭ ކޮމެޓީން މިދިޔަ އޯގަސްޓް މަސްތެރޭ ވަނީ ފާސްކޮށްފަ އެވެ.

އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ރާއްޖޭގައި ކުޑަކުދިންގެ މައްސަލަތަކުގައި މަސައްކަތްކުރާ ކައުންސިލަރުންގެ އަދަދު މަދުއިރު ވަކި ހާލަތްތަކެއްގައި ސުޕްރީމް ކޯޓުގެ ހުއްދައާއިއެކު ކުޑަކުދިންނާއި ކައިވެނިކުރެވެން އޮވެ އެވެ. އަދި ކުޑަކުދިންގެ މައްސަލަތަކުގައި ގިނަ ފަހަރަށް އިންސާފު ނުލިބޭކަން ފާހަގަކޮށް ކުޑަކުދިންގެ މައްސަލަތަކުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކާއި ކުޑަކުދިން ބަލަހައްޓާ އިދާރާތަކަށް އެދެވޭ މިންވަރަށް ވަސީލަތްތައް ފޯރުކޮށްދިނުމަށް ވަނީ ގޮވާލައިފަ އެވެ.

ރިޕޯޓުގައި ދެން އެޗްއާރުސީއެމްއިން ލަފާދީފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ނުހައްގުން ކުރާ ހައްޔަރުތައް މަދުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށާއި، ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ނެގެހެއްޓުމުގެ އިތުރުން ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރިޔަށްގެންދާ ސުލޫކީ މައްސަލަތަކުގެ އެންމެހާ މައުލޫމާތެއް އެޗްއާރުސީއެމްއަށް ފޯރުކޮށްދިނުމަށް ވަނީ ގޮވާލައިފަ އެވެ.

އެޗްއާރުސީއެމްގެ ރިޕޯޓުގައިވާ ގޮތުންނަމަ، ރިޕޯޓަށް ބެލުނު މުއްދަތުގެ ތެރޭގައި ހައްޔަރުކުރެވޭ ވަގުތު އެދެވޭ ސަބަބަކާއި ނުލައި ހައްޔަރުކުރެވޭ ފަރާތް ބަރަހަނާކޮށް ފާސްކުރުން ފަދަ ނޭދެވޭ އަމަލުތައް ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ދިޔައީ ހިންގަމުންނެވެ. އަދި ޖަލުތަކުގައި ގައިދީން އެކަނި ބޭއްތިބުން ނުވަތަ "ސޮލިޓަރީ" ކޮށް ބޭއްތިއްބުން މަނާކޮށްފައިވާ ހިނދު މާފުށީ ޖަލުގައި އަދަބެއްގެ ގޮތުގައި ގައިދީން ވަކިން އެކަނި ބައިތިއްބާކަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުންވެސް ޖަލުތަކާއި ހައްޔަރުކުރުން އަދި ޓޯޗާގެ އިތުރު އެހެން އެތައް މައްސަލަތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު މިފަދަ މައްސަލަތަކުގެ ޝަކުވާ ހުށަހަޅާނެ އެދެވޭ ނިޒާމެއް ގާއިމުކުރުމަށް އަދި އިންސާފަށް ފަސޭހައިން ވާސިލުވުމަށް ޖުޑިޝަރީ އިސްލާހުކޮށް ކޮރަޕްޝަނާއި ދެކޮޅަށް މައްސަކަތްކުރާ އިދާރާތައް ބާރުވެރިކުރުވުމަށް ރިޕޯޓުގައި ވަނީ ގޮވާލައިފަ އެވެ.

ރިޕޯޓުގައި އެޗްއާރުސީއެމް އިން ދެން ލަފާއެރުވި ކަންތައްތަކުގެ ތެރޭގައި އެއްވެ އުޅުމުގެ މިނިވަންކަން ބައިނަލްއަގްވާމީ ފެންވަރަށް ގެނައުން، ނުކުޅެދުންތެރިކަން ހުންނަ ފަރަތްތަކަށް ތައުލީމާއި ސިއްހީ ފަރުވާ އަދި ވަޒީފާގެ ފުރުސަތު އެހެން ފަރާތްތަކާއި އެއް ހަމައެއްގައި ލިއްބައިދިނުމުގެ އިތުރުން އަންހެނުންނަށް ކުރެވޭ ތަފާތުކުރުންތަށް ގާނޫނުގެ ތެރެއިން ހައްލެއް ކަނޑައަޅައި ގެވެށި އަނިޔާ ވަކި ކުށަކަށް ހެދުމަށްވެސް ވަނީ ގޮވާލައިފަ އެވެ.

ރާއްޖޭގައި އޮންނަ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދީ އަގުހެޔޮ ސޯޝަލް ހައުސިން ފޯރުކޮށްދީ، ޓެނެންސީ ބިލް ފާސްކުރުމަށްވެސް އެޗްއާރުސީއެމްއިން ވަނީ ލަފާ އަރުވައިފަ އެވެ. ހައްދުފަހަނައަޅައިދިޔުމުގެ ފިކުރުތަކުގެ ޝިކާރައަކަށް ވާ ފަރާތްތައް އެދެވޭ ގޮތަކަށް ރިހެބިލިޓޭޓްކޮށް އެފަރާތްތަކުގެ އިންސާނީ ހައްގުތަށް ކަށަވަރުކޮށްދޭގޮތަށް ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް ބަދަލު ގެނައުމަށްވެސް އެޗްއާރުސީއެމްއިން މި ރިޕޯޓުގައި ގޮވާލި އެވެ.

comment ކޮމެންޓް