ރަސްދޫ ކުއްޖާއަށް އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން މާފަށް އެދެފި

އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އއ. ރަސްދޫގައި ބުރާސްފަތި ދުވަހުގެ ރޭ ތަރާވީހް ނަމާދު ވަގުތު މިސްކިތުގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ބުލީކުރި މައްސަލައިގައި ޝާމިލްވާ އެއް ކުއްޖެއްގެ އާއިލާއިން މާފަށް އެދިއްޖެއެވެ.

އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި ލިޔެފައިވާ ޕޯސްޓެއްގައި ވަނީ، މި އަމަލަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށާއި އެ އަމަލު ކުށްވެރި ކުރާކަމަށެވެ.

މި ހާސިދާގައި އަނިޔާ ލިބުނު ކުއްޖާއަށް ލިބިފައި ހުރި ބިރުވެރިކަމާއި ނަފްސާނީ ގެއްލުމަކީ އުމުރު ދުވަހު ހިތުގައި ހުންނާނެ ކަންތައްތައްކަން ދަނެ އެކަމާ ނިހާޔަތަށް ހިތާމަ ކުރާކަމަށް އާއިލާއިން ބުނެފައި ވެއެވެ.

އާއިލާއިން ބުނީ، އާއިލާގެ ފަރާތުން ޕޯސްޓު ޖަހަން މެދުވެރިވީ އަނިޔާ ލިބުނު ކުއްޖާއަށް މަރުގެ އިންޒާރުދީ އާއިލާގެ ފަރާތަކުން ކުރި ކޮމެންޓެއްގެ ސްކްރީންޝޮޓް ސޯޝަލް މީޑިއާގައި އާންމުވުމުން ކަމަށެވެ. މި ކޮމެންޓުގެ ސަބަބުން މުޖުތަމައުއަށް އެ އާއިލާ ސިފަވަނީ ހަނގުރާމަ ކުރުމަށް ހިތްވަރުދޭ އާއިލާއެއްގެ ގޮތުގައި ނަމަވެސް، މީ މި މައްސަލައިގައި އާއިލާއިން ދެކޭގޮތް ނޫންކަމަށް އާއިލާއިން ބުނެފައި ވެއެވެ.

އެގޮތުން އެއްވެސް އުމުރެއްގެ މީހަކަށް އަނިޔާވެރި ވުމަކީ އެ އާއިލާއިން ބާރުދޭނެ ކަމެއް ނޫންކަމަށް ބުނެފައި ވެއެވެ. އަދި އެ ކޮމެންޓުގައި އޭނާ އަނިޔާކުރި ކުއްޖާ ދިފާއުކޮށް ވާހަކަ ދައްކާފައި ވީނަމަވެސް، އާއިލާއިން އަނިޔާދިން ކުއްޖާ ދިފާއު ކުރުމުގެ އެއްވެސް ގަސްދެއް ނެތްކަމަށް ވެސް އާއިލާއިން ބުންޏެވެ.

އާއިލާގެ ފަރާތުން ނެރުނު ޕޯސްޓުގައި ވަނީ، އޭނާގެ ކުށަށް އަދަބު ލިބެން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި އެކަން ކުރުމަށް އާއިލާއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި އޭނާ ރަނގަޅުކޮށް މުޖުތަމައުއަށް ނެރުމަށް ވެސް އެއްބާރުލުން ދޭނެ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

މި ކުއްޖާއަށް ބުލީކޮށް އަނިޔާކުރާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި މިދިޔަ ހުކުރު ދުވަހު ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި އެ ކުއްޖާގައިގައި ތަޅާ އަނިޔާކޮށް ކުއްޖާ ހިފައިގެން ހުރި ފެންފުޅިއެއް ކުއްޖާގެ ބޮލަށް އަޅާލައެވެ.

މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ އއ. މަތިވެރީގައި ދިރިއުޅޭ ކުއްޖަކަށެވެ. އޭނާ ރަސްދޫއަށް އައީ އާއިލާއާއެކު ރަސްދޫގައި އުޅޭ އާއިލާ މީހުންނަށް ޒިޔާރާތް ކޮށްލުމަށެވެ.

މި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް