ފެނާއި ނަރުދަމާގެ އެކްޝަން ޕްލޭން އިފްތިތާހުކޮށްފި

ފެނާއި ނަރުދަމާގެ އެކްޝަން ޕްލޭން އިފްތިތާހުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : އެންވަޔަރަންމެންޓް މިނިސްޓްރީ

ރާއްޖޭގެ ފެނާއި ނަރުދަމާ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގައުމީ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް މިއަދު އިފްތިތާހުކުރައްވައިފި އެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރައްވާފައިވަނީ މިނިސްޓަރު ޑރ. ހުސައިން ރަޝީދެވެ.

މިއަދު އިފްތިތާހުކޮށްފައިވާ އެކްޝަން ޕްލޭން އަކީ ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން ރާއްޖޭގެ ފެނާއި ނަރުދަމާގެ ހިދުމަތް އިތުރަށް ތަރައްގީކޮށް އެ ދާއިރާއާ ގުޅުންހުރި ކަންތައްތައް ކުރިއެރުވުމަށްޓަކައި އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ.

އެ ޕްލޭން އެކުލަވާލުމުގައި ބަލާފައިވަނީ މައިގަނޑު ހަ ސިޔާސަތެއްގެ މައްޗަށެވެ. އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނެފައިވާގޮތުގައި އެ ހަ ސިޔާސަތުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ ހުރިހާ އެންމެނަކަށްވެސް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން ހިމެނެ އެވެ.

އޭގެއިތުރުން ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ އެންމެނަކީ އެކަމުގެ ލައިސެންސް ތިބި ބަޔަކަށް ހެދުމާއި ފެނާއި ނަރުދަމާ އާ ގުޅޭގޮތުން އާންމުން އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔުމަކީ ސިޔާސަތުގައި ހިމެނޭ ކަންތަކެވެ. އަދި ހިދުމަތް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރުންވެސް އެ ސިޔާސަތުގައިވެ އެވެ.

ފެނާއި ނަރުދަމާގެ އެކްޝަން ޕްލޭން އިފްތިތާހުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : އެންވަޔަރަންމެންޓް މިނިސްޓްރީ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ ސުނާމީގެ ހާދިސާއަށްފަހު ރާއްޖެއަށް ފެނުގެ މައްސަލަ ދިމާވާން ފަށާފައިވާ ކަމަށާއި އެކަމާ ގުޅިގެން ފެނާއި ނަރުދަމާ ނިޒާމަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި މީހުން އުޅޭ 42 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފައިވާއިރު 69 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މިހާރު 53 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށްދާއިރު 40 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެ ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ.

comment ކޮމެންޓް