ތުރުކީގެ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުން 70 އަހަރުގެ މީހަކު ސަލާމަތްކޮށްފި

ތުރުކީގެ ސާޗް އެންޑް ރެސްކިއު ޓީމްތަކާއި އާއްމުންވެގެން ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން -- ފޮޓޯ: އޭޕީ

އަންކާރާ (ނޮވެމްބަރު 2): ތުރުކީ ކައިރިއަށް މިދިޔަ ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތެއްގެ ދަށުވި 70 އަހަރުގެ މީހަކު އިއްޔެ ދިރިހުއްޓާ ސަލާމަތްކޮށްފި އެވެ.

ތުރުކީގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އަހުމަދު ޖިޓިމް ނަމަކަށް ކިޔާ 70 އަހަރުގެ އެ މީހާ ސަލާމަތް ކުރެވުނީ ބިންހެލުން އައިތާ 34 ގަޑި އިރުވި ފަހުންނެވެ. އަދި އެ މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"އަހަރެން [ސަލާމަތް ކުރާނެ] ކަމުގެ އުއްމީދު އެއްވެސް އިރެއްގައި ކަނޑާނުލަން،" ޖިޓިމް ބުނި ކަމަށް ހެލްތު މިނިސްޓްރީގެ ޓުވީޓުގައިވެ އެވެ.

ތުރުކީގެ ހުޅަނގު އައްސޭރީގައިވާ އޭޖިއަން ކަނޑަށް ހުކުރު ދުވަހު އައި ބިންހެލުމަކީ ރެކްޓާ މިންގަނޑުން 7.0ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. އޭގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނީ އެގައުމުގެ އިޒްމިރު ސިޓީއަށެވެ. އެގޮތުން ބިންހެލުމާ ގުޅިގެން އެގައުމުން 79 މީހަކު މަރުވެފައިވާ އިރު އެ އެންމެންނަކީވެސް އިޒްމިރުގައި ދިރިއުޅެމުން ދިޔަ މީހުންނެވެ.

ތުރުކީގެ ޑިޒާސްޓާ އެންޑް އެމާޖެންސީ އޮތޯރިޓީ (އޭއެފްއޭޑީ)އިން ބުނި ގޮތުގައި އެ ބިންހެލުމުގައި 962 މީހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދާ، ސަލާމަތް ކުރުމުގެ މަސައްކަތް އެގައުމުގެ ސާޗް އެންޑް ރެސްކިއު ޓީމުތަކާއި އާއްމު ރައްޔިތުން ގުޅިގެން އަދިވެސް ދަނީ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް