އެތެއް މާބަނޑުވެ ވިހެއުމަށް ދެ އަހަރު ނަގާ

އެތްތަކެއް--- ފޮޓޯ:ޖޯނަލް އެޮފް އެފްރިކަން އެލެފަންޓްސް

ކޮންމެ ޖަނަވަރަކީވެސް ހިއްސީ ގޮތުންނާއި، ހުނަރުގެ ގޮތުންވެސް އެކަތި އަނެކެއްޗާއި ތަފާތު އަދި އަޖައިބުން ފުރިގެންވާ އެތަށް ކަންކަމެއް ގުދުރަތުން ދެއްވާފައިވާ ބައެކެވެ. މިގޮތުން ބަލާއިރު މާބަނޑުވެ ވިހެއުމުގެ ގާބިލްކަން ހުންނަ ޖަނަވާރުންގެ ތެރެއިން އެތަކީ ފާހަގަކޮށްލަންޖެހޭ ހާއްސަ ޖަނަވާރެކެވެ. އެތަކީ މިފަދަ ޖަނަވާރުންގެ ތެރެއިން މާބަނޑުވެ ވިހެއުމަށް އެންމެ ގިނަ ދުވަސްވާ ޖަނަވާރެވެ.

ވިހެއުމަށް މަދުވެގެން 95 ހަފްތާ

ގޭސްޓޭޝަނަލް ޕީރިއަޑް ނުވަތަ މާބަނޑުވެ ވިހެއުމަށް ނަގާ މުއްދަތު އެކި ޖަނަވާރުންގެ ތަފާތެވެ. އަހަރެމެން އިންސާނުންނަށް ބަލާއިރު، އަންހެނަކު ބަލިވެ އިނދެ ވިހެއުމަށް ހޭދަވަނީ 280 ދުވަސް ނުވަތަ 40 ހަފްތާ އެވެ. ނަމަވެސް އެތެއ އެވްރެޖްގޮތެއްގައި ބަލިވެ އިނދެ ވިހެއުމާއި މެދު 640 ދުވަސް ނުވަތަ 660 ދުވަސް ހޭދަވެއެވެ. މިއީ ގާތްގަނޑަކަށް 95 ހަފްތާއެވެ.

އެވްރެޖްކޮށް އަންހެން އެތެއްގެ އުމުރަކީ 60 އަހަރާއި 70 އަހަރާއި ދެމެދު ކަމުގައިވާއިރު، އެންމެ ގިނަވެގެންވެސް ލިބެނީ ހަތަރުވަރަކަށް ދަރިންނެވެ.

ޅަ އެތެއް--- ފޮޓޯ:އީ އޮންލައިން

އެތަކަށް ޓްވިންސް އެއް ލިބިދާނެތަ؟

އާންމުގޮތެއްގައި އެތެއްގެ ބަނޑުގައިވެސް އޮންނާނީ އެންމެ ދަރިއެކެވެ. އެހެންނަމަވެސް ޓްވިންސް އެއް ލިބުމުގެ ފުރުސަތު މުޅިއަކުން ނެތެކޭ ނުބުނެވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި މާބަނޑުވާއިރު އެތަކަށް ޓްވިންސް ލިބުމުގެ ފުރުސަތު އޮންނަނީ އެއް ޕަސެންޓް ނޫނީ ދެ ޕަސެންޓެވެ.

އެހެންނަމަވެސް މިފަދައިން ލިބޭ އެތްތައް ހެދިބޮޑުވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އެތުގެ ސްޕެޝަލިސްޓެއް ކަމުގައިވާ އިއާން ވައިޓް ވިދާޅުވާގޮތުން، މިފަދައިން ލިބޭ ޓްވިންސްގެ ތެރެއިން މައިމީހާގެ ގާތުން ކިރު ނުލިބުމުގެ ސަބަބުން އެއް އެތް ދުނިޔެ ދޫކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މީގެ ހަ އަހަރު ކުރިން ދެކުނު އެފްރިކާގައި 31 އަހަރުގެ އެތެއް ޓްވިންސް އެތެއް ވިހެއި ކަމަށް ސީބީސީ އިން ރިޕޯޓްކޮށްފައި ވެއެވެ. އަދި މިފަހުން 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ޓެންޒޭނިއާގެ ނެޝެނަލް ޕާކެއްގައި 57 އަހަރުގެ އެތެއް ވަނީ ޓްވިންސް އެއް ވިހާފައެވެ. މިއީ ޓްވިންސްއެއް ވިހެއި ކަމަށް ރިކޯޑް ކުރެވުނު އެންމެ ދޮށީ އެތެވެ.

ކުޑަ އެތްތައްވެސް ވިސްނުން ތޫނު

އާންމުގޮތެއްގައި އެތަކީ ޖަނަވާރުންގެ ތެރެއިން ވިސްނުން ތޫނު އެއްޗެކެވެ. އެހާ ގިނަ ދުވަހު މަންމަ އެތުގެ ބަނޑުތެރޭގައި ދަރިން ހޭދަކުރާއިރު އެ އެތްތަކުގެ ސިކުނޑި ވަރަށް ތަރައްގީވެފައި ހުންނަކަމަށް ސައިންސްވެރިން ބުނެއެވެ. މިގޮތުން އެތްތަކުގެ ސޯޝަލް ސްޓްރަކްޗާ ފަހުމު ވުމާއި، އެންމެ ޅަ އުމުރުގައިވެސް އެތުގެ ޓްރަންކް ބޭނުންކޮށްގެން އަމިއްލަ އަށް ކާން އެނގޭކަން ފާހަގަކޮށްލެވެއެވެ.

ސިންގާފަދަ ޖަނަވާރުތަކާއި ޚިލާފަށްް އެތެއް ވިހާނަމަ، އެ ގަބީލާގެ އެހެން އެތްތައް އެ އެތުގެ ވަށައިގެން ތިބެއެވެ. އެއީ އެތުގެ ދަރިފުޅު ރައްކާތެރިކުރުމުގެ ގޮތުން ކުރާ ކަމެކެވެ.

އެތުގެ ފީޓަސްގެ އަލްޓްރާ ސޮނިކް އިމޭޖްއެއް---ފޮޓޯ:ރޮއިޓާސް

އެތުގެ އައިވީއެފްވެސް ކާމިޔާބު

ގަބޫލްކުރަން ފަހަރެއްގައި އުނދަގޫވިޔަސް، ދުނިޔޭގައި އެންމެ ފުރަތަމަ އައިވީއެފް ހަދައިގެން އުފަންވި އެތަށް މި އަހަރު 15 އަހަރު ފުރޭނެ އެވެ. މި އެތަށް ކިޔާ ނަމަކީ ގަބީ އެވެ. ތުރުކީގެ ދެކުނު އިރުމަތީ ޒޫއެއްގައި މިއެތުގެ 13 ވަނަ އުފަންދުވަސް 50،000 މީހުންނާއި އެކު ފާހަގަކުރިއެވެ.

މީގެއިތުރުން ފިރިހެން އެތުގެ މަނި ގަނޑުކޮށްގެން، އެތްތައް މާބަނޑުކުރުމުގެ ދިރާސާތައްވެސް ވަނީ ކާމިޔާބު ކަމާއިއެކު އޮސްޓްރިއާގައި ކުރިއަށް ގެންގޮސްފައެވެ.

މިފަދަ ދިރާސާތަކާއި ހޯދުންތަކުގެ އެންމެ ބޮޑު އެއް މަގްސަދަކީ އެތުގެ ނަސްލު ހިމާޔަތްކޮށް އާބާދީ ގިނަ ކުރުމެވެ. ދުނިޔޭގައި މިހާރު ދިރިއުޅެނީ ގާތްގަނޑަކަށް 40،000 އާއި 50،000 ދެމެދުގެ އެތެވެ. އެފްރިކާއާއި އޭޝިއާގެ ހިސާބުތަކުގައި އެތަކީ ތިމާވެށީގެ މުހިންމު ހިއްސާއަކަށްވާއިރު، ފަތުރުވެރިކަމުގައިވެސް ބޭނުންކުރެވޭ ވަރަށް މުހިންމު ދިރުމެކެވެ.

comment ކޮމެންޓް