ޖޭމްސް ބޮންޑްގެ ރޯލު ކުޅުނު ފުރަތަމަ އެކްޓަރު ޝޯން ކޮނެރީ މަރުވެއްޖެ

ޖޭމްސް ބޮންޑްގެ ރޯލު ފުރަތަމަ ކުޅުނު އެކްޓަރު ޝޯން ކޮނެރީ 90 އަހަރުގައި މިވަނީ މަރުވެފައި---

މަޝްހޫރު ފްރެންޗައިޒް ކަމަށްވާ "ޖޭމްސް ބޮންޑް"ގެ ރޯލުން އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވާ ޝޯން ކޮނެރީ މަރުވެއްޖެ އެވެ.

އުމުރުން 90 އަހަރުގައި ޝޯން މަރުވީ ނިދާފައި އޮއްވާ ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ. ކޮނެރީ މަރުވުމާ ގުޅިގެން ގިނަ ފިލްމީތަރިން އަންނަނީ ހިތާމަފާޅުކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގައި އޭނާގެ އާއިލާ އަށް ތައުޒިޔާކިޔަމުންނެވެ.

ސްކޮޓްލެންޑް އަށް އުފަން ކޮނެރީ ދުނިޔެއަށް އުފަންވީ 1930 ވަނަ އަހަރުއެވެ. މިދިޔަ އޮގަސްޓް މަހު ކޮނެރީގެ 90 ވަނަ އުފަންދުވަސް ވެސް ވަނީ ފާހަގަކޮށްފައެވެ. ޝޯން އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ ބޮންޑް ފުރަތަމަ ފިލްމު ކަމަށްވާ "ޑރ. ނޯ" އިންނެވެ. އެ ފިލްމު ރިލީޒްކުރީ 1962 ވަނަ އަހަރުގަ އެވެ.

ގިނަ ފިލްމުތަކެއް ކުޅެފައިވާ ވެޓެރެން އެކްޓަރު ޝޯން އެންމެ ފަހުން ކުޅުނި ފިލްމަކީ 2003 ވަނަ އަހަރު ނުކުތް ފިލްމު "ދަ ލީގު އޮފް އެކްސްޓްރައޯޑިނަރީ ޖެންޓަލްމެން" އެވެ. ބޮޑެތި މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ ޝޯން ކޮނެރީ އަކީ އޮސްކާ އެވޯޑު ހާސިލްކޮށްފައިވާ ތަރިއެއްވެސް މެއެވެ. އަދި އޭނާ އަށް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ވެސް ލިބިފަ އެވެ.

ނަވާރަސަތޭކަ އަށްޑިހަ ހަތްވަނަ އަހަރު ނެރުނު ފިލްމު "ދަ އަންޓަޗެބަލްސް"ގައި އޭނާ ކުޅުނު ރޯލަށް ވަނީ އެކެޑެމީ އެވޯޑެއްވެސް ލިބިފަ އެވެ.

ކޮނެރީ ޖޭމްސް ބޮންޑް ކެރެކްޓާގައި--

ޝޯން ކޮނެރީއަށް ފަހު ބޮންޑްގެ ރޯލު ވަނީ ގިނަ ބަޔަކު ކުޅެފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބައެއް އެކްޓަރުންނަކީ ޕިއާސް ބްރޮސްނަން އާއި ޑޭނިއަލް ކްރެއިގް އަދި ޓިމަތީ ޑެލްޓަން އެވެ.

ޖޭމްސް ބޮންޑްގެ ރޯލު ފުރަތަމަ ކުޅުނު ކޮނެރީ މަރުވިއިރު އޭނާ އާއެކު "ޑރ. ނޯ" ފިލްމު ކުޅުނު ބަތަލާ ޔުނިސް ގޭސަން ވެސް ވަނީ މީގެ ދެއަހަރުކުރިން މަރުވެފައެވެ. އޭނާ މަރުވިއިރު ވެސް އުމުރަކީ 90 އެވެ.

comment ކޮމެންޓް