ދޯހާ އެއާޕޯޓުގައި ފަސިންޖަރުންތަކެއް ފާސް ކުރި އިރު ގާނޫނާ ހިލާފުވި: ގަތަރު

އޮކްޓޯބަރު ދޭއްގައި ހިނގި ހާދިސާގައި ގަތަރު އެއާވޭސްގެ ފްލައިޓެއްގައި ތިބި އަންހެން ފަސިންޖަރުންވެސް ބޯޓުން ބޭލި -- ފޮޓޯ: ރޮއިޓާސް

ދޯހާ (އޮކްޓޯބަރު 31): ގަތަރުގެ ވެރިރަށް ދޯހާގައި އޮންނަ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓު (އެޗްއައިއޭ)ގައި މި މަހުގެ ދޭއްގައި އަންހެނުންތަކެއް ބަރަހަނާކޮށްގެން ފާސްކުރި އިރު ގާނޫނާ ހިލާފުވެފައިވާ ކަމަށް ގަތަރުން ބުނެފި އެވެ.

ދޯހާ އެއާޕޯޓުން ފުރަން އޮތް 10 ފްލައިޓެއްގައި ތިބި އަންހެން ފަސިންޖަރުންތަކެއް ފާސް ކުރީ އެ ދުވަހު އެއާޕޯޓުގެ ފާހާނާއަކުން އަލަށް އުފަންވި ތުއްތު ކުއްޖަކު ފެނުމުން އެކުއްޖާގެ މަންމަ ހޯދުމަށް ކަމަށް އެ އެއާޕޯޓުން ބުންޏެވެ. އަދި ގަތަރުގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ކުއްޖާ އޮތީ ޕްލާސްޓިކް ކޮތަޅަކަށް އަޅާ، ކުނިބުނީގެ ތެރޭގައި ފޮރުވާފަ އެވެ.

އެހެންކަމުން ކުއްޖާ ފެނުނު ސަރަހައްދުންނާއި ފްލައިޓުތަކުން ކުއްޖާގެ ބެލެނިވެރިން ވީހާވެސް އަވަހަކަށް ހޯދުމަށް އެއާޕޯޓުން މަސައްކަތް ފެށި އެވެ.

އެ ހާދިސާއާ ގުޅިގެން ގަތަރުގެ ސަރުކާރުން ވަނީ މާފަށް އެދި، އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އިއްޔެ ގަތަރުން ބުނި ގޮތުގައި އަންހެން ފަސިންޖަރުން ފާސް ކުރި އޮފިޝަލުން އަމަލު ކުރީ "ސްޓޭންޑާޑް ޕްރޮސީޖާ"އާ ހިލާފަށެވެ. އެހެންކަމުން ގާނޫނާ ހިލާފަށް އަމަލު ކުރި އޮފިޝަލުންގެ މައްސަލަ ވަނީ ޕަބްލިކް ޕްރޮސެކިއުޝަން އޮފީހަށް ފޮނުވާފަ އެވެ.

"ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލު ކުރި މީހުންގެ މައްސަލަ ވަނީ ޕަބްލިކް ޕްރޮސެކިއުޝަން އޮފީހަށް ފޮނުވާފަ،" ގަތަރުގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވެ އެވެ.

ގަތަރުގެ ސަރުކާރުން ވަނީ އެ ހާދިސާއާ ގުޅިގެން އަނެއްކާވެސް މާފަށް އެދި، އެއީ އެތައް މިލިއަން މީހުންނަށް ހިދުމަތްކޮށްފައިވާ އެ އެއާޕޯޓުގައި އެފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަަހަރު ކަމަށް ބުނެފަ އެވެ. އަދި އެ ހާދިސާގެ ތަހުގީގުގެ ނަތީޖާ ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށް ބުނެފަ އެވެ.

އެޗްއައިއޭގައި ހިނގި އެ ހާދިސާ ފެންމަތިވީ ދޯހާ އެއާޕޯޓުގައި އޮސްޓްރޭލިއާގެ އަންހެނުންތަކެއް ބަރަހަނާކޮށް ފާސް ކުރި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރި ފަހުންނެވެ.

އޮސްޓްރޭލިއާގެ ސެވެން ނެޓްވޯކް ނިއުސް އިން ބުނި ގޮތުގައި މިމަހުގެ ދޭއްގައި ދޯހާއިން އެގައުމަށް ދާން އޮތް ފްލައިޓެއްގައި ތިބި އަންހެނުންތަކެއް ފުރަން އުޅެނިކޮށް، އެއާޕޯޓުގެ އޮފިޝަލުން ގޮސް އެ މީހުން ބޯޓުން ފޭބުމަށް އަންގާ، އެމްބިއުލާންސަކަށް އެރުވި އެވެ. އަދި އެ މީހުން ބަރަހަނާކޮށް، އެމީހުންގެ އިޒުނައާ ނުލައި ހަށިގަނޑު ބަލާ ފާސް ކުރި އެވެ.

އެ ހާދިސާގައި، ގަތަރު އެއާވޭސްގެ ފްލައިޓެއްގައި ތިބި ބަޔަކު ވެސް ބޯޓުން ބޭލި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި 10 ފްލައިޓަކުން މީހުން ބޭލުވި އިރު އޭގެ ތެރޭގައި ނިއު ޒީލެންޑާއި އިނގިރޭސިވިލާތުގެ އަންހެނުންވެސް ހިމެނުނު ކަމަށް އެ ދެ ގައުމުން ބުންޏެވެ.

ގަތަރުގެ ސަރުކާރުން ބުނި ގޮތުގައި އެއާޕޯޓުން ފެނުނު ކުއްޖާއަށް ދޯހާގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ކުއްޖާގެ ބެލެނިވެރިން ފެނިފައިވާ ކަމެއް އެގައުމުން ނުބުނެ އެވެ.

comment ކޮމެންޓް