އެންއައިސީގެ ރައީސަކަށް ބޮޑު ހިޔާނާތް ފަޅާއަރުވާލި ގާސިމް

އެންއައިސީގެ މެމްބަރު ކަމަށް ބޭފުޅުން އައްޔަންކުރުން -- ފޮޓޯ/ ރައީސް އޮފީސް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ކަމަށް އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވާލި، ގާސިމް އަބްދުލްކަރީމް ހަމަޖައްސައިފިއެވެ.

އެންއައިސީގެ ރައީސް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ގާސިމް އައްޔަންކުރައްވާފައިވާކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެންއައިސީގެ ރައީސްކަމަށް ގާސިމު އައްޔަންކުރައްވާފައިވާކަން އެމަނިކުފާނު ވަނީ އިއްޔެ ސިޓީއަކުން މަޖިލީހަށް އަންގަވައިފައެވެ.

ގާސިމްގެ އިތުރުން އެންއައިސީގެ މެމްބަރު ކަމަށް އައްޔަންކުރައްވާފައި ވަނީ އާމިނަތު ޝާދިޔާއާއި، އާޝިޔަތު ޝިއުނާއާއި، ޝުއައިބު އަބްދުއްރަހްމާނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި "ވިސްލް ބްލޯވިން" އުސޫލާ ހިލާފަށް ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި އަށް މަހާއި 12 ދުވަހަށް ޖަލަށް ލައިފަ އެވެ.

ހުކުމް ތަންފީޒުކުރުމަށްފަހު، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

އެންމެ ފަހުން ގާސިމް ފުރުއްވީ، މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފް)ގެ ޗެއާމަންގެ މަގާމެވެ. އޭނާ އެ މަގާމަށް އައްޔަން ކުރީ، މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އެންއައިސީއަށް މެމްބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނާނީ ރައީސަށެވެ. އެކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

comment ކޮމެންޓް