ޔާމީނަށް ފިޔަވަޅު ނާޅާ މައްސަލަ އިންޓަގްރިޓީ ކޮމިޝަނުން ބަލަނީ

ރައީސް ޔާމީން ކެމްޕެއިން ހަރަކާތުގައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވެވޭ ގޮތަށް ގޭބަންދަށް ދޫކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވެފައިވާ އިގުރާރާ ތަކުރާރުކޮށް ޚިލާފު ވުމުން ވެސް ކަރެކްޝަންސްއިން އެމަނިކުފާނަށް ފިޔަވަޅު ނާޅާ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ން ބަލަން ފަށައިފިއެވެ.

އެންއައިސީގެ ރައީސް ގާސިމް އަބްދުލް ކަރީމް "ސަން"އަށް ވިދާޅުވީ މިހާރު ކުރިއަށް ދަނީ މިކަމާ ގުޅިގެން ކަރެކްޝަންސްއިން މައުލޫމާތު ހޯދުން ކަމަށެވެ.

"ޕްރޮސެސްއެއްގެ ތެރޭގައި އަދި މި އޮތީ،" ގާސިމް ވިދާޅުވިއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ގާސިމް ހިއްސާ ނުކުރައްވައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބުވެ ވަޑައިތުމަށްފަހު އެދިލެއްވުމުން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޔާމީން ގޭ ބަންދަށް ބަދަލުކުރައްވާފައެވެ. ގޭބަންދާ އެކު، ކަސްރަތު ކުރުންފަދަ ޚާއްސަ ކަންކަމަށް ގެކޮޅުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަންސްއިން ވަނީ ދީފައެވެ.

ނަމަވެސް އެ ހުއްދައިގެ ބޭރުން ޔާމީން ވަނީ ތަކުރާރުކޮށް ސިޔާސީ ހަރަކާތްތައް ހިންގަވާފައެވެ. މިކަންކަމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ އިގުރާރު ބަދަލު ކުރާނެކަމުގެ އިންޒާރު ވެސް ޔާމީނަށް ތަކުރާރުކޮށް ދީފައެވެ. ނަމަވެސް، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާ ގުޅިގެން އިންޒާރު ދިނުން ފިޔަވާ އިތުރު ފިޔަވަޅެއް ކަރެކްޝަންސްއިން އަޅާފައެއް ނުވެއެވެ.

ޔާމީން މިހާރު ތަންފީޒުކުރައްވަމުން ގެންދަވަނީ، ވެރިކަމުގައި ހުންނެވިއިރު ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރުމުގެ ތުހުމަތުގައި އިއްވި ޖަލު ހުކުމެވެ.

އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ނިމުމަކާ ގާތްވެފައިވާއިރު، ދެން އޮންނާނީ ހުކުމްކުރުމެވެ. އެކަމަކު، ހުކުމް ކުރާނެ ދުވަހެއް ހައިކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް