ބާކީ 65 ވެންޓިލޭޓަރު ދެބަޔަކަށް ބަހާލައިގެން ގެންނަން މަޝްވަރާ ކުރަނީ

ވެންޓިލޭޓަރު މެޝިނެއް

ދުބާއީ ކުންފުނިން ރާއްޖެއަށް ނުގެނެސް ބާކީ ހުރި 65 ވެންޓިލޭޓަރު ދެބަަޔަކަށް ބަހާލައިގެން ގެންނަން މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

ދުބާއިގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލު ކުރީ 75 ވެންޓިލޭޓަރު ގެނައުމަށެވެ. އެހެން ނަމަވެސް އެއްބަސްވުމުގެ މުއްދަތު ފަހަނައަޅާ ދިޔަ އިރުވެސް އެ ކުންފުންޏަށް ގެނެވުނީ އެންމެ 10 ވެންޓިލޭޓަރެވެ.

އެޗްއީއޯސީގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ، އަދިވެސް އެ ވެންޓިލޭޓަރުތައް ގެންނާނެ ދުވަހެއް ކަނޑައެޅިގެން ދަންނަވަން ނޭނގޭ ކަމަށާއި އަދިވެސް އެ މަޝަވަރާތައް ކުރަމުންދާ ކަމަށެވެ.

"ޓެންޓެޓިވް ޑޭޓްސްތަކެއް އެބަހުރި. މިހާރު މިދަނީ ދެ ބަޔަކަށް ބަހާލައިގެން ގެނައުމަށް މަޝަވަރާ ކުރަމުން،" އޮފިޝަލު ވިދާޅުވި އެވެ.

ފުރަތަމަ ފޮނުވި 10 ވެންޓިލޭޓަރުތައް ސްޕެސިފިކޭޝަނަށް ނުފެތޭތީ، އަނބުރާ ފޮނުވާލި އެވެ. ނަމަވެސް ފަހުން އޭގެ ބަދަލުގައި 10 ވެންޓިލޭޓަރު އެ ކުންފުނިން ފޮނުވި އެވެ. އަދިވެސް ބާކީ އެ ކުންފުނިން ފޮނުވަން ޖެހޭ 65 ވެންޓިލޭޓަރު ނުފޮނުވަ އެވެ.

ވެންޓިލޭޓަރުތައް ގެނައުން ލަސްވެފައިވެފައި ވާތީ، ޖޫރިމަނާ ފައިސާ އެ ކުންފުނީގެ އަތުން ހޯދާނެ ކަމަށާއި އެތަކެތި ފޯރުކޮށްނުދެވިއްޖެ ނަމަ، ޝަރީއަތަށް ގެން ގޮސްގެން ވެސް ގެއްލުމުގެ ބަދަލު ހޯއްދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެ ކުންފުންޏަކީ، ޑަބްލިއުއެޗްއޯ އިން ރިކޮމެންޑް ކުރި ކުންފުންޏެއް ނޫން ކަމަށް އޮޑިޓް އޮފީހުން ތައްޔާރު ކުރި ހެލްތް މިނިސްޓްރީގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިިވެ އެވެ. އަދި އެކަމުގައި ގިނަ އޮޅުވާލުންތަކާއި މަކަރު ހަދާފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރީ ގެރެންޓީއެއް ނެތި، އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދިނުމަށްފަހު އެވެ.

އެ މައްސަލައިގައި އޭސީސިން ތަހުގީގު ނިންމައި، ހެލްތް މިނިސްޓްރީގެ 11 މީހެއްގެ މައްޗަށް ދައުވާ ކުރަންވެސް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވި އެވެ. އޭގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ހެލްތް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އަބްދުﷲ އަމީން ވެސް ހިމެނެ އެވެ. ޕީޖީން އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ، ޖިނާއީ މިންގަނޑަކުން ދައުވާކުރުމަށް ބޭނުންވާ ހެކި ނެތް ކަމަށް ބުނެ އެވެ. ނަމަވެސް އެކަން އޭސީސީން ދޮގު ކުރެ އެވެ. އަދި ޕީޖީގެ އެ ނިންމުން މުރާޖާކުރުމަށްވެސް އޭސީސީން ވަނީ އެދިފަ އެވެ.

comment ކޮމެންޓް