ހެލްތް މިނިސްޓަރު ނަސީމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) އަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.
ނަސީމް ހެލްތް މިނިސްޓަރަކަށް އައްޔަނު ކުރެއްވީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
ވަޒީރު ކަމަށް ނަސީމަށް ރުހުން ދިނުމުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވުމުން އެ މައްސަލަ މިއަދު މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކޮށް ކޮމިޓީއަށްވެސް ފޮނުވީ މިއަދު އެވެ.
ނަސީމަށް ހެލްތް މިނިސްޓަރުކަން ރައީސް ދެއްވިއިރު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގަ އެވެ. ނަސީމަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅެކެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭނާވަނީ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭނާ އަކީ ހާރިޖީ ދާއިރާގައި ވަރަށް ތަޖުރިބާކާރު އަދި ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވުމުގައި ވެސް މިނިސްޓަރު ނަސީމް ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
ހެލްތް މިނިސްޓަރުގެ މަގާމު ހުސްވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމީން އިސްތިއުފާ ދެއްވީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ގަތުމުގައި މަކަރާއި ހީލަތް ހަދައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތަހުމަތުވާ މައްސަލައިގަ އެވެ.