ސިޔާސީ ޕާޓީއެއް ހަދަން މާނިއުއަށް ހުއްދަ ދީފި

އީސީގެ ރައީސް ޝަރީފް، އާ ޕާޓީއެއް ހެދުމަށް ހުއްދަދޭ ލިޔުން މާނިއުއާ ހަވާލުކުރަނީ--

އާ ސިޔާސީ ޕާޓީއެއް ހަދަން ނެޝެނަލް އިންޓަގްރިޓީ (އެންއައިސީ) ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދަށް، އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ހުއްދަ ދީފިއެވެ.

މާނިއުއަށް ހުއްދަ ދިނީ "ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް" ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށެވެ.

އާ ޕާޓީއެއް އުދެއްދުމަށް މާނިއު ނިންމެވިއިރު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލުމުން މިދިޔަ އަހަރު އެ މަގާމަށް މާނިއު ކުރިމަތިލެއްވިއެވެ. ނަމަވެސް ފަހުން ނަން އަނބުރާ ގެންދެވިއެވެ.

މާނިއު "ސަން" އަށް ކުރިން ވިދާޅުވީ، އެންއައިސީއަށް ކުރިމަތިލުމަށްފަހު ނަން އަނބުރާ ގެންދެވީ އަމިއްލަ ވިޔަފާރީގެ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް މާނިއު އައްޔަނުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ. މާނިއު އެ ކޮމިޝަނުގެ ރައީސްކަންވެސް ކުރެއްވި އިރު، 2017 ވަނަ އަހަރުގެ ފަހުކޮޅު އޭނާ ކޮމިޝަނު މެމްބަރުކަން ވަކިކުރިއެވެ.

މާނިއު މީގެ ކުރިން ވަނީ އޮޑިޓާ ޖެނެރަލް އޮފީހާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައިވެސް މަސައްކަތްކުރައްވައިފައެވެ.

comment ކޮމެންޓް