ދޯހާ އެއާޕޯޓުން ތުއްތު ކުއްޖަކު ފެނުމުން ފަސިންޖަރުންތަކެއް 'ބަރަހަނާކޮށްގެން' ފާސްކޮށްފި

އޮކްޓޯބަރު ދޭއްގައި ހިނގި ހާދިސާގައި ގަތަރު އެއާވޭސްގެ ފްލައިޓެއްގައި ތިބި އަންހެން ފަސިންޖަރުންވެސް ބޯޓުން ބޭލި ކަމަށް ރިޕޯޓުތަކުގައިވޭ -- ފޮޓޯ: އޭއެފްޕީ

ސިޑްނީ (އޮކްޓޯބަރު 27): ގަތަރުގެ ވެރިރަށް ދޯހާގައި އޮންނަ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓު (އެޗްއައިއޭ)އިން، ތުއްތު ކުއްޖަކު ފެނުމުން، އޮސްޓްރޭލިއާއަށް ދާން ތިބި ފަސިންޖަރުންތަކެއް މި މަހުގެ ދޭއްގައި ބަރަހަނާކޮށްގެން ފާސްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ސެވެން ނެޓްވޯކް ނިއުސް އިން ރިޕޯޓު ކުރި ގޮތުގައި އެޗްއައިއޭގައި އެ ހާދިސާ ހިނގީ އެ އެއާޕޯޓުގެ ފާހާނާއިން އަލަށް އުފަންވި ތުއްތު ކުއްޖަކު ފެނުމުންނެވެ. އަދި ކުއްޖާގެ މަންމަ ހޯދުމަށްޓަކައި ފަސިންޖަރުން ބަލާ ފާސް ކުރުމަށް އެއާޕޯޓުގެ މުވައްޒަފުން ނިންމުމުންނެވެ.

އެގޮތުން އެޗްއައިއޭގައި ތިބި އަންހެނުންތަކެއް ފްލައިޓުތަކުން ބޭލުމަށް ފަހު ފާސް ކުރި ކަމަށާއި އޭގެ ތެރޭގައި އޮސްޓްރޭލިއާގެ 13 އަންހެނަކު ހިމެނުނު ކަމަށް ސެވެން ނެޓްވޯކް ނިއުސްއިން ބުންޏެވެ. އަދި އެ މީހުން ބަރަހަނާކޮށް، އެމީހުންގެ އިޒުނައާ ނުލައި ހަށިގަނޑު ބަލާ ފާސް ކުރި ކަމަށް އެ ނޫހުގައިވެ އެވެ.

މީގެ އިތުރުން އެ އަންހެނުން ފާސް ކުރަން ގެންދިޔަ ސަބަބެއް އެމީހުންނަށް ބުނެ ނުދޭ ކަމަށް ވެސް ސެވެން ނެޓްވޯކުގެ ރިޕޯޓުގައިވެ އެވެ.

އެ ހާދިސާގައި، ގަތަރު އެއާވޭސްގެ ފްލައިޓެއްގައި ތިބި ބަޔަކު ވެސް ބޯޓުން ބޭލި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އޮސްޓްރޭލިއާގެ އެހެން ނޫހެއްގައިވާ ގޮތުން އެ މައްސަލަ އެ ގައުމުގެ ފެޑެރަލް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެގައުމުގެ ފޮރިން އެފެއާސް މިނިސްޓްރީން ވަނީ އޮސްޓްރޭލިއާގައި ހުންނަވާ ގަތަރުގެ ސަފީރަށް ޝަކުވާ ހުށަހަޅާ، މި ހަފްތާ ނިމުމުގެ ކުރިން އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފަ އެވެ.

އެޗްއައިއޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން މި މަހުގެ ދޭއްގައި އެ އެއާޕޯޓުން ތުއްތު ކުއްޖަކު ފެނުމުން، އެ ކުއްޖާގެ މަންމަ ފުރައިގެން ދިޔުމުގެ ކުރިން އޭނާ ހޯދުމަށް ސިއްހީ އޮފިޝަލުން އިރުޝާދު ދިނެވެ. އަދި އެ މަންމަ ހޯދަން ކުރި މަސައްކަތުގައި، ކުއްޖާ ފެނުނު ސަރަހައްދަށް ދިޔަ މީހުންގެ އެހީ ހޯދި ކަމަށް ބަޔާނުގައިވެ އެވެ.

ނަމަވެސް އެމީހުންގެ ފަރާތުން އެދުނީ ކޮން ކަހަލަ އެހީއެއް ކަމާއި އެ މަސައްކަތުގައި ބައިވެރިވުމަށް އެދުނު މީހުންގެ އަދަދެއް އެޗްއައިއޭއިން ހާމަ ނުކުރެ އެވެ.

comment ކޮމެންޓް