"ވީރޭ ދި ވެޑިން 2"ގެ ޝޫޓިން ފަށާނީ ކަރީނާ ވިހާ ގަދަވުމުން

ވީރޭ ދި ވެޑިންގެ ޕޯސްޓަރެއް---

މީގެ ދެއަހަރު ކުރިން ނުކުތް ފިލްމު "ވީރޭ ދި ވެޑިން" އަށް ލިބުނު ކާމިޔާބީއަށް ބެލުމަށްފަހު އެ ފިލްމުގެ ސީކުއަލެއް ހަދާނެކަން ވަނީ މީގެ ކުރިން އިއުލާންކޮށްފަ އެވެ.

ވަރުގަދަ އަންހެން ކާސްޓަކާއެކު ވީރޭ ދި ވެޑިން ކާމިޔާބުކަމާއެކީ ނިންމާލިއިރު ހަމަ އެ ކާސްޓާއެކު ފިލްމުގެ ސީކުއަލްގެ ޝޫޓިން ފަށާނީ ފިލްމުގެ ލީޑު ތަރި ކަރީނާ ކަޕޫރު ވިހާ ގަދަވުމުން ކަމަށް ހަބަރުތައް ބުނެ އެވެ. އޮގަސްޓްމަހު ކަރީނާ ދެވަނަ ދަރިއަކަށް ބަލިވެއިންކަން ހާމަކޮށްފައިވާއިރު އޭނާ ވަނީ ދާދިފަހުން އާމިރު ޚާން އާއެކު "ލާލް ސިންހް ޗައްޑާ"ގެ ޝޫޓިން ވެސް ނިންމާލާފަ އެވެ.

ފިލްމުގެ ފުރަތަމަ ބައިގެ ޝޫޓިން ފެށިއިރު ވެސް ކަރީނާ އޭރު ބަނޑުބޮޑެވެ. ނަމަވެސް އޭނާ ވަނީ ފިލްމުގެ މަސައްކަތް ފުރިހަމަކޮށްދީފަ އެވެ. ނަމަވެސް މިފަހަރު ޕްރޮޑިއުސަރުން ބޭނުންވަނީ ކަރީނާ ވިހާ ގަދަވުމުން ފިލްމުގެ މަސައްކަތް ފެށުމަށެވެ. މިފަހަރު އޭނާ ފެނިގެންދާނީ ސްޓްރިޕާއެއްގެ ރޯލުން ކަމަށް ބައެއް ހަބަރުތައް ބުނެ އެވެ.

ކަރީނާ، ސޯނަމް، ސްވަރާ ބާސްކަރް އަދި ޝިކާ ތަލްސާނިއާ ލީޑު ރޯލުތަކުން ފެނިގެންދާ އެ ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ރިއާ ކަޕޫރު، އެކްތާ ކަޕޫރު އަދި ނިކިލް ދުވިވޭދީ އެވެ. ޝެޝާންކް ގޯޝް ޑައިރެކްޓު ކޮށްފައިވާ "ވީރޭ ދީ ވެޑިން" އަކީ ހަތަރު އެކުވެރިންގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް