ސްޕެއިންގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ކުއްލި ހާލަތު އިއުލާންކޮށްފި

ސްޕެއިން އިން ކުއްލި ހާލަތު އިއުލާންކޮށް، ރޭގަނޑު ކާފިއު ހިންގަން ވަނީ ނިންމާފަ -- ފޮޓޯ: އީޕީއޭ

މެޑްރިޑް (އޮކްޓޯބަރު 26): ސްޕެއިންގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މުޅި ގައުމުގައި ރޭގަނޑު ކާފިއު ހިންގަން ނިންމައިފި އެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވި ގޮތުގައި މިހާރު އެގައުމުގައި އޮތް ހާލަތީ ފާއިތުވި ބައި ގަރުނު ތެރޭ އެގައުމު އޮތް އެންމެ ސީރިއަސް ހާލަތެވެ.

"އަޅުގަނޑުމެން މިތިބީ ވަރަށް ސީރިއަސް ހާލަތެއްގައި... ފާއިތުވި ބައި ގަރުނު ތެރޭ އޮތް އެންމެ ސީރިއަސް ހާލަތު. މިހާރުގެ ހަގީގަތަކީ ޔޫރަޕާއި ސްޕެއިންގައި ބަލިމަޑުކަމުގެ ދެވަނަ ރާޅެއް ފެތުރިފައިވާ ކަން،" ސަންޗޭޒް ވިދާޅުވި އެވެ.

ފާއިތުވި ދުވަސްތަކުގައި ސްޕެއިން ވަނީ، ޔޫރަޕުން ވައިރަހުގެ އެއް މިލިއަން ކޭސް ފެނުނު ފުރަތަމަ ގައުމަށް ވެފަ އެވެ. އަދި އެގައުމުގެ ގިނަ ސަރަހައްދުތަކުގެ ލީޑަރުން ވަނީ ކުއްލި ހާލަތު އިއުލާން ކުރުމަށް ގޮވާލާފަ އެވެ.

ސްޕެއިންގެ ކުއްލި ހާލަތުގެ ދަށުން އެގައުމުގެ ކެނެރީ އައިލެންޑްސް ފިޔަވާ ހުރިހާ ސަރަހައްދެއްގައި ރޭގަނޑު 23:00 އިން ފަތިހު 6:00އަށް ކާފިއު ހިންގާނެ އެވެ. އަދި ތަފާތު ގެތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ހަ މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށް، އެކި ޑިސްޓުރިކްޓުތަކުގެ މެދުގައި ދަތުރުފަތުރު ކުރުން މަދު ކުރަން ސަރަހައްދީ ލީޑަރުންނަށް ފިޔަވަޅު އެޅޭނެ އެވެ.

ސަންޗޭޒް ވިދާޅުވި ގޮތުގައި މިހާރު ކުއްލި ހާލަތު އިއުލާން ކޮށްފައި އޮތީ އިއްޔެއިން ފެށިގެން 15 ދުވަހަށެވެ. ނަމަވެސް އަންނަ އަހަރުގެ މެއި މަހާ ހަމަޔަށް ގައުމު ކުއްލި ހާލަތުގައި ބޭއްވުމަށް ޕާލިމެންޓުގެ ހުއްދައަށް އެދިވަޑައިގަންނަވާނެ އެވެ.

ސްޕެއިންގައި މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި ގާތްގަނޑަކަށް 35،000 މީހުން ވަނީ މަރުވެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނި ގޮތުގައި ޔޫރަޕުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އެޑްމިޓު ކުރާ މީހުންނާއި މަރުވާ މީހުންގެ އަދަދު މިހާރު ދަނީ އިތުރު ވަމުންނެވެ. އަދި އެ ސަރަހައްދުން 24 ގަޑި އިރު ތެރޭ ރެކޯޑު މިންވަރަކަށް މީހުން ޕޮޒިޓިވްވާތާ މިހާރު ތިން ދުވަސް ވެފައިވާ އިރު، އިއްޔެ ޔޫރަޕުން 465,319 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވެ އެވެ.

comment ކޮމެންޓް