އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަނީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ/ ހޯމް މިނިސްޓްރީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިދިކޮޅުން ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީ އިން ބުނީ ހޯމް މިނިސްޓަރު އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް އެ ކޯލިޝަނުން ފަށާފައިވާ ކަމަށެވެ.

މަޖިލީހުގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ނުވަ މެންބަރަކު ތިއްބަވަ އެވެ.

ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ރައްޔިތަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވި ގޮތުން އިމްރާނު ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ.

އެގޮތުން މިދިޔަ ޖޫން މަހު ހުޅުމާލޭގައި އަޅާފައިވާ ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަަށް ބުނާ މައްސަލައާ ގުޅގެން ކުރިމަތިވި ސުވާލެއްގެ ޖަވާބުގައި އެ ހާދިސާ އަކީ ރޭޕަކަށް ވުރެ ކުޑަ ކަމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވައިފަ އެވެ. މިއާ އެކު މިނިސްޓަރު އިމްރާނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ފާޑުކިޔުންތަކާ އެކު އިމްރާނު ވަނީ މައާފަށް އެދިވަޑައިގެން އެމަނިކުފާނު ދެއްކެވި ވާހަކައިގެ ހަގީގަތް އޮޅުވާލީ ނޫސްވެރިން ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑާ ގުޅޭ ގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން އަޅުގަނޑު ބުނި އެއްޗެއްގެ ހަގީގަތް އޮޅޭ. އަޅުގަނޑު އެދެނީ ހުރިހާ ދިވެހި ނޫސްވެރިން ވެސް މަސައްކަތުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުން." އިމްރާން ވިދާޅުވި އެވެ.

ނަމަވެސް ރޭ ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޕްރޮގްރާމެއްގައި އެހުންތެރިޔަކު ފޮނުވި ސުވާލެއްގެ ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލާގައި ޕްރޮސީޖަރަލް މައްސަލަތަކެއް އެބަހުރި ކަމަށާއި ނަމަވެސް ކަންހިނގައި ދިޔަ ގޮތަށް ބަލާ އިރު އާންމުންގެ ތެރޭ ވާހަކަ ދެކެވުނީ ކަން ހިނގި ގޮތަށް ވުރެ މާ ބޮޑުކޮށް ކަމަށެވެ.

"ތީގައި ވަރަށް ތެދަށް ދަންނަވާނީ. ބައެއް ކަންކަން، އެންމެ ފުރަތަމަ އޭނަ [ވިކްޓިމް] ގެންގޮސް ދޫކޮށްލުމުގައްޔާއި އެކަންތަކުގައި އެބަހުރި ޕްރޮސީޖާ އިން ބޭރު ކަންތައްވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވުމުން އެހީ ބޮޑު ރޭޕް ކޭސްއެއް ކަމަށް ހީކުރެއްވި ކަމަށެވެ.

"ހަމަ ތެދެއް މި ދެންނެވީ އަޅުގަނޑުވެސް އެ ވާހަކަ އަޑުއެހީމާ، އެ ވާހަކަ ފެތުރިގެން އައީމާ އަޅުގަނޑަށް ވެސް ތަސައްވަރު ކުރެވުނީ ހަމަ ވަރަށް ބޮޑު ރޭޕް ކޭސް އެކޭ މިއީ. އެހެންނަމަވެސް އެ މައްސަލަ ގާތުން ބަލާލީމާ [އެނގޭ އެހެން ނޫންކަން.] އަޅުގަނޑަށް ދެން މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން އެ ހިނގާފައި އޮތް ކަންތައް ނުވަތަ އެ އިބާރާތް ބޭނުން ކުރާކަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައި ވެސް ހުރެފައި ވެސް ބަޔެއްގެ ތެރޭގައި ހުރެފައި ވެސް މިީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއްގެ ވާހަކަ އެއީ. އަދި ކުރީމަ ކަމެއް ކުރިކަން ވެސް ނެނގޭ ވަރުގެ ކަމެއް ހިނގާފައި އޮތީ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އިދިކޮޅުން ބުނީ "ކަމެއްކުރިކަންވެސް ނޭނގޭފަދަ ކަމެއް ކަމަށް" ވިދާޅުވެ ކެންޔާ މީހާގެ މައްސަލައަކީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް މިނިސްޓަރު ވިދާޅުވުމަކީ ހޯމް މިނިސްޓްރީއާ ހަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތުން އެމަނިކުފާނުގެ ގާބިލްކަމާއި ޒިންމާދާރުކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"އަދި މިކަމުގެ ސަބަބުން ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް މިނިސްޓަރު ނުފޫޒު ފޯރުވުން ކަމަށްވާތީއާއި، އަދި އެއްވެސް މައްސަލައެއްގެ ކުޑަ ބޮޑުމިން ކަނޑައެޅުމަކީ މިނިސްޓަރަށް ލިބިގެންވާ ބާރަކަށް ނުވާ ކަމަށާއި، މިވާހަކަތަކުގެ ސަބަބުން އަންހެނުންނަށް ކުރެވޭ މިފަދަ އަނިޔާތަކަށް އިންސާފު ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ނެތް" ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އިދިކޮޅުން ނިންމި އަނެއް ސަބަބަކީ ރޭގެ ޕްރޮގްރާމުގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅޭގޮތުން އަނެއްކާވެސް ތަފާތު ގޮތަކަށް ވާހަކަދައްކަވާފައިވުން ކަމަށްވެސް އިދިކޮޅުން ބުންޏެވެ.

އިދިކޮޅުން މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނީ ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން އެފަދަ ދަށުދަރަޖައިގެ ކަންކަންކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމާއި ގާނޫނު ނަގަހައްޓާ ތަންފީޒު ކުރުމުގެ ޒިންމާ އުފުއްލަވާ ވަޒީރުގެ ގާބިލްކަމާއި، ތެދުވެރިކަމާއި އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށާއި މިކަންކަމުގެ ސަބަބުން ހަމަހަމަ ކަމާއެކު ޢަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލްކުރެވޭ ކަމަށެވެ.

އިދިކޮޅުން އިމްރާނުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަނީ ގާނޫނު އަސާސީގެ 132 ވަނަ މާއްދާގެ ދަށުން ވަޒީރު ކަމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭތީއާއި އަދި އެ މާއްދާގެ (ކ)ގައި ބަޔާން ކުރެވިފައިވާ ރައްޔިތުންގެ ސަލާމަތްތެރިކަން ދަމަހައްޓައި ރައްޔިތުންގެ އާންމު ފައިދާ ރައްކާތެރިކުރުމަށް މަސައްކަތް ނުކުރެވޭކަމަށް ބުނެއެވެ.

comment ކޮމެންޓް