މަހިބަދޫގައި އާލާކުރި ފާނަތައް އެމްސްޓަޑޭމްއަށް

މަހިބަދޫގެ ކޮށިތަކުގައި ބޮޑުކުރާ ފާނަތައް ބާލިދީއަކަށް ނަގާފައި -- ސަން ފޮޓޯ : އަހުމަދު ޖައިޝަން

އދ. މަހިބަދޫގައި އާލާކުރަމުން ގެންދާ ފާނަތަކުގެ ތެރެއިން ނީލަމަށް ލައި ވިއްކުމަށް ތައްޔާރުވެފައިވާ ފުރަތަމަ ބެޗު، ނެދަލޭންޑްސްގެ އެމްސްޓަޑޭމް އަށް ގެންދިޔުމަށް ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގައި ފާނަ ބޮޑު ކުރުމުގެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓު މިއަހަރުގެ ޖެނުއަރީ މަހުގައި ފަށާފައިވަނީ މަހިބަދޫގަ އެވެ.

އެ ޕްރޮޖެކްޓަކީ، ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތަރައްގީކޮށް އިގުތިސާދު ކުރިއަރުވައި، އާމްދަނީގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން މޫދު ކޮށީގައި ފާނަ ބޮޑުކުރުން ތަޖުރިބާ ކުރުމަށް، ރައްޔިތުން ޝާމިލްވާގޮތަށް ހިންގާ ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ރަށުގެ ފަރާތްތަކުގެ މަސައްކަތުން އާލާކޮށްފައިވާ ފާނައިގެ ފުރަތަމަ ބެޗު މިހާރު އެކްސްޕޯޓު ކުރުމަށް ތައްޔާރުވެފައިވާއިރު އެ ޕްރޮޖެކްޓު މުޅި އަތޮޅަށް ފުޅާކުރުމަށް ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކްސްޕޯޓުކުރާ ފާނަތައް މާކެޓުކުރުމުގައި ކާމިޔަބުވުމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކާމިޔާބު އިތުރު ޝިޕްމެންޓްތައްވެސް މުސްތަގުބަލުގައި ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަހިބަދޫގައި ހައްދާ ފާނަތައް ކުޑައިރު ނަގައިގެން ގޮސް ރ. އަތޮޅުގައި ހުންނަ ފާނަ އާލާކުރުމަށް ހާއްސަކޮށްފައިވާ ރަށް ކަމަށްވާ ފެންފުށީގައި އެތަކެތި ބޮޑުކުރެއެވެ. އަދި އެތަކެތި އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީވެސް ފެންފުށީންނެވެ.

މަހިބަދޫއިން ގެންދާ ސްޓޮކްތަކުގެ ތެރެއިން ފާނަ 1.5 ކިލޯއާ ހަމައަށް ބޮޑުކުރުމަށްފަހު އެމްސްޓަޑޭމް އަށް ފޮނުވާނެ އެވެ. އެގޮތުން ކަލްޗާ ކޮށްފައިވާ ފާނަތަކުގެ ފުރަތަމަ ބެޗު މިއަންނަ މަހުގައި އެކްސްޕޯޓު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް