ކަރަންޓު ކެނޑުމުން މޯބައިލް ހިދުމަތަށް ބުރޫއަރާފާނެ: ދިރާގު

ދިރާގު ހެޑްއޮފީސް--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިއަދު މާލޭގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑުމާ ގުޅިގެން މާލޭގައި ދިރިއުޅޭ ދިރާގު މޯބައިލް ސާވިސް ހޯދާ ފަރާތްތަކަށް ހިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިވުން އެކަށީގެންވާ ކަމަށް އެކުންފުނީން ބުނެފި އެވެ.

މިއަދު ހެނދުނުން ފެށިގެން މާލޭގެ ހުރިހާ ސަރަހައްދަކުން ވަނީ ކަރަންޓު ގޮސްފަ އެވެ. ސްޓެލްކޯއިން މައްސަލަ ހައްލުކުރުމަށްފަހު މިހާރު ގިނަ ސަރަހައްދުތަކަށް ވަނީ ކަރަންޓު ފޯރުކޮށްދީފަ އެވެ.

އެކަމާ ގުޅިގެން ދިރާގުން ދާދި ދެންމެއަކު ބުނެފައިވަނީ މާލެއިން މިއަދު ކަރަންޓު ދިޔުމާ ގުޅިގެން މޯބައިލް ސެލް ސައިޓުތައް އޮޕަރޭޓް ކުރަމުންދަނީ ބެކަޕް ބެޓެރި އާއެކުގައި ކަމަށެވެ.

އެހެންނަމަވެސް ގިނަ އިރުވަންދެއް ކަރަންޓު ދިޔުމުގެ ސަބަބުން ސެލް ސައިޓުތައް ފެއިލްވުން އެކަށީގެންވާ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. ނަތީޖާއެއްގެ ގޮތުން މާލޭގައި އުޅޭ ދިރާގު މޯބައިލް ސާވިސް ކަސްޓަމަރުންގެ ހިދުމަތަށް ބުރޫ އެރުން އެކަށީގެންވާ ކަމަށް ދިރާގުން ބުނެ އެވެ.

މުޅި މާލެއިން ކަރަންޓު ކެނޑުމަށްފަހު ބައެއް ސަރަހައްދުތަކަށް ކަރަންޓު އައިސް އަލުން ދިޔުމަށްފަހު މިހާރު ގިނަ ސަރަހައްދުތަކަށް ކަރަންޓު ވަނީ ލިބިފަ އެވެ. ކަރަންޓު ދިޔައީ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެގެން ކަމަށާއި އެ މައްސަލަ އިތުރަށް ބަލަމުން ގެންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް