ދައުލަތަށް ބުރައެއް، ސީހޯމް ސެފެޔާ ބޯޓުގެ ބަދަލަށް 9.2 މިލިއަން ރުފިޔާ ދޭން ހުކުމްކޮށްފި

ތިލަފުށީ ފަޅުގައި ވެރިޔަކު ނެތި އޮތް ދަގަނޑު ބޯޓު "ސީހޯމް ސެފެޔާ" --

ތިލަފުށީ ފަޅުގައި ވެރިޔަކު ނެތި އޮތް ދަގަނޑު ބޯޓު "ސީހޯމް ސެފެޔާ" ނަގަން ހަވާލުކުރި ޕާކްވަން އިންވެސްޓްމަންޓް އިން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އާ ދެކޮޅަށް ބަދަލު ހޯދުމަށް ދައުވާ ކުރި މައްސަލައިގައި ޕާކަވަން ކުންފުންޏަށް 9.2 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން، ތިލަފުށީ ފަޅުގައި ގަވައިދާ ހިލާފަށް އަޅާފައި އޮތް ސީހޯމް ސެފެޔާ އެތަނުން ނެގުމަށް ކޯޓުން ކުރި ހުކުމަކާ ގުޅިގެން، އެ ބޯޓު ކީހައި އެތަނުން ނަގަން ޖީއެމްއައިޒެޑްއިން ހަވާލު ކުރީ ޕާކަވަން ކުންފުންޏާ އެވެ. ތިރީސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ހަވާލުކުރީ، އެ ބޯޓުގެ މިލްކުވެރިކަންވެސް ޕާކަވަންއަށް ދޭ ގޮތަށެވެ.

ޕާކްވަން ކުންފުނިން ބޯޓު ނައްތަލުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ފުލުހުން ވަނީ ގުރައިދޫ ކޯޓުގެ އަމުރަކާއެކު އެ ބޯޓު ނައްތާލުމުގެ މަސައްކަތް ހުއްޓުވާފަ އެވެ. ނަމަވެސް ފަހުން އެ އަމުރު ބާތިލު ކުރި އެވެ. އޭރު ވަނީ ކުރިން ނެރުނު އަމުރު ތަންފީޒު ކޮށްފަ އެވެ. އެ މަސައްކަތް ހުއްޓުވާލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 780،000 ޑޮލަރު (10.9 މިލިއަން ރުފިޔާ) ނަގައިދިނުމަށް އެދި އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާ ކުރި އެވެ.

އެ މައްސަލައިގައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޕާކަވަންއަށް ދައުލަތުން ބަދަލު ދޭން ޖެހޭ ކަމަށް ނިންމައިފަ އެވެ. ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ކުރެއްވި އެ ހުކުމުގައި ނިންމާފައި ވަނީީ ބަދަލުގެ ގޮތުގައި 597،800 ޑޮލަރު (9.2 މިިލިއަން ރުފިޔާ) ނަގައިދިނުމަށެވެ. އެއީ ސީހޯމް ސެފެއާ ބޯޓުގެ ބާ ދަގަނޑުގެ ގޮތުގައި ވިއްކާލައިގެން ޕާކަވަން ކުންފުންޏަށް ލިބެން ޖެހޭނެ އަދަދު ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ. އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވެ އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުން ބޯޓު ކީހާލައި ބާ ދަގަނޑުގެ ގޮތުގައި ވިއްކާލުމަށް ދިނުމުގެ އިހްތިޔާރަކީ ޖީއެމްއައިޒެޑްއަށް ލިބިގެންވާ އިހްތިޔާރެއްވެސް ނޫނެވެ.

ޖީމްއައިޒެޑްއެލްއިން އެ މައްސަލައިގައި މީގެ ކުރިން ބުނެފައިވަނީ، އެ ކުންފުނިން ޕާކްވަންއަށް ދޭން ޖެހޭނެ އެއްވެސް ބަދަލެއް ނޯންނާނެ ކަމަށެވެ. އަދި ބޯޓު ނައްތާލުމަށް ނިންމީ، ބޯޑުން ފާސްކޮށް، ކޯޓުއަމުރަކާއެކު، ފިނޭންސް މިނިސްޓްރީން ދިން ހުއްދައިގައި ކަމަށެވެ. އެކަމާ ގުޅިގެން ފިނޭންސް އިން ބުނަނީ، ބޯޓު ނައްތާލުމަށް އެކުންފުންޏަށް ހުއްދަ ނުދޭ ކަމަށެވެ. ބޯޓު ނައްތާލުމަށް ހަވާލުކުރަން ނިންމުމުގައި އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅަން މީގެ ކުރިން މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ނިންމާފައިވެ އެވެ.

ސީހޯމް ސެފެޔާ ބޯޓަކީ އޭގެ މިލްކުވެރިފަރާތެއް ނޭނގި ގިނަ ދުވަސްތަކެއް ވަންދެން އޮތް ބޯޓެކެވެ. ބޯޓު ތިލަފުށީ ފަޅުގައި އޮންނާތީ ތިމާވެއްޓަށް ގެއްލުންވަމުންދާތީ އާއި މަޝްރޫއުތައް ހިންގަން ދަތިވާތީ ސިވިލް ކޯޓަށް ދިއުމުން ބޯޓު ދައުލަތަށް ނަގައިދިނެވެ. އެ ފަހުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާވެސް ވަނީ އެ ބޯޓުގެ މިލްކުވެރިކަމަށް ދައުވާކޮށްފަ އެވެ.

comment ކޮމެންޓް