އަމީން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ކުރަން ފަށައިފި

މިނިސްޓަރުކަމުން އަމީން ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ މަޖިލިސް މެމްބަރަކު ސޮއި ކުރަނީ --

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކިކުރުމަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެދުމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ސޮއި ކުރަން ފަށައިފި އެވެ.

ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލައަށް ދުރުވެގެން ހުންނެވި، އަމީން މަގާމުން ވަކިކުރުމަށް އިތުބާރު އޮތްތޯ ބެލުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ނެގި ވޯޓުން، އޭނާ މަގާމުން ވަކިކުރަން ފާހެއް ނުވި އެވެ.

އެގޮތަށް ފާސްނުވި ނަމަވެސް، އެ ބައްދަލުވުމަށްފަހު އެމްޑީޕީ މެމްބަރުން ދަނީ އަމީން މަގާމުން ދުރުކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްޑީޕީގެ ޕީޖީގައި ހިމެނޭ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް ނަސީމް ވަނީ، ޓްވީޓް ކުރައްވާ އޭނާވެސް އެ މައްސަލައިގައި ސޮއި ކުރެއްވިކަން ހާމަކޮށްފައެވެ.

"އަމީން ފާޅުކަން ބޮޑު ގޮތެއްގައި ވައްކަންކޮށް، ރައްޔިތުންގެ މުސާރަ ނަގައިގެން އިތުރަށް މަގާމުގަ ހުރުމަށް ނޭދޭތީ، އޭނާގެ އިތުބާރު ނެތްކަމަށް މަޖިލިސް ތަޅުމަށް ހުށައެޅުމަށް ސޮއި ކޮށްފިން،" ސޮއި ކުރި ފޮޓޯއާއެކު މީކާއިލް ކުރި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި އެ މައްސަލައިގައި މީކައިލް ސޮއިކޮށްފައި ވަނީ 15 ވަނަ މެމްބަރުގެ ގޮތުގައެވެ.

މަޖިލިސް ގަވައިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ބޭނުން ވަނީ 10 މެމްބަރުންގެ ސޮއި އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުގެ އަދަދަކީ، 65 އެވެ.

ޕީޖީގައި މިއަދު ނެގި ވޯޓުގައި އެމްޑީޕީގެ 58 މެމްބަރުން ބައިވެރިވި އިރު، އަމީން ވަކިކުރުމަށް 27 މެމްބަރަކު ވޯޓު ދެއްވިއެވެ. އެ މައްސަލަ ފާސްނުވީ ތިން ވޯޓުގެ ތަފާތުންނެވެ.

އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޕާޓީގެ ވިޕްލައިންއާ ހިލާފަށްވެސް އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތަށް ވިދާޅުވީ، އަމީން މަގާމުން ވަކިކުރުމަށ ޕީޖީގެ ބައްދަލުވުމުން ބޭއްވުމުގެ ކުރިން ޕާޓީގެ ވަޓްސްއަޕް ގުރޫޕުގައި ހިނގައިދިޔަ ހޫނު ބަހުގެ ހަމަލާތަކުގައެވެ.

https://sun.mv/144495

comment ކޮމެންޓް