އަންނަ އޮކްޓޯބަރުގައި ޕޭމެންޓް ސިސްޓަމް ބޭނުންކުރަން ފެށޭނެ: ގަވަރުނަރު

ނޮވެމްބަރ 13، 2019: ގަވަރުނަރު އަލީ ހާޝިމް މަޖިލިސްގެ ކޮމިޓީއެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރުގެ އޮކްޓޯބަރު ހިސާބުގައި ނޭޝަނަލް ޕޭމެންޓް ސިސްޓަމް ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ހުށަހަޅުއްވާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލާ ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ހިއްސާ ކުރެއްވުމަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ރާއްޖެއަށް ޕޭމެންޓް ސިސްޓަމް ތައާރަފުކުރުމުގެ ވިސްނުން ގެންގުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށެވެ.

"މިހާރު ކުޑަކޮށް ލަސްވެގެން މިދިޔައީ މީގެ މާހިރުން ރާއްޖެއަށް ވަޑައިގަންނަވަމަން، ކޮވިޑް19ގެ ސަބަބުން ބަންދު ކުރުމުން ނާދެވިގެން. އަޅުގަނޑުމެން އުއްމީދު ކުރަނީ މިއަންނަ އަހަރުގެ އޮކްޓޯބަރު ހިސާބުގައި މީތި ފުލީ ލައިވް ކުރެވޭނެ ކަމަށް،" އަލި ހާޝިމް ވިދާޅުވި އެވެ.

ޕޭމެންޓް ސިސްޓަމްގެ ގާނޫނުގެ މުހިއްމުކަން ފާހަގަކުރައްވާ ގަވަރުނަރު ވިދާޅުވީ މި ގާނޫނުގެ ސަބަބުން ފައިނޭންޝަލް ޕޭމެންޓުގެ ދާއިރާގައި އުޅޭ ފަރާތްތަކާއި ބެންކުތައް އެއް ސިސްޓަމަކުން ގުޅާލެވޭނެ ކަމަށެވެ. މިއީ ލާމަރުކަޒު ކުރުމަށްވެސް ފަސޭހަވާނެ ކަމެއް ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

މި ސިސްޓަމްގެ ބޭނުމަކީ އެންމެން އެއް ހަމައަކަށް އެއް ޕްލެޓްފޯމަކަށް ގެނައުން ކަމަށާއި އެއީ އާދައިގެ ރައްޔިތުމީހާ އަށްވެސް ރައްކާތެރިކަމެއް ލިބިދޭނެ ކަމެއްކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. މި ސިސްޓަމްގައި ބޭުންކުރާނެ ސްޓޭންޑާޑަކީ އައިއެސްއޯ 222 ކަމަށާއި މިއާއެކު އެހެން ގައުމުތަކުގައި ހުރި ސިސްޓަމްތައްވެސް މިއަށް ގުޅާލަން ފަސޭހަވާނެ ކަމަށެވެ.

"އެއް ލޭންގުއޭޖަކުން ވާހަކަ ދައްކާނީ. އެހެންވީމާ ތިބޭފުޅުން ތި އުއްމީދު ކުރައްވާ ގިނަ ހިދުމަތްތައް، ބޭރުގެ އިންޓަނޭޝަނަލް ހިދުމަތްތައް މިއަށް ގުޅަން ފަހިވެގެންދާނެ،" ގަވަރުނަރު ވިދާޅުވި އެވެ.

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލަކީ ދިވެހި ފައިސާއިން ނުވަތަ ބޭރު ފައިސާއިން ނަމަވެސް ޕޭމަންޓް ތަކާއި ފައިސާ ޓްރާންސްފާތައް ފޮނުވުމާއި ލިބުން، އަދި ޕްރޮސެސްކުރުމާ ގުޅުން ހުރި އެންމެހައި ކަންކަން ހިމެނޭ ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމާއި، ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ހިދުމަތްތައް ރެގިއުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.

މި ބިލާއެކު ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އިތުރުވެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއް ހަމައެއްގައި ވާދަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް