ކައުންސިލް އިންތިހާބް އެމްޑީޕީއަށް ފަސޭހައެއް ނުވާނެ: ރައީސް ނަޝީދު

ތާޖުއްދީން ސްކޫލްގައި މިރޭ ބޭއްވި އެމްޑީޕީގެ 171 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު--

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބް ކާމިޔާބުކުރަން އެމްޑީޕީއަށް ފަސޭހަނުވާނެކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތާޖުއްދީން ސްކޫލްގައި ރޭ ބޭއްވި އެމްޑީޕީގެ 171 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީން ދެން ކުރިމަތިލާން އޮތް އެންމެ ބޮޑު އިމްތިހާބަކީ ކައުންސިލް އިންތިހާބް ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ދައުރުގެ މެދުންވެސް އަންނަ އިންތިހާބެއް. އެއީ މި ޕާޓީ ވެރިކަމުގައި އޮންނައިރު އަބަދުވެސް އުނދަގޫވާނެ. އެއްވެސް ސަރުކާރަށް އެއީ ފަސޭހައެއް ނޫން ދައުރު މެދުން އަންނަ އިންތިހާބް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބް ބާއްވަން ފުރަތަމަ ތާވަލްކޮށްފައި އޮތީ މިދިޔަ އޭޕްރީލް މަހަށެވެ. ނަަމަވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިންތިހާބް ވަނީ ފަސްކޮށްފައެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބްގައި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެ އެވެ. އޭގެ ތެރޭގައި ބައެއް ގޮނޑިތައް ވަނީ އަންހެނުންނަށްވެސް ހާއްސަކޮށްފައެވެ.

އޭގެ އިތުރުން ކައުންސިލަރުންގެ މުސާރަ ލިވިންގް އެލަވަންސާއެކު ވަނީ 30،000 އަށް ބޮޑުވެސްކޮށްފައެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކޮވިޑާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫތައް އެނގިލައްވާ ކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިންވެސް އަޅަމުންދާ ފިޔަވަޅުތަކަކީ މަޖުބޫރުވެގެން އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާއި އެކަން ހުރިހާ ރައްޔިތުންވެސް ޒިންމާދާރުކަމާއެކު ވިސްނަވަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮވިޑްގެ ހާލަތާ ގުޅިގެން އަންނަ އިގްތިސޯދީ ހީނަރުކަން ހަގީގަތުގައި ބައްދަލުވާނީ ފަހުން ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ އަޅުގަނޑުމެން ސިޔާސީ ލީޑާ ޝިޕް ޒިންމާދާރުކަމާއެކީގައި ރައްޔިތުންނަށް ދައްކަންވީ ވަގުތުކަމަށާއި އަދި ރައްޔިތުންގެ މުސްތަގުބަލަށް އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ އެމީހުންގެ މުސްތަގުބަލަށް އަޅުގަނޑުމެން ވިސްނާން ޖެހޭ ކަމަށެވެ.

"އަދި ކުރު މުއްދަތުގައި އަޅުގަނޑުމެންނަށް ދިމާވާނެ ސިޔާސީ ގޮންޖެހުންތަކަށް ވިސްނާން ޖެހޭނެ. އަޅުގަނޑު މިތާހުރެ ދެންނެވިދާނެ ޒިންމާދާރުކަމާއެކީގައި އަޅުގަނޑުމެން ހަރަދުތައް ކުޑަކޮށްގެން ކަންތައްތައް ކުރިއަށް ގެންދަން. އެހެން ނަމަވެސް އެނގިވަޑައިގަންނަވާނެ ކުޑަކުރާ ކޮންމެ ހަރަދަކީ ހަގީގަތުގައި އާއިލާއެއްގައި އާމްދަނީއެއްގައި އަތްލުން. ހަރަދުކުޑަކުރުމަކީ އެއްވެސް ސަރުކާރަކަށް ފަސޭހަކަމެއް ނޫން. އެއީ އަޅުގަނޑުމެން ބުއްދިވެރިކަމާއެކީގައި ޒިންމާދާރުކަމާއެކުގައި ބަލައިގެން ކުރަން ޖެހޭ ކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް