ވިއެޓްނާމްގައި ބިންގަނޑު ފޭބުމުގެ ހާދިސާއެއްގައި 14 ސިފައިންގެ މީހަކު މަރުވެއްޖެ

ވިއެޓްނާމްގައި ހިނގި ބިންގަނޑު ފޭބުމުގެ ހާދިސާއެއްގައި ސިފައިންގެ ކޭމްޕަކަށް ވަނީ ގެއްލުން ލިބިފަ -- ފޮޓޯ: އޭޕީ

ހަނޯއީ (އޮކްޓޯބަރު 18): ވިއެޓްނާމްއަށް ބޯކޮށް ވާރޭ ވެހި، އިއްޔެ ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި އަސްކަރީ ކޭމްޕަކަށް ގެއްލުން ލިބުމުގެ ސަބަބުން 14 ސިފައިންގެ މީހަކު މަރުވެއްޖެ އެވެ.

ވިއެޓްނާމްގެ ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން ބުނި ގޮތުގައި އެގައުމަށް ބޯކޮށް ވާރޭ ވެހޭތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ފެންބޮޑުވުމާއި ބިންގަނޑު ފޭބުމުގެ ހާދިސާތަކުގައި މިހާތަނަށް 64 މީހަކު ވަނީ މަރުވެފަ އެވެ. އަދި އިއްޔެ އެގައުމުގެ ކުއަން ޓްރީ ޕްރޮވިންސުގެ އަސްކަރީ ކޭމްޕެއް ކައިރީ ބިންގަނޑު ފައިބާ، އެ ކޭމްޕަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެ ހާދިސާގައި މިހާތަނަށް 14 ސިފައިންގެ މީހަކު މަރުވެ، ގެއްލިފައިވާ އަށް މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކުއަން ޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ހުރި ފަރުބަދައިން އިއްޔެ ފަސް ވަރަކަށް ފަހަރު ކިސަޑު ފޭބި އެވެ. އަދި ގައުމުގެ އަސްކަރިއްޔާއިން ވަނީ ބިންގަނޑު ފޭބުމުގެ އިތުރު ހާދިސާތައް ހިނގާފާނެ ކަމަށާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރައްކާތެރި ކަމާ އެކު ކުރިއަށް ދެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ބުނެފަ އެވެ.

ވިއެޓްނާމްގައި އެ ހާދިސާ ހިނގީ މިދިޔަ ހަފްތާގައި އެގައުމުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި ހައިޑްރޯޕަވާ ޕްލާންޓަކަށް ގެއްލުން ލިބި، އެ ކާރުހާނާގައި ތިބި ބަޔަކު ގެއްލުނު ފަހުންނެވެ. އަދި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އަނެއްކާވެސް ކިސަޑު ފައިބާ، މީހުން ސަލާމަތް ކުރަން ދިޔަ ޓީމުގެ 13 މެމްބަރަކު މަރުވި ފަހުންނެވެ.

comment ކޮމެންޓް