މި އަހަރު އޭޝިއާއަށް އައި އެންމެ ބާރުގަދަ ތޫފާން ކަމަށްވާ ސުޕަ ޓައިފޫން ޔާގީ ވިއެޓްނާމްގެ އުތުރަށް އަރައި, މިހާތަނަށް ހަތަރު މީހަކު މަރުވެއްޖެއެވެ.
އިންޑޯ ޕެސިފިކް ޓްރޮޕިކަލް ސައިކްލޯން ވާނިން ސެންޓަރުން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ހެނދުނު ވިއެޓްނާމްގެ ހައި ފޮންގް އަދި ކުއަންގް ނިން ޕްރޮވިންސްތަކަށް ތޫފާން އަރާފައިވާއިރު، ގަޑިއަކު 126 މޭލަށް ވައިގަދަވެފައިވެއެވެ.
ވައިގަދަވުމުގެ ސަބަބުން އިމާރާތްތަކަށާއި އުޅަނދުތަކަށް ގެއްލުން ލިބިފައިވާއިރު، ގަސްތައް ވެއްޓި ވެރިރަށް ހަނޯއީން ވަނީ ކަރަންޓު ވެސް ކެނޑިފައެވެ.
ވިއެޓްނާމްގެ ދައުލަތުގެ މީޑިއާއިން ބުނީ، އުތުރުގެ ކުއަންގް ނިން ޕްރޮވިންސްގައި ހޮނިހިރު ދުވަހު ތިން މީހަކު މަރުވެފައިވާއިރު، ހަނޯއީ ކައިރީގައި އޮންނަ ހައި ޑޫއޮންގްގައި އިތުރު މީހަކު މަރުވެފައިވާ ކަމަށެވެ. އެ ސަރަހައްދުން 78 ވަރަކަށް މީހުންނަށް އަނިޔާވެފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އޭގެ އިތުރުން ގިނަ އަދަދެއްގެ މަސްވެރިން ވެސް ވަނީ ގެއްލިފައެވެ.

ތޫފާންގެ ސަބަބުން ބޯކޮށް ވާރޭވެހި މަގުތަކަށް ގެއްލުންވެފައި. ފޮޓޯ/ރޮއިޓާސް
ގާތްގަޑަކަށް ދެ މިލިއަން މީހުން ދިރިއުޅޭ ވިއެޓްނާމްގެ ހައި ޕޮންގް ޕްރިވިންސްގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވާއިރު، ކާރުޚާނާތަކާއި އެއާޕޯޓުގެ މަސައްކަތްތަކަށް ވެސް ވަނީ ބުރޫ އަރައިފައެވެ. ވިއެޓްނާމްގެ އައްސޭރިފަށުގެ ރަށްތަކުން ގާތްގަނޑަކަށް 50،000 މީހުން ނެރެފައިވެއެވެ. ޖުމުލަ 12 ސަރަހައްދެއްގެ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.
ތޫފާން ޔާގީ އެންމެ ފަހުން އެރީ ޗައިނާގެ މަޝްހޫރު ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ހައިނާންއަށެވެ. ތޫފާނުގެ ސަބަބުން ތިން މީހުން މަރުވެ، 100 މީހުން ޒަޚަމުވިއެވެ. އެ ސަރަހައްދުން 400،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވެއެވެ.
ތޫފާން ޔާގީއަކީ މި އަހަރުގެ މިހާތަނަށް އައި ދެވަނައަށް އެންމެ ބާރުގަދަ ތޫފާނެވެ. މި ހަފުތާގެ ކުރީކޮޅު ފިލިޕީންސްގެ އުތުރަށް އެރި އެ ތޫފާންގެ ބާރު މިހާރު ވަނީ ދެގުނައަށް އިތުރުވެފައެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ތޫފާން އަރާ މިންވަރު އިތުރުވެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.