ރިޝްވަތުގެ މައްސަލައެއް ފެންމަތިވެ ވިއެޓްނާމްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވައިފި

އެޓްނާމްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ވުއިންގް ޑޮން ހޫ. ފޮޓޯ/ނިއު ޔޯކު ޓައިމްސް

ރިޝްވަތުގެ މައްސަލައެއް ފެންމަތިވެ، ވިއެޓްނާމްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ވުއިންގް ޑޮން ހޫ އިސްތިއުފާ ދެއްވައިފި ކަމަށް އެ ގައުމުގެ ވެރިކަންކުރާ ކޮމިޔުނިސްޓް ޕާޓީން ބުނެފިއެވެ.

ނަމަވެސް އެ ކަމާގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.

އެ ޕާޓީގެ ސެންޓްރަލް ކޮމިޓީން ހުކުރު ދުވަހު ވަނީ ރައީސްގެ އިސްތިއުފާއަށް ރުހުން ދީފައެވެ.

ގައުމީ މަޖިލީހުގެ ޑެޕިއުޓީ ހެޑް އަދި ހޫގެ އެސިސްޓެންޓް ފަމް ތައި ހާވެސް ވަނީ މީގެ ހަތަރު ދުވަސް ކުރިން ހައްޔަރުކޮށްފައި ކަމަށް ދައުލަތުގެ މީޑިއާ، ވީއެންއެކްސްޕްރެސްއިން ރިޕޯޓުކޮށްފައިވެއެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ މާޗް މަހު ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވި އުމުރުން 67 އަހަރުގެ ހޫ އަކީ ވިއެޓްނާމްގެ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އަކީ ވިއެޓްނާމްގެ އެންމެ ބާރުގަދަ މަގާމު ކަމަށްވާ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ މަގާމަށް ކުރިމަތިލާން ޝަރުތު ހަމަވާ މީހެކެވެ. މަޖިލީހުގެ އިސްވެރިޔާގެ މަގާމަކީ ދައުލަތުގެ ލީޑާޝިޕްގެ ބާރުގަދަ ހަތަރު މަގާމުގެ ތެރެއިން އެއް މަގާމެވެ.

ހޫ އިސްތިއުފާ ދެއްވައިފައިވަނީ، 2016 ވަނަ އަހަރު ފެށި "ބްލޭޒިން ފާނަސް" ގެ ނަމުގައި ރިޝްވަތާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ކެމްޕޭނުގެ ދަށުން ދެ ރައީސަކާއި ދެ ބޮޑުވަޒީރަކު ޖަލަށްލައިފައިވާއިރު، އެތައް ސަތޭކަ އޮފިޝަލުންނަށްވެސް ވަނީ ޖަލު ހުކުމް އިއްވައިފައެވެ.

އެގޮތުން ވިއެޓްނާމްގެ ބޮޑު ސޮފްޓް ޑްރިންކްސް އުފައްދާ ކުންފުނީގެ ވެރިޔާ ޓްރާން ކުއީ ތާންއަށް 40 މިލިއަން ޑޮލަރުގެ މަކަރާއި ހީލަތުގެ މައްސަލައެއް ސާބިތުވެ، މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަށް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.

comment ކޮމެންޓް